އެމްޕީ މުސްތަފާ އާއި ކައުންސިލަރު ޒައިދުގެ މައްސަލަ ޕީޕީއެމްގެ ސުލޫކީ ކޮމިޓީއަށް

ތިމަރަފުށީ ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު މުސްތަފާ އާއި މާލެ ސިޓީ ކައުންސިލްގެ ކައުންސިލަރު ޒައިދުލް އަމީންގެ މައްސަލައެއް ޕީޕީއެމްގެ ސުލޫކީ ކޮމިޓީއަށް ފޮނުވާފައި ވާކަމަށް އެ ޕާޓީން ބުނެފި އެވެ...

19 Sep 2015 | 03:55

ތިމަރަފުށީ ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު މުސްތަފާ އާއި މާލެ ސިޓީ ކައުންސިލްގެ ކައުންސިލަރު ޒައިދުލް އަމީންގެ މައްސަލައެއް ޕީޕީއެމްގެ ސުލޫކީ ކޮމިޓީއަށް ފޮނުވާފައި ވާކަމަށް އެ ޕާޓީން ބުނެފި އެވެ.

އެ ޕާޓީން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މެމްބަރު މުސްތޮފާގެ މައްސަލަ ސުލޫކީ ކޮމިޓީއަށް ފޮނުވީ ޕާޓީގެ ލީޑާޝިޕް ބަދުނާމުވާ ގޮތަށް އެއްވެސް ވާހަކައެއް ނުދެއްކުމަށް މި މަހުގެ ތިންވަނަ ދުވަހު ނަސޭހަތްތެރިވެފައި ވަނިކޮށް ޕާޓީ ބަދުނާމުވާ ގޮތަށް މުސްތަފާ ވާހަކަދައްކާފައިވާ ވާތީ ކަމަށެވެ. އޮންލައިން ނޫހަކަށް މުސްތަފާ ދެއްވާފައިވާ އިންޓާވިއުއެއްގައި ޕާޓީގެ ރައީސާއި ޕާލިމެންޓްރީ ގްރޫޕުގެ ބައެއް މެންބަރުންގެ ގަދަރު ކުޑަ ވާގޮތަށް ވާހަކަފުޅު ދައްކަވާފައިވާ ކަމަށެވެ.

ޒައިދުލް އަމީންގެ މައްސަލަ ހުށަހަޅާފައި ވަނީ ރައީސްގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމްގެ އަބުރުފުޅަށް ހުތުރުވާގޮތަށް ފޭސްބުކް ޕޭޖެއްގައި ވާހަދައްކާފައިވާތީ ކަމަށް ޕީޕީއެމްގެ ބަޔާނުގައި ވަނީ ބުނެފައެވެ.

މީގެ ކުރިން ވެސް ޒައިދުލް އަމީންގެ މައްސަލައެއް ސުލޫކީ ކޮމިޓީން ވަނީ ބަލާފައެވެ. އެ ފަހަރު ޒައިދުލް އަމީންގެ މައްސަލަ ބެލުމަށްފަހު ފިޔަވަޅު އަޅާފައިވަނީ ޖަލުގައި ހުކުމް ތަންފީޒު ކުރަމުން އަންނަ ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމް އާ އެކުގައި ފޮޓޯއެއް ނެގި މައްސަލައިގަ އެވެ. އެ ފަހަރު ސުލޫކީ ކޮމިޓީން ނިންމީ ޕީޕީއެމްގެ ކައުންސިލް މެމްބަރު ކަމަށް ޒައިދުލް އަމީން ވަކި ކުރުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް