ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް މިއަހަރު ހައްޖަށް ދިޔަ ދިވެހި ހައްޖާޖީންނަށް ދިވެހި ހައްޖު މިޝަންގެ ފަރާތުން ހާއްސަ މެޕެއް ތައާރަފް ކޮށްފި އެވެ.
ރޭ ތައާރަފްކުރި މި މަގުޗާޓަކީ މިނާއާއި އަރަފާތުގެ މެޕެކެވެ. ހައްޖު މިޝަނުން ހާމަކުރާ ގޮތުގައި މ މެޕަކީ މިނާ އާއި އަރަފާތުގައި ދިވެހިން ތިބޭ ޓެންޓްތައް ހުރީ ކޮން ހިސާބެއްގައިކަން ދެނެގަތުމަށް އެހީތެރިވެދިނުމުގެ ގޮތުން ތައާރަފް ކުރެވުނު މެޕެކެވެ.
މައްކާގައި ހުންނަވައި ރާއްޖޭގެ ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ހައްޖު މިޝަންގެ ރައީސް އަލީ ޝަރީފް ވިދާޅުވީ އެ މެޕްގައި މަގުތަކާއި ބޯޑްތައްވެސް ފާހަގަ ކޮށްފައި ހުރުމުގެ ސަބަބުން ފޭލިގެއަށް ވަދެ ނިކުމުގައި ވަރަށް ބޮޑަށް ފަސޭހަވެގެން ދާނެކަމަށެވެ. ދިވެހިން ދަތުރުކުރާ މަގު ރަތް ކުލައިން ފާހަގަ ކޮށްފައިވާއިރު ދިވެހިން ތިބޭ ފޭލިގެތަކާއި ދިވެހިން ތިބޭ ސަރަހައްދު ފެއްސާއި ރަތުން ފާހަގަ ކުރެވިފައި ވާނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.
ރާއްޖެއިން ހައްޖަށްދިޔަ ކޮންމެ ހައްޖާޖީއަކަށް އޭގެ މެޕެއް ދީފައިވާއިރު ޝަރީފް ވިދާޅުވީ ކޮންމެ ހައްޖާޖީއަކަށް އެ ޗާޓް ދިނުމުގެ ބޭނުމަކީ މިނާއަށް ދިއުމުގެ ކުރިން އެތަންތަން ފާހަގަކޮށް އެންގުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް