ސާފް ޗެމްޕިއަން ސިޕް މިހާރުގެ ނަމުންނަމަ ސާފް ސުޒުކީ ކަޕް އަކީ ސައުތު އޭސިއަން ފުޓްބޯޅަ ފެޑެރޭޟަން އިން އިންތިޒާމުކޮށްގެން ބާއްވާ ބައިނަލްއަޤްވާމީ ސަރަހައްދީ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތެކެވެ.
ކޮންމެ ދެ އަހަރަކުން އެއް ފަހަރު ބާއްވަމުން އަންނަ މި މުބާރާތް އެންމެ ފުރަތަމަ ބޭއްވުނީ 1993 ވަނަ އަހަރު ޕާކިސްތާނުގައެވެ. އޭރު މި މުބާރާތް ބޭއްވިގެން ދިޔައީ ސައުތް އޭޝިއަން އެސޯސިއޭޝަން އޮފް ރީޖަނަލް ކޯޕަރޭޝަން ގޯލްޑް ކަޕްގެ ނަމުގައެވެ. ނަމަވެސް 1995 ވަނަ އަހަރު ސްރީލަންކާގައި ބޭއްވުނު މުބާރާތުން ފެށިގެން މުބާރާތުގެ ނަން ސައުތް އޭސިއަން ގޯލްޑް ކަޕްގެ ނަމަށް ބަދަލުކުރެވުނެވެ. އޭގެ ފަހުން ސާފް ޗެމްޕިއަންޝިޕް ގެ ނަމުގައި މުބާރާތް ބޭއްވެމުން އައިސް 2015 ވަނަ އަހަރުން ފެށިގެން މި މުބާރާތް ބާއްވަމުން އަންނަނީ ސާފް ސުޒުކީ ކަޕްގެ ނަމުގައެވެ. ސާފް ސުޒުކީ ކަޕް ގެ ނަމަށް މުބާރާތުގެ ނަން ބަދަލުކުރެވުނީ ޖަޕާނުގެ ސުޒުކީ މޯޓަރ ކޯޕަރޭޝަންއިން މުބާރާތް ސްޕޮންސަރ ނެގި ހިސާބުން ފެށިގެންނެވެ.
މީގެ ކުރިން މި މުބާރާތުގައި ސާކް ސަރަހައްދުގެ އަށް ގައުމަކުން ވާދަކުރިއެވެ. އެއީ އަފްގާނިސްތާން، ނޭޕާލް، ބޫޓާން، އިންޑިއާ، ޕާކިސްތާން، ސްރީ ލަންކާ، ރާއްޖެ، ބަނގްލަދޭސްއެވެ. ނަމަވެސް މި މުބާރާތުގައި ކުރިން ބައިވެރިވަމުން އައި އަފްގާނިސްތާން ވަނީ 2015 ވަނަ އަހަރު އިންޑިއާގައި ބޭއްވުނު މުބާރާތައް ފަހު ސައުތް އޭސިއަން ފުޓްބޯޅަ ފެޑެރޭޝަނުން ވަކިވެ ސެންޓްރަލް އޭސިއަން ފުޓްބޯޅަ ފެޑެރޭޝަން (ކާފް) ގެ ގައުމެއްގެ ގޮތުގައި ރެޖިސްޓްރީވެފައެވެ. އެހިސާބުން ފެށިގެން އަފްގާނިސްތާން މި މުބާރާތުގައި ބައިވެރި ނުވެއެވެ.
އަފްގާނިސްތާން މި މުބާރާތުގައި ވާދަކުރުން ހުއްޓާލާފައިވާއިރު، މިހާރު މި މުބާރާތުގައި ވާދަކުރަމުން އަންނަނީ ހަތް ގައުމަކުންނެވެ. އެއީ އިންޑިއާ، ނޭޕާލް، ބަނގްލަދޭސް، ދިވެހިރާއްޖެ، ބޫޓާން، ސްރީ ލަންކާ އަދި ޕާކިސްތާނެވެ.
1993 ވަނަ އަހަރުން ފެށިގެން ސާފް ޗެމްޕިއަންޝިޕްގެ 12 މުބާރާތެއް މިހާތަނަށް ކުޅެފައިވާއިރު، މި މުބާރާތް އެންމެ ގިނަ ފަހަރު ކާމިޔާބު ކޮށްފައިވަނީ އިންޑިއާއިންނެވެ. އިންޑިއާއިން ވަނީ މި މުބާރާތް މިހާތަނަށް ހަތް ފަހަރު ކާމިޔާބު ކޮށްފައެވެ. ދެވަނައަށް މި މުބާރާތް އެންމެ ގިނައިން ކާމިޔާބު ކޮށްފައިވަނީ ދިވެހި ރާއްޖެއެވެ. ދިވެހިރާއްޖެ ވަނީ މިހާތަނަށް މި މުބާރާތް ދެ ފަހަރު ކާމިޔާބު ކޮށްފައެވެ.
ސާފް ޗެމްޕިއަންޝިޕް މުބާރާތް އެންމެ ފަހުން ބޭއްވުނީ 2018 ވަނަ އަހަރު ބަނގްލަދޭސްގައެވެ. އެފަހަރު އިންޑިއާ ބަލިކޮށް މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ދިވެހިރާއްޖެއެވެ. މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުންނަކީ ވެސް ދިވެހިރާއްޖެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް