ފަނޑިޔާރުގޭގެ އިދާރާ މުވައްޒަފުންނަށް ފޮނުވި މެސެޖުތަކެއް ލީކުުކުރި ކަމަށް ބުނެ ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު ޝުޖާއު އުސްމާންގެ މައްސަލައެއް ޑީޖޭއޭއަށް ހުށައަޅައިފިއެވެ.
މި މައްސަލަ ހުށައެޅުއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު އަދި ގާނޫނީ ވަކީލު ނާޒިމް ސައްތާރެވެ.
ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރު އައިޝަތު ރިޒުނާއަށް އެޑްރެސް ކުރައްވައި ނާޒިމް ފޮނުއްވި ސިޓީއެއްގައި ވަނީ މިދިޔަ މަހާއި މި މަހުގެ ތެރޭގައި ނާޒިމްގެ ފޯނުން ހައި ކޯޓުގެ އިދާރީ މުވައްޒަފުންނަށް ފޮނުއްވި މެސެޖްތަކެއް ޝުޖާއު ޓްވިޓާގައި ލީކް ކޮށްފައިވާތީ އެ މައްސަލަ ބައްލަވައި ދެއްވުމަށް އެދިފައެވެ.
ނާޒިމް ވަކާލާތު ކުރައްވާ ބައެއް މައްސަލަތައް ވަކި ފަނޑިޔާރުންތަކަކަށް ހަވާލުނުކޮށްދެއްވުމަށް އެދިވަޑައިގެން ހައި ކޯޓުގެ އިދާރީ މުވައްޒަފުންނަށް އޭނާ ކުރައްވާފައިވާ މެސެޖްތަކުގެ ސްކްރީން ޝޮޓެއް ޓްވީޓާގައި އާންމުކުރައްވައި ޝުޖާއު ވިދާޅުވީ އެއީ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުން ކަމަށެވެ.
ޝުޖާއު އަށް ރައްދު ދެއްވައި ނާޒިމް ވިދާޅުވީ ހައި ކޯޓުގައި އޭނާ ވަކާލާތު ކުރައްވާ ކޮންމެ މައްސަލައެއް އަބަދުވެސް ދެ ފަނޑިޔާރަކަށް ދެއްވާ ކަން ފާހަގަ ކުރެވޭތީ އެހެން ބަޔަކަށް ދެއްވަން އެދިވަޑައިގަތީ ކަމަށެވެ.
ހައި ކޯޓުގެ ހިންގެވުމާ ޝުޖާއު ހަވާލުވެވަޑައިގެން ހުންނެވިއިރު ވެސް އެ ގޮތަށް އަމަލު ކުރައްވާ ކަމަށާއި މައްސަލަތަކަށް ޝުޖާއު ނުފޫޒު ފޯރުވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް