ފޮޓޯ ނެގުމަށް ޝައުގުވެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން ފޮޓޯ ގްރަފީ ކޯހެއް ހިންގުމަށް ޕޯޓްރެއިޓް ގެލަރީން ނިންމައިފި އެވެ.
ކޯހުގައި ބައިވެރިވުމަށް ޑިޖިޓަލް ކެމެރާއިން މޮޅަށް ފޮޓޯ ނަގަން އެނގޭކަށް ނުޖެހެ އެވެ. ކޮންމެ ދާއިރާއެއްގައި މަސައްކަތް ކުރިޔަސް ފޮޓޯ ނެގުމަށް ޝައުގުވެރިވާނަމަ މި ކޯހުގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެ ކަމަށް އެ ތަނުން ބުނެ އެވެ.
އެ ގެލަރީން ބުނީ ކެމެރާ ނެތް މީހުންނަށް ކޯހުގައި ބައިވެރިވުމުން ތަމްރީން ވުމަށް އެތަނުން ކެމެރާ ފޯރުކޮށްދޭނެކަމަށާއި އެކަމަކު އެސްޑީ ކާޑެއް ކޯހުގައި ބައިވެރިވާ ފަރާތްތަކުން އަމިއްލައަށް ހޯދަން ޖެހޭނެ ކަމަށެވެ.
,ކޯހުގައި ދަސްކޮށްދިނުމަށް ހަމަޖެހިފައިވާ ބައިތަކުގެ ތެރޭގައި ޑިޖިޓަލް ފޮޓޯ ގްރަފީ، ރީއްޗަށް ފޮޓޯ ނެގުމުގައި ބޭނުން ކުރާނެ އުކުޅުތައް، ކެމެރާގެ ފީޗާސްތަކާއި ލައިޓިން ހިމެނެ އެވެ. އަދި ތަޖުރިބާކާރުންގެ އެހީތެރިކަމާއި އެކު އައުޓް ޑޯ ފޮޓޯ ޝޫޓް އާއި އިންޑޯ ފޮޓޯ ޝޫޓްތައް ކުރުމުގެ ފުރުސަތު ލިބޭނެ އެވެ.
ކޯހުގައި ކިޔަވައިދޭނީ ފޮޓޯ ނެގުމުގެ ދާއިރާގައި 25 އަހަރުގެ ހިދުމަތް ކޮށްފައިވާ ޕޯޓްރެއިޓް ގެލަރީގެ ފައުންޑާ ޔާސިން ހަމީދެވެ. އޭނާ އަކީ އެ ދާއިރާއިން 2006 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމުވެސް ލިބިފައިވާ ބޭފުޅެކެވެ.
ކޯހުގައި ބައިވެރިވުމަށް އެދޭ ފޯމު ޕޯޓްރެއިޓް ގެލެރީން ލިބޭނެ ކަމަށާއި އިތުރު މައުލޫމާތު ހޯދުމަށް 7967778 ގުޅުމަށް އެތަނުން އެދެ އެވެ. ކޯހުގައި އަމިއްލަ ގޮތުން ބައިވެރިވާނަމަ ދައްކަން ޖެހެނީ 3180 ރުފިޔާ އެވެ. ކުންފުންޏަކުން ނުވަތަ އޮފީހަކުން ބައިވެރިވާ ފަރާތެއް ނަމަ ދައްކަން ޖެހެނީ 4770 ރުފިޔާ އެވެ.
މި ކޯސް ކުރިޔަށް ގެންދަން ނިންމާފައިވަނީ އަންނަ މަހުގެ އެކަކުން 17 އަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް