އެޑިއުކޭޝަން މިނިސްޓްރީން ކުރިޔަށް ގެންދަން ނިންމާފައިވާ "ދިރިއުޅުނުމުގެ ހުނަރު" ޕްރޮގްރާމަށް ރ. އަދި ބ. އަތޮޅުގެ ޕްރިންސިޕަލުން އަހުލުވެރި ކުރުވުމަށް މަސައްކަތު ބައްދަލުވުމެއް ބާއްވައިފި އެވެ.
"ދިރިއުޅުނުމުގެ ހުނަރު" ޕްރޮގްރާމަކީ ގްރޭޑް ހަޔަކުން މަތީގެ ކުދިންނަށް އަމާޒުކޮށްގެން ހިންގާ ޕްރޮގްރާމެކެވެ. 2011 ވަނަ އަހަރުން ފެށިގެން ކުރިއަށްދާ މި ޕްރޮގްރާމްގައި ހިމެނެނީ މުއާމަލާތްކުރުމުގެ ހުނަރާއި، ނަފްސު ދެނަގަތުމާއި ތަރައްގީ ކުރުމުގެ ހުނަރާއި ކަންކަމުގައި ގޮތް ނިންމާނެގޮތުގެ ހުނަރުފަދަ ތަފާތު ހުނަރުތައް ދަސްކޮށްދިނުމެވެ.
އެޑިއުކޭޝަން ބުނީ ޕްރިންސިޕަލުންނަށް އަމާޒުކުރެވިގެން ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގެ ބޭނުމަކީ ޕްރިންސިޕަލުންނަށް ދިރިއުޅުމުގެ ހުނަރު ޕްރޮގްރާމްގެ މަގުސަދާއި މައުލޫމާތު އިތުރަށް ބުނެދީ މިޕްރޮގްރާމް ކާމިޔާބުކަމާއެކު ސްކޫލްތަކުގެ ދަރިވަރުންނަށް ކުރިއަށް ގެންދާނޭގޮތްތައް އޮޅުންފިލުވައި ދިނުމަށް ކަމަށެވެ. މީގެއިތުރުން ދަރިވަރުންނަށް ދިރިއުޅުމުގައި ކުރިމަތިވާ އެކިކަންކަމާ ކުރިމަތިލާއިރު މިފަދަ ހުނަރުތައް ސްކޫލް ދައުރުގައި ލިބިފައިހުރުމުގެ މުހިއްމުކަން ދެނަގަތުމާއި ގުޅޭގޮތުން ޕްރިންސިޕަލުންނަށް މައުލޫމާތު ދިނުމެވެ.
އެ ދެ އަތޮޅުގެ ސްކޫލްތަކުން 20 ޕްރިންސިޕަލުން މި ބައްދަލުވުމުގައި ބައިވެރިވި އެވެ. މި ބައްދަލުވުން ކުރިޔަށް ގެންގޮސްފައިވަނީ މިމަހުގެ 15 ން 17 އަށް ބ. ދަރަވަންދޫ ސްކޫލްގައި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިީގެ ކުރިން މި ބައްދަލުވުން 13 އަތޮޅެއްގެ ޕްރިންސިޕަލުންނަށް ކުރިޔަށް ގެންގޮސްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ކ، ސ، ޏ، ގއ، ގދ، ލ، ތ، މ، ފ، ދ އަތޮޅުތައް ހިމެނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް