އައްޑޫ ސިޓީގެ ކާފިއުގެ މުއްދަތު އަނެއްކާ ވެސް އިތުރު ކޮށްފި އެވެ.
މިދިޔަ އޮގަސްޓު 28 ގައި އެސިޓީ މޮނިޓަރިންނަށް ލީ ކޮވިޑް-19 ގެ ކޭސްތަކެއް ފެނުމުން ނެވެ.
އައްޑޫ ސިޓީ ކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ކާފިއުގެ ފިޔަވަޅުތައް އިތުރު ހަފްތާއަކަށް ދަމަހައްޓަން އެޗްޕީއޭ އިން ލަފާދެއްވާފައިވާ ކަމަށެވެ.
އެހެންކަމުން ރޭގަނޑު 9 އިން ފެށިގެން ފަތިހު 4 އަށް ބޭރަށް ނުކުތުން މަނާ ވާނެ ކަމަށެވެ. އަދި އެ ސިޓީގެ ރެސްޓޯރަންޓާއި ފިހާރަ ފަދަ ތަންތަނުން ޚިދުމަތް ދެވޭނީ ރޭގަނޑު 9 ޖަހަންދެން ކަމަށެވެ.
އެހެންނަމަވެސް އައްޑޫ އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އޭއީއޯސީ) ގެ ހުއްދައާއެކު ރެސްޓޯރަންޓުތަކުން ޑެލިވަރީގެ ޚިދުމަތް ދަންވަރު 12 ޖަހަންދެން ދެވޭނެ ކަމަށް ސިޓީ ކައުންސިލުން ބުނެފައި ވެއެވެ. އަދި ފިހާރަތަކުން ވެސް 10 ޖަހަންދެން ޑެލިވަރީގެ ޚިދުމަތް ދެވޭނެ ކަމަށް ބުންޏެވެ.
މީގެ އިތުރުން ކާފިއުގެ ވަގުތުގައި ކޮންމެހެން ނުކުންނަން ޖެހިއްޖެ ނަމަ، އޭއީއޯސީގެ ހުއްދަ ހޯދުމަށްވެސް ކައުންސިލުން ވަނީ އެދިފަ އެވެ.
މީގެ އިތުރުން އައްޑޫޣައި އަޅާފައިވާ ފިޔަވަޅުތައް:
- އާންމު އެއްވުންތަކާއި ހަފްލާތައް ބޭއްވުން މަނާކުރުން
- އެހެން ރަށްރަށަށް ދަތުރުކުރުމަށް އޭއީއޯސީގެ ހުއްދަ ހޯދަން ޖެހޭ
- ދަތުރު ކުރާ ފަރާތްތަކުން ޕީސީއާރު ޓެސްޓެއް ހުށަހަޅަން ޖެހޭ
އައްޑުސިޓީގައި އިއްޔެ ނުވަ މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ އިރު، މިހައިތަނަށްއެ ސިޓީން ބަލި ޖެހިފައިވާ މީހުންގެ އަދަދު 224 އަށް އިތުރުވެފައި ވާއިރު، ޖުމްލަ 1،237 މީހުން އެ ސިޓީން ކޮވިޑަށް ޕޮޒިޓިވްވެފައި ވެއެވެ.
މީގެ ތެރެއިން ރަނގަޅުވެފައި ވަނީ 1،010 މީހުން ނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް