2022 ވަނަ އަހަރަށް ހުށަހެޅުމަށް ނިންމާފައިވަނީ 37 ބިލިއަން ރުފިޔާގެ ބަޖެޓެއްކަމަށާއި ފައިނޭންސިންގ ގެޕް ބޮޑުވުމާއެކު ބަޖެޓް އެއަށްވުރެ މާބޮޑު ނުކުރެއްވުމަށް ހުށަހަޅުއްވާކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް 2022ން 2024ށް މެދުރާސްތާގެ ފިސްކަލް އަދި ޑެޓް ސްޓްރެޓެޖީގެ ޕްރެޒެންޓޭޝަން ހުށަހަޅުއްވަމުން މިނިސްޓަރ ވިދާޅުވީ ބަޖެޓް 40 ބިލިއަނަށްވުރެ ބޮޑުވާނަމަ ބަޖެޓް ފައިނޭންސް ކުރުމަށް ބޭނުންވާ ފައިސާ އިތުރުވެ ފައިނޭންސް ހޯދުމަށް ދަތިވާނެކަމަށެވެ. އަދި 34 ބިލިއަނަށް ބަޖެޓް ކުޑަކުރާނަމަ ދައުލަތުގެ ޚަރަދުތަކުގެ ތެރެއިން ކުޑަކުރެވޭނެ ޚަރަދުތައް ކަނޑައަޅާ ފިޔަވަޅު އަޅަންޖެހޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ އަންނަ އަހަރުގެ ޖުމްލަ ބަޖެޓް ހުންނާނެކަމަށް ލަފާކުރެވެނީ 33.8 ބިލިއަން ރުފިޔާގައިކަމަށެވެ. ރިކަރަންޓް ޚަރަދުގެ ގޮތުގައި 23.9 ބިލިއަން ރުފިޔާ އާއި ކެޕިޓަލް ޚަރަދުގެ ގޮތުގައި 12.6 ބިލިއަން ރުފިޔާ އަންނަ އަހަރު ބޭނުންވާނެއެވެ. އަދި ނިއު ޕޮލިސީ އިނީޝިއޭޓިވްގެ ގޮތުގައި 500 މިލިއަން ރުފިޔާގެ މާކެއް މިނިސްޓްރީން ވަނީ ކަނޑައަޅާފައެވެ. މިނިސްޓަރ ވިދާޅުވީ އާމްދަނީ ހޯދާނެ ގޮތްތައް އިތުރުނުކޮށް މިއަހަރުގެ ބަޖެޓާއި މިދިޔަ އަހަރުގެ ބަޖެޓްގައި އާމްދަނީ ހޯދުމަށް ހުށަހަޅާފައިވާ ކަންކަން ތަންފީޒުކޮށްގެން އަންނަ އަހަރު އާމްދަނީ ހޯދުމަށް މަސައްކަތްކުރައްވާނެކަމަށެވެ.
އަންނަ އަހަރު ދައުލަތަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް ބަލާފައިވަނީ 23.6 ބިލިއަން ރުފިޔާއެވެ. އެހެންކަމުން ބަޖެޓް ފައިނޭންސިންގ އަށް 13.4 ބިލިއަން ރުފިޔާ ބޭނުންވެއެވެ. އަންނަ އަހަރުގެ ބަޖެޓް ފައިނޭންސިންގ 5 ބިލިއަން ރުފިޔާ ހުރީ ހަމަޖެހިފައިކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް