މަޝްވަރާއަށް ދިން ޖަވާބުން ހައިރާންވި، އޭގެ ޖަވާބުދޭނީ ކުޅިވަރުގެ އީދު: ރައީސް

އިދިކޮޅު ފަރާތްތަކާއި އެކު މަޝްވަރާ ކުރުމަށް ސަރުކާރުން ހުޅުވާލި ފުރުސަތަށް ދީފައިވަނީ ހައިރާން ކުރުވަނިވި ޖަވާބެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ. ޕީޕީއެމުން އިސް ނަގައި...

19 Sep 2017 | 01:58

އިދިކޮޅު ފަރާތްތަކާއި އެކު މަޝްވަރާ ކުރުމަށް ސަރުކާރުން ހުޅުވާލި ފުރުސަތަށް ދީފައިވަނީ ހައިރާން ކުރުވަނިވި ޖަވާބެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ޕީޕީއެމުން އިސް ނަގައިގެން ޒުވާނުންނަށް ހާއްސަކޮށްގެން ބާއްވާ ކުޅިވަރު މުބާރާތް، "ވައި18 ފިއެސްޓާ" އިފްތިތާހު ކުރުމަށް ރޭ އާޓް ގެލަރީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ދިން ޖަވާޞުގައި ބުނެފައިވަނީ ސަރުކާރުގެ އިހުލާސްތެރިކަން ނެތް ކަމަށެވެ. އަދި ބޮޑު ބަޖެޓެއް ކޮންމެ އަހަރަކު ދިނުމުން ކުރާ ކަމެއް ނުފެންނަ ކަމަށް ބުނެފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ އިދިކޮޅު ފަރާތްތަކުގެ އެ ޖަވާބަށް ސަރުކާރުންވެސް ފުރިހަމަ ޖަވާބެއް ދޭނެ ކަމަށާއި އެ ޖަވާބު ދޭނީ ޕީޕީއެމްއިން ފަށާ ކުޅިވަރު އީދުގެ ތެރެއިން ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ދައުލަތުން އެތައް މިލިޔަން ރުފިޔާ ފާސްކޮށްގެން ގާއިމުކޮށްދީފައިވާ ކުޅިވަރުގެ ވަސީލަތްތައް، އެ ކުޅިވަރުތަކުގައި ބައިވެރިވާ ހުރިހާ އެންމެންނަށް ވެސް މި ފަހަރު ފެންނާނެ ކަމަށް ވިދާޅުވި އެވެ.

" މިފަހަރު ޝަރުތެއް ކަނޑައެއް ނާޅުއްވާ. މިފަަހަރު ވިދާޅުވީ ސަރުކާރުގެ އިހުލާސްތެރި ކަމެއް ނެތޭ. އޭގެ އިތުރަށް ޕާޓީތަކުން މިފޮނުވާ ސިޓީތަކުގައި ވިދާޅުވަނީ ދައުލަތުގެ ބަޖެޓުން ފައިދާހުރި ކަމަކަށް ބޭނުންކުރާ ތަނެއް ނުފެނެއޭ." ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވި ގޮތުގައި މި ދުވަސްވަރު އޮތް ސިޔާސީ އެންމެ ބޮޑު ކަމަކީ އިދިކޮޅު ފަރާތްތަކާ އެކު މަޝްވަރާއަށް ދިއުމެވެ. އެ މަނިކުފާނު ވިދާޅުވީ އިދިކޮޅު ފަރާތްތަކުގެ ކިބައިން ސަރުކާރުން އެދެނީ ޝަރުތުތަކެއް ނެތި ވާހަކަ ދައްކަން ދިޔުމަށް ކަމަށާއި އެކަމަކު އެހެން އެދޭ ކޮންމެ ފަހަރަކު ވެސް، ޝަރުތުތަކެއް ކުރިމަތިކުރާ ކަމަށެވެ.

އިތުރަށް ވިދާޅުވީ މި ދުވަސްވަރަކީ ސިޔާސީ ގޮތުން އިތުރު ކަންތައްތަކަކާއި މެދު ވިސްނަން ޖެހޭ ދުވަސްވަރެއް ނޫން ކަމަށެވެ.

ބަޖެޓާއި ގުޅޭ ގޮތުން ރައީސް ޔާމީން ވިދާޅުވީ ބޮޑެތި ބަޖެޓު ހުށަހަޅަނީ މި ސަރުކާރުން ނޫން ކަމަށާއި މީގެ ކުރީ ސަރުކާރުތަކުންވެސް 16 އަދި 17 ބިލިއަން ރުފިޔާގެ ބަޖެޓު ހުށަހަޅާފައި އެބަހުރި ކަމަށެވެ. އެކަމަކު މާބޮޑު ތަރައްގީގެ މަޝްރޫއުތަކެއް ހިންގިފަ ނުވާއިރު މި ސަރުކާރުން ހުށަހަޅާ ބަޖެޓުގެ ތެރެއިން ކަންތައްތައް ކުރެވޭތަން ރަށްރަށުގައި އެޅިފައިވާ 70 އަށްވުރެ ވޮލީ ކޯޓާއި ފުޓްސެލް ދަނޑުތަކުން އެނގިގެންދާ ކަމަށެވެ.

ރައީސް ވިދާޅުވީ ސިޔާސީ ޕާޓީތަކުން މިހާތަނަށް ދައްކައިދީފައި ހުރީ "ސްޓީރިއޯޓައިޕް" ވަކި ކަންތައްތަކެއް ކަމަށާއި އެއީ މަގުމަތީގައި މީހުންނަށް އުނދަގޫވާ ގޮތަށް އުޅުމާއި އަޑުއުފުލުމާއި ހައްގުތަކަށް ވަކާލާތު ކުރުމާާއި ގާނޫނު އަސާސީ ބޮޑުކޮށްގެން ތަންތަނަށް ގެންދިޔުން ކަމަށެވެ.

އެކަމަކު ސިޔާސީ ޕާޓީއަކީ މި ކަހަލަ ކަންތައްތަކަށް ވުރެ، އާއްމު ދިރިއުޅުމާ ކިހާ ގުޅޭ ކަމެއްތޯ ދެއްކުމަކީ ޕާޓީތައް ހިންގަން ތިބޭ ބަޔަކު ކުރަން ޖެހޭ ކަމެއް ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް