ސިވިލް ސާވަންޓުން އިހުތިޖާޖު ފަށައިފި، ތިބީ ކަޅު ހެދުމުގައި!

އެކަށީގެންވާ އުޖޫރަ އާއި އިނާޔަތްތައް ނުލިބޭ ކަމަށް ބުނެ ގިނަ އަދަދެއްގެ ސިވިލް ސާވިސް މުވައްޒަފުން ކަޅު ހެދުމުގައި އޮފީހަށް ނުކުމެ ހަމަހިމޭން އިޖުތިޖާޖެއް ފަށައިފި އެވެ. އެ މުވައްޒަފުންގެ ހައްގުގައި ...

19 Sep 2021 | 04:49

އެކަށީގެންވާ އުޖޫރަ އާއި އިނާޔަތްތައް ނުލިބޭ ކަމަށް ބުނެ ގިނަ އަދަދެއްގެ ސިވިލް ސާވިސް މުވައްޒަފުން ކަޅު ހެދުމުގައި އޮފީހަށް ނުކުމެ ހަމަހިމޭން އިޖުތިޖާޖެއް ފަށައިފި އެވެ.

އެ މުވައްޒަފުންގެ ހައްގުގައި ވަކާލާތުކުރާ މަދަނީ ޖަމިއްޔާ ސިވިލް ސަރވަންޓް އެސޯސިއޭޝަނުން ހާމަކުރި ގޮތުގައި ސަރުކާރުން މުވައްޒަފުންގެ ޑިމާންޑްތަކަށް އިޖާބައެއް ނުދީފި ނަމަ ހޯމަ ދުވަހުން ފެށިގެން މަސައްކަތަށް ނުނުކުންނަން ވަނީ ނިންމާފަ އެވެ.

ސިވިލް ސާވެންޓުން ސަރުކާރަށް ކުރާ ޑިމާންޑުތަކުގެ ތެރޭގައި ދަށް ފަންތީގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމާއި ސެޓްފިކެޓް ހުށަހެޅުމުން ވަޒީފާގެ ކުރިއެރުން ލިބޭގޮތް ހެދުމާއި ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް ލިބޭ ގޮތަށް ސިވިލް ސާވެންޓުންނަށް ވެސް ލިވިންގ އެލަވަންސް ހަމަޖައްސައިދިނުން ހިމެނެ އެވެ. އަދި މިނިމަމް ވޭޖު އަވަސްކޮށްދިނުމުގެ އިތުރުން ސްކޫލުތަކުގެ އިދާރީ މުވައްޒަފުންނަށް އިތުރު އެލަވަންސެއް ހަމަޖައްސައިދިނުން ވެސް ހިމެނެ އެވެ.

މުސާރައިގެ މައްސަލައިގައި ސިވިލް ސާވެންޓުން އިހުތިޖާޖަށް ނުކުންނަން ނިންމިއިރު، ޕައިލެޓުންގެ މުސާރަ އާއި ޑޮކްޓަރުންނާއި ނަރުހުންނަށް ވަޒީފާގެ ކުރިއެރުން ނުލިބި ލަސްވަމުންދާތީ ރައީސް ޞާލިޙާއި ބައްދަލުކުރައްވާފައިވެ އެވެ. އެ މައްސަލަތަކަށް ހައްލު ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވައިފަ އެވެ.

ސިވިލް ސާވެންޓުންގެ މުސާރަ ބޮޑު ކުރުމަށް އަންނަ އަހަަރުގެ ދައުލަތުގެ ބަޖެޓްގައި ހިމަނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިޙް މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.

ދިވެހި ސިވިލް ސާވެންޓްސް އެސޯސިއޭޝަނުން އިންތިޒާމުކުރާ މި އިހުތިޖާޖު މުޅި ރާއްޖޭގައި ކުރިއަށްގެންދިއުމަށް ވަނީ ނިންމާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް