ދައުލަތުން ކުދިން ބަލަހައްޓާ ހުޅުމާލޭ ފިޔަވަތީގެ ފުރާޅަން ކުދިންނަށް ނޭރޭނެ ގޮތަކަށް އިންތިޒާމްތައް ހަމަޖެއްސުމަށް ޖެންޑާ މިނިސްޓްރީއަށް އަންގަން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ނިންމައިފި އެވެ.
މިދިޔަ ހުކުރު ދުވަހުން ފެށިގެން އެތަނުގައި ބަލަހައްޓަމުންދާ ކުދިން ހިންގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން އެ ކޮމިޓީން އިސްނަގައިގެން ވަނީ ކަން ހިނގަމުންދާގޮތް ބެލުމަށް ނިންމާފަ އެވެ. އެގޮތުން ކޮމިޓީން، މިއަދު ބޭއްވި ބައްދަލުވުމުގައި ޗިލްޑްރަންސް އޮމްބަޑްސް ޕާސަންގެ އޮފީހާއި ހިއުމަން ރައިޓްސް ކޮމިޝަނުން އެކުލަވާލާފައިވާ ހަތަރު ރިޕޯޓެއް ދިރާސާކޮށް ކަންތައްތަކެއް ރަނގަޅު ކުރަން އަންގަން ކޮމިޓީން ފާސްކުރި އެވެ.
އޭގެ ތެރޭގައި ހިމެނެނީ ވީހާވެސް އަވަހަކަށް އެ ތަނުގެ ފުރާޅަން ކުދިންނަށް ނޭރޭނެ ގޮތަކަށް އެރެން ހުރި ތަންތަން ބަންދު ކުރަން އެންގުމެވެ. އަދި ފިޔަވަތީގައި ހުރި އަލިފާން ނިއްވާ ފުޅިތައް މުއްދަތު ހަމަވެފައިވާކަން އެނގިފަވާތީ އެކަން ހައްލުކުރަން އަންގަން ފާސްކުރި އެވެ.
ހަމަ އެއާއިއެކު އެތަނުގައި ތިބި ކުދިންގެ ތެރެއިން ރަށްރަށަށް ބަދަލު ކުރަން ނިންމާފައިވާ ކުދިން ބަދަލު ކުރުން ލަސްވާ ސަބަބު ދެނެގަންނަން ނިންމި އެވެ. މީގެ އިތުރުން މިފަހަރު މައްސަލަ އުފެދުނު ރޭ އެ ސަރަހައްދުގައި ފުލުހުން އަމަލު ކޮށްފައިވާ ގޮތް ބެލުމަށްވެސް ޖެންޑާ ކޮމިޓީން ނިންމި އެވެ.
އެރޭ ފިޔަވަތީގައި ވަނީ އަލިފާންވެސް ރޯކޮށްލާފަ އެވެ. އަދި އޭގެ ފަހުން މިދިޔަ ތިން ދުވަހުވެސް އެ ތަނުގައި ކުދިން އަޑުގަދަ ކުރުމާއި ފުރާޅަށް އެރުމުގެ މައްސަލަ ވަނީ އިތުރުވެފަ އެވެ.
މިކަމާއި ގުޅިގެން ޖެންޑާ މިނިސްޓްރީން ވަނީ އެ ކުދިން ކުރާ އެފަދަ ކަންކަން ބެލުމަށް އާންމުން އެތަނަށް އެއް ނުވުމަށް އިލްތިމާސްކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް