މިއަދު ދިވެހިރާއްޖޭގެ މިނިވަންކަމާ އިސްތިގްލާލު މިއޮތީ ރައީސް ޔާމީނާ ގުޅި ލާމެހިފައި ކަމަށް ޕީޕިއެމްގެ ނައިބު ރައީސް އަޙްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ ޖަލްސާގައި ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ އެމަނިކުފާނުގެ ޝަރީޢަތް ދަށު ކޯޓުތަކުގައި ފެށިގެން މިއަދާހަމައަށް އައިއިރު ދައްކަވާފައިވަނީ ސާބިތުކަން ކަމަށެވެ. އަދި ކޮންމެ ދުވަހެއްގެ އަޑުއެހުމުން ރައްޔިތުންނަށް ރައީސް ޔާމީންގެ ކުށެއް ނެތްކަން އިތުރަށް ހާމަވެގެންދާ ކަމަށެވެ.
މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ޝިޔާމް ވިދާޅުވީ ރައީސް ޔާމީންގެ ޝަރީއަތަކީ އިންސާފުވެރި ޝަރީޢަތެއް ނޫން ކަމަށާއި އެމަނިކުފާނުގަ މައްޗަށް ކުރި ދައުވާއާއި ޝަރީޢަތްކުރެވުނު މައްސަލައާއި މިހުރިހާ ކަމެއްގައި ވެސް ފެށުއެރުންތަކެއް ހުރި ކަމަށެވެ.
"ރައީސް ޔާމީންގެ އެކައުންޓަށް ޖަމާވެފައިވަނީ އެމަނިކުފާނަށް މީހަކު ދޭންޖެހޭ އެމަނިކުފާނަށް ދަރާފައިވާ ފައިސާ. މިވަގުތާ ހަމައަށްވެސް އެފައިސް ވަނީ ދައުލަތުގެ ބެލުމުގެ ދަށުގަ. މިމައްސަލައިގައި ކަންކަން ހިނގަމުންދާ ގޮތަކީ ގޭގެ ސިޓިންގ ރޫމްގައި އިންނަ ކުޑަކުއްޖާއަށް ވެސް ވިސްނޭ ކަންކަން. ކޯޓުތަކުގެ ފަނޑިޔާރުންނަށް މިކަންކަން ނުވިސްނޭ ސަބަބު އެބޭފުޅުން ކިޔާދެއްވަމުން އެބަގެންދަވާ." ޝިޔާމް ވިދާޅުވި އެވެ.
އޯޑިއޯތަކުގެ ހަގީގަތް ދެނެ ނުގަނެވެނީސް ސުޕްރީމް ކޯޓުގައި ރައީސް ޔާމީންގެ ޝަރީޢަތް ކުރިއަށް ގެނެދެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށްވެސް ޝިޔާމް ވިދާޅުވި އެވެ.
ޝިޔާމް ވިދާޅުވީ އެމަނިކުފާނުގެ މައްޗަށް ސުޕްރީމް ކޯޓުން ނާއިންސާފު ހުކުމެއްކޮށްފާނެތީ މިއަދު ބިރުވެރިކަން އެބައޮތް ކަމަށާއި ގައުމުގެ ރައްޔިތުންގެ ކުރިމަގު މިއޮތީ ރައީސް ޔާމީނާއި ގުޅިލާމެހިފައިކަމަށްވެސް ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް