މީގެ ފަސް އަހަރު ކުރީއްސުރެ އިންޑިއާއަށް ހިޖުރަކޮށް އިންޑިއާގައި ރެފިއުޖީންގެ ގޮތުގައި އުޅެމުން އަންނަ ރޮހިންޖާއަށް ނިސްބަތްވާ 40 ހާހަށްވުރެ ގިނަ، ރޮހިންޖާ ދަރިކޮޅުގެ މުސްލިމުން އިންޑިއާއިން ބޭރުކޮށްލުމާއިމެދު ގޮތެއް ނިންމުމަށް މޯދީ ސަރުކާރުން އެގައުމުގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގާ އިއްޔެ އަޑު އެހުމެއް ބާއްވައިފި އެވެ.
އެ އަޑުއެހުމުގައި އިންޑިއާގެ ހޯމް މިނިސްޓްރީން ބުނެފައިވަނީ ޓެރަރިސްޓް ޖަމާއަތްތަކާއި ރޮހިންޖާ މުސްލިމުންނާއި ދެމެދު މުއާމަލާތްތައް ހިންގާފައިވާކަމުގެ އިންޓެލިޖެންސް ހެކި އެބަހުރި ކަމަށާއި އަދި އެ ހެކިތައް ކޯޓަށް ހުށަހަޅަން އެ މިނިސްޓްރީން ތައްޔާރު ކަމަށެވެ. އަޑުއެހުމުގައި އެ މިނިސްޓްރީން ބުނެފައިވަނީ ޕާކިސްތާނަށް ނިސްބަތްވާ ހަތިޔާރު އުފައްދާ ޖަމާއަތްތަކާއެކު ރޮހިންޖާ މުސްލިމުން މުއާމަލާތްތައް ހިންގާފައިވާކަމަށާއި އަދި ފައިސާގެ މުއާމަލާތްތަކެއްވެސް ހިންގާފައިވާކަމަށެވެ. އަދި އެ ހުރިހާ ކަމެއްގެ ހެކިވެސް ދެން އޮންނަ އަޑުއެހުމެއްގައި ސުޕްރީމް ކޯޓަށް ހުށަހަޅާނެ ކަމަށެވެ.
މިހާރު މިޔަންމާގައި ރޮހިންޖާ މުސްލިމު ދަރިކޮޅަށް އެގައުމުގެ ސަރުކާރުން ދެމުން އަންނަ ލާއިންސާނީ އަނިޔާތަކާއި ދެކޮޅަށް މޯދީގެ ސަރުކާރުން އަޑު އުފުލާފައި ނުވާއިރު މޯދީ ސަރުކާރުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ، މޯދީ ސަރުކާރުން ބޭނުންވާގޮތަށް ނިމިއްޖެނަމަ އެގައުމުގައި ތިބި 40 ހާހަށްވުރެ ގިނަ މުސްލިމުން އަނބުރާ މިޔަންމާއަށް ފޮނުވާލާނެ އެވެ.
މިހާރު އިންޑިއާގައި ތިބި 40 ހާހަށްވުރެ ގިނަ ރޮހިންޖާ މުސްލިމުންނަކީ މީގެ ފަސް އަހަރުކުރިން މިޔަންމާ ދޫކޮށް ބަންގްލަދޭޝްއަށް ހިޖުރަކުރި ހަތަރު ލައްކަ މުސްލިމުންގެ ތެރެއިން ބައެކެވެ.
މި މައްސަލަ އިންޑިއާގެ ސުޕްރީމް ކޯޓުގައި ހިނގަމުން ދަނިކޮށް އަލްގައިދާއިން އިންޑިއާއަށް ގޮސް އިންޑިއާގައި ތިބި ރޮހިންޖާ މުސްލިމުން ހަނގުރާއަށް ގެންދިއުމަށް ރެކްރޫޓް ކުރަމުން އަންނަ ކަމަށްބުނެ އިންޑިއާގެ ފުލުހުން ވަނީ ބަޔަކު ހައްޔަރުކޮށްފަ އެވެ.
މި ދަނޑިވަޅުގައި އިންޑިއާގެ ސަރުކާރުން މިފަދަ ނިންމުމެއް ނިންމަން މަސައްކަތް ކުރާތީ ބޭރު ދުނިޔޭގެ ފާޑުކިޔުން މޯދީ ސަރުކާރަށް ވަރަށް ބޮޑަށް ވަނީ އަމާޒުވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް