ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި ރައްޔިތުންގެ މަޖިލީހަށް މުހައްމަދު ނާޒިމާއި އަބްދުالله ރިޔާޒު އިންތިހާބުކުރުމަށް 10 މިލިއަން ރުފިޔާ ހަރަދު ކުރެއްވި ކަމަށް ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވި ނަމަވެސް އެއީ ދެނަހުރި ކަމެއް ނޫން ކަމަށް ވިދާޅުވެ އެ ވާހަކައަށް ނާޒިމް ރައްދުދެއްވައިފި އެވެ.
ދާދި ފަހުން ޖޭޕީގެ ހެޑް ކުއާޓަރގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގާސިމް ވިދާޅުވީ، ނާޒިމާއި ރިޔާޒު މަޖިލީހަށް އިންތިހާބު ކުރުމަށް ކޮންމެ ބޭފުޅެއްގެ ކެމްޕެއިނަށް ފަސް މިލިއަން ރުފިޔާ ހަރަދު ކުރެއްވި ކަމަށެވެ. ނަމަވެސް އިހުލާސްތެރިވާން އެ ދެ ބޭފުޅުންނަށް އެނގިވަޑައިނުގެންނެވި ކަމަށް ވިދާޅުވިއެވެ.
"ދިވެެހިރާއްޖޭގެ އަޑުން" ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަދައްކަމުން ނާޒިމް ވިދާޅުވީ ކޮންމެ މެމްބަރަކަށް ހަރަދުކުރެވޭނެ މިންވަރު ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށާއި އެއަށް ވުރެ އިތުރަށް ފައިސާ ހަރަދުކޮށްފިނަމަ އެއީ މައްސަލައެއް ކަމަށެވެ.
"ޖުމްހޫރީ ޕާޓީން ކެމްޕޭނުގައި ކޮންމެ މެމްބަރަކަށް ވެސް ހަރަދުތަކެއް ކުރެއްވި ކަމަށް ގަބޫލުކުރަން. އެހެން ނަމަވެސް ތިފަދަ އަދަދެއް ކުރެއްވިކަން އެނގިވަޑައިގަންނަވާނީ އެކަން ކުރެއްވި ފަރާތަށް އެކަނި. އަޅުގަނޑު ނުދެނަހުރިން އެކަމެއް" ނާޒިމް ވިދާޅުވި އެވެ.
ޖީޕީން ވަކިވެ ނާޒިމް އިސްވެ ހުންނަވައި ސިޔާސީ ޕާޓީއެއްގެ ގޮތުގައި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ރަޖިސްޓަރކުރުމަށް އިލެކްޝަންސް ކޮމިޝަނަށް ވަނީ ހުށައަޅާފައެވެ.
ސިޔާސީ ޕާޓީއެއްގެ ގޮތުގައި އެމްއެންޕީ ރަޖިސްޓްރީ ކުރުމަށް ބުދަ ދުވަހު ހުށަހަޅާފައިވަނީ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއް ހިމެނޭ ގޮތަށް ރާއްޖޭގެ އެކިކަންކޮޅުތަކުން 5000 މެންބަރުންނަށް ވުރެ ގިނަ ފޯމާއެކުއެވެ. އިލެކްޝަންސް ކޮމިޝަނުން މޯލްޑިވްސް ނެޝަނަލް ޕާޓީގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް މަސައްކަތް ކުރުމުގެ ހުއްދަ ދެއްވާފައިވަނީ 15 ޖުލައި 2021 ގައެވެ. އެގޮތުން މިދިޔަ ދެ މަސްދުވަހުގެ ތެރޭގައި އެމްއެންޕީއާ ގިނަ އަދަދެއްގެ މެންބަރުން ދިޔައީ ގުޅެމުންނެވެ.
އޭގެތެރޭގައި ސިޔާސީ، އިޖްތިމާޢީ، އިޤްތިޞާދީ އަދި ތަޢުލީމީ ދާއިރާއިން ގިނަ ތަޖްރިބާތަކެއް ހޯއްދަވާފައިވާ ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ. އޭގެ އިތުރުން ހުނަރުވެރި ގިނަ ޒުވާނުން ވެސް އަންނަނީ ޕާޓީއާ ގުޅެމުންކަން ފާހަގަކުރެއެވެ. އެމްއެންޕީ އުފެއްދުމުގެ މަޤްޞަދަކީ ދިވެހީންގެ ތެރޭގައި ޤައުމީ ފިކުރު އާލާކޮށް، ދިވެހީން އެދޭ ކަންކަން ފުރިހަމައަށް ހާސިލްކުރުމަށްޓަކައި، ޤާނޫނީ ގޮތުން ލިބިދޭ އެންމެހައި ބާރާއި އިޚްތިޔާރާއި ޙައްޤުތައް ބޭނުންކޮށް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުމަށް ކަމަށް ވެސް ބުނެފައިވެއެވެ.
ފޯމު ހުށަހެޅުއްވުމަށްފަހު މީޑިއާއާ ވާހަކަ ދައްކަވަމުން ޕާޓީ އުފެއްދެވުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވިދާޅުވީ އެމްއެންޕީއަކީ ޑިމޮކްރަޓިކް އުސޫލުތަކާ އެއްގޮތަށް މަސައްކަތް ކުރާނެ ޕާޓީއެއް ކަމަށާއި، ޕާޓީގެ ކޮންމެ ކަމެއް ވެސް ކުރިއަށްދާނީ ޑިމޮކްރަސީގެ މިސާލާ އެއްގޮތަށް ކަމަށެވެ. އަދި ޕާޓީން ވެރިކަން ކުރާ ފަރާތަކަށް 5 އަހަރުގެ 2 ދައުރު ފުރިހަމަކުރަން ލިބޭނެ ކަމަށާއި، ކޮންމެ މަގާމަކަށް ވެސް އާދެވޭނީ އިންތިޚާބަކާ އެކުގައި ކަމަށެވެ. އަދި ޕާޓީއަކީ އެހެން ޕާޓީއަކަށް ނަމޫނާ ޕާޓީއަކަށް ހަދަން ބޭނުންވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ ހުށަހެޅި ފޯމްތަކުގައި ރާއްޖޭގެ ކޮންމެ ރަށަކުން ވެސް މީހަކު ހިމެނޭނެ ކަމަށާއި، އެގޮތަށް ހެދީ ހުރިހާ އެންމެން ބައިވެރިވާ ޕާޓީއަކަށް ހެދުމަށް ކަމަށާއި، މި އަހަރު ނިމުމުގެ ކުރިން ޕާޓީއަށް 10،000 މެންބަރުން ހަމަކުރުމުގެ މަސައްކަތް ޕާޓީގެ މެންބަރުންނާއެކު ކާމިޔާބު ކުރެވޭނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް