ނޯރާ ފަތޭހީ އަކީ އަބަދުވެސް ފެޝަނުގެ އެންމެ ކުރީގައި އުޅޭ 'ޓްރެންޑް ސެޓަރ' އެކެވެ. ނޯރާގެ ވައްޓަފާޅި އަދި ލަގްޒަރީ ހޮވުންތަކުން އޭނާގެ ފެޝަން އަބަދުވެސް ފެނިގެން ދެއެވެ.
މިދިޔަ ހަފްތާ ބަންދާއި ދިމާކޮށް ނޯރާވަނީ ކެނެޑާއަށް އައިސްފަ އެވެ. އޭނާގެ އުފަންރަށަކީ ކެނެޑާގެ ޓޮރޮންޓޯ ކަމަށްވުމުން އޭނަ އަނބުރާ މަސައްކަތައް ނިކުތުން މި ފާހަގަ ކޮށްލަނީ އޭނާގެ ހިތްގައިމު ވައްޓަފާޅިން ނެވެ.
މިފަހަރު ފެނިލުމުގައި އޭނާ ލައިގެން ހުރީ އާދައިގެ މަޑު ފެހިކުލައެއްގެ ސެޓެކެވެ. މި ސެޓްގައި ހުދުކުލައިގެ މައްޗަކާއި އެއްކޮށް ފެހި ސޯޓެއް އަދި އެއާއި ގުޅޭ ފެހި ކުލައިގެ ބްލޭޒަރ އިން ނޯރާގެ ރީތިކަން ފެނިގެން ދެއެވެ. މޫނުމަތި ފުޅާ އަވިއައިނަކުން ފޮރުވާލެވިފައި އަދި އިސްތަށިގަނޑު އާދައިގެ މަތިން ނިއުޅާލެވިފައި ހުރި ނަމަ މި ފެނިލުމުން އެންމެ އަޅައިގަންނަނީ އޭނާ ގެ ހެދުން ފުރިހަމަ ކޮއްލަން އަތުގައި އަޅުވާލާފައި އިން ހުދު ކުލައިގެ "ހާރމްސް ބާރކިން" ދަބަހެވެ.
ބާރކިން މަރުކާގެ ދަބަހުގެ ފެށުމަށް ބަލާއިރު އެންމެ ފުރަތަމަ ދަބަހުގެ ޚިޔާލު އުފަންވެފައި ވަނީ މަތިންދާ ބޯޓެއްގެ ތެރެއިން ކަމަށްވެއެވެ. އަލަތު މައެއްގެ ބޭނުންތަކަށް ކަމުދާ ދަބަހެއް ނުލިބޭ ކަމުގެ ޝަކުވާ ކުރަމުން ދިޔަ ޖޭން ބާރކިން، މި ދަތުރުމަތީގައި އިނީ ހާރމްސް ކުންފުނީގެ އެގްޒެކުޓިވް ޗެއަރމަން ޖޯން-ލުއީ ޑުމަސް އާއި ޖެހިގެން ކަމުގައި ވެއެވެ.
އުފެންދުންތެރި ކަމުގެ ތޫނު ނަޒަރެއް ލިބިގެންވި ޑުމަސް، ވަގުތުން މައިންނަށް ކަމުދާ ފަދަ ރީތި އަދި ބޭނުންތެރި ދަބަހެއްގެ ކުރެހުމެއް ކުރަހާލި އެވެ. ހާރމްސް ބާރކިން ދަބަހެއްގެ އަގު 40،000 އާއި 500،000 ރުފިޔާއާއި ދެމެދުގައި އުޅޭއިރު މިއީ ދުނިޔޭގެ އެންމެ ލަގްޒަރީ ދަބަސް ކަމުގައި ވެއެވެ. މީގެ ދަބަހެއް ބޭނުން ނުވާނެ ފަރާތެއް ނުވާނެ އެވެ.
ނޯރާގެ ފިލްމީ ދާއިރާގެ އެންމެ ފަހުގެ ފެނިލުން ކަމުގައި ވެގެން ގޮސްފައިވަނީ އަޖޭ ދެވްގަން އާއި އެކު ކުޅެފައިވާ "ބޫޖް" އެވެ. މި ފިލްމު ވަނީ ޑިސްނީ-ހޮޓްސްޓަރ ޗެނަލްތަކުން މެދުވެރިވެ އިންޑިއާގެ މިނިވަން ދުވަހާއި ދިމާކޮށް ނެރެ ފައެވެ.
ތަރުހީބު ލިބެމުން އަންނަ މި ފިލްމުގައި މަޝްހޫރު ތަރިން ކަމުގައިވާ ސަންޖޭ ދަތް، ސޮނާކްޝީ ސިންހާ އަދި ޝަރަދް ކެލްކަރު ވެސް މުހިންމު ރޯލެ ތަކުން ފެނިގެން ދެއެވެ.
ޑިރެކްޓަރ އަބިޝެކް ޑުދައިޔާގެ އިރުޝާދަށް ނެރުނު މި ފިލްމުގެ ވާހަކައިގައި ދައްކައިދެނީ އިންޑިއާ-ޕާކިސްތާން ހަނގުރާމައިގެ ތެރޭގައި ގުޖުރާތްގެ 300 އަންހެނުން އަދާ ކޮއްފައިވާ މުހިންމު ރޯލެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް