ފިޔަވަތީގައި ދިރިއުޅޭ ކުދިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އާރކް އިން ސަރުކާރަށް ގޮވާލައިފި

ފިޔަވަތީގައި ދިރިއުޅޭ ކުދިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ދައުލަތުން އިސްކަންދީގެން އަވަސް ފިޔަވަޅުތަކެއް އެޅުމަށް އާކް އިން ގޮވާލައިފި އެވެ. އެ ޖަމިއްޔާ އިން ނެރުނު ބަޔާނެއްގައި ބުނެފ...

19 Sep 2021 | 05:13

ފިޔަވަތީގައި ދިރިއުޅޭ ކުދިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ދައުލަތުން އިސްކަންދީގެން އަވަސް ފިޔަވަޅުތަކެއް އެޅުމަށް އާކް އިން ގޮވާލައިފި އެވެ.

އެ ޖަމިއްޔާ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި އުމުރުން 13 އަހަރުން ދަށުގެ ކުދިން ދިރިއުޅޭ ފިޔަވަތި މަރުކަޒުގައި ހިނގަމުންދާ ކަންތައްތަކާމެދު އާކް އިން އިންތިހާއަށް ކަންބޮޑުވުން ފާޅުކުރާ ކަމަށެވެ.

ވޭތުވެދިޔަ ހަފުތާތަކުގެ ތެރޭގައި ކުދިންނާމެދު ނޭދެވޭ ފަދަ ގޮތްގޮތަށް ޢަމަލުކުރަމުންދާކަމުގެ ރިޕޯޓުތައް ލިބެމުން ގޮސްފައިވަނިކޮށް، 17 ސެޕްޓެންބަރު ގައި ފިޔަވަތި މަރުކަޒުގެ ޢިމާރާތުގައި ހިނގާދިޔަ އަލިފާނުގެ ހާދިސާއަކީ އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށް ވެސް އާރކް ގެ ބަޔާނުގައި ވަނީ ބުނެފަ އެވެ. އަދި ބަލަހައްޓާނެ އެއްވެސް ފަރާތެއްނެތި، ކުދިން ފުރާޅު މައްޗަށް އަރައި އެ ކުދިންނާމެދު ބަލައިނުގަނެވޭފަދަ ގޮތަކަށް ޢަމަލުތައް ކުރަމުންދާކަމަށް ބުނެ އެ ކުދިން ދެއްކި ވާހަކަތަކާމެދު އިންތިހާއަށް ކަންބޮޑުވާ ކަމަށް ވެސް ބުނެފައި ވެއެވެ.

"މިފަދަ ހާދިސާތައް ހިނގުމުން ދޭހަކޮށްދެނީ އެ ކުދިންނަށް ބޭނުންވާ އަޅާލުމާއި އެހީތެރިކަން ލިބެމުން ނުދާކަމެވެ. އެހެންކަމުން، އެ ކުދިންނަށް ބޭނުންވާ އެންމެހައި އަޅާލުމާއި އެހީތެރިކަން އެ ކުދިންގެ ޙައްޤުތަކާއި ކަރާމާތަށް އުނިކަން ނާންނާނެގޮތަށް ދައުލަތުން ކަށަވަރުކޮށްދިނުމަށް އާކް އިން ގޮވާލަމެވެ." އާރކް ގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

މީގެ އިތުރުން އެ ބަޔާނުގައި ބުނެފައިވަނި ފިޔަވަތީގައި މިހާރު ހިނގަމުންދާ "އެދެވިގެންނުވާ" ޙަރަކާތްތަކަކީ، ދާދި ފަހުން ކުޑަކުދިންގެ ހިޔާގައި ހިނގާދިޔަ ހާދިސާތަކަށް އިތުރުވެގެންދާ ކަމަކަށްވާއިރު، ފާއިތުވެދިޔަ ތިން މަހުގެ ތެރޭގައި ހިޔާގެ ކަންކަން މެނޭޖްކުރުމުގައާއި އެ ކުދިންގެ މުހުތާދުތަކަށް އަހަންމިއްޔަތުކަން ދިނުމުގައި ފެއިލްވުމުގެ ސަބަބުން ހިނގާދިޔަ އަލިފާނުގެ 4 ހާދިސާއެއް ވެސް ހިނގާފައިވަނިކޮށް ކަމަށް ވަނީ ބުނެފަ އެވެ.

ކުދިންނާމެދު ހިނގާ ނޭދެވޭ ޢަމަލުތަކަކީ ވަގުތުން ވަގުތަށް އެ ކަންކަމަށް އެޑްރެސްކޮށް، ކުދިންގެ ދުޅަހެޔޮކަމާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ވަރަށް އަވަސްކަމާއެކު ފިޔަވަޅު އަޅަންޖެހޭ ކަންކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން މިފަދަ ކަންކަން ތަކުރާރުކޮށް ހިނގުން ހުއްޓުވުމަށްޓަކައި ދައުލަތުގެ ބެލުމުގެ ދަށުގައި ކުޑަކުދިން ދިރިއުޅޭ މަރުކަޒުތަކުގައި އަލިފާނާއި ސަލާމަތީ ކަންކަމުގެ އޮޑިޓެއް ހެދުމަށް ކަމާބެހޭ ފަރާތްތަކަށް އާކުން ގޮވާލި ގޮވާލުން އަލުން ތަކުރާރުކުރާ ކަމަށް ވެސް ބުނެފައި ވެއެވެ.

މިފަދަ ހާދިސާތައް ތަކުރާރުކޮށް ހިނގަމުންދާތީ އެކަން ހުއްޓުވައި، އަދި ސަރުކާރުގެ ކަމާބެހޭ ފަރާތްތައް ޖަވާބުދާރީކުރުވުމަށްޓަކައި މިފަދަ ކަންކަން ފުރިހަމައަށް ތަޙުޤީޤުކޮށް ފިޔަވަޅު އަޅައިދިނުމަށް ވެސް އާރކް އިން ވަނީ ގޮވާލާފަ ްއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް