ހައްޖުގެ މާތް އަޅުކަން އަންނަ ހަފްތާގައި ފަށަން ތައްޔާރުވަމުން އަންނައިރު އަޅުކަން ކުރިއަށްދާއިރު ދިމާވެދާނެ ކޮންމެ ކަމަކަށް ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ހަރަކާތްތެރިވާ ފަރާތްތަކުން ތިބީ ތައްޔާރަށް ކަމަށް ސައުދީ ވަލީ އަހުދު ޕްރިންސް މުހައްމަދު ބިން ނާއިފް ވިދާޅުވެއްޖެ އެވެ.
ޕްރިންސް ނާއިފް މިހެން ވިދާޅުވީ ސަލާމަތީ ފައުޖުތަކުން ވެފައިވާ ތައްޔާރީތައް އިއްޔެ ބައްލަވާލުމަށް ފަހުގަ އެވެ.
ނާއިފް ވިދާޅުވީ ސިޔާސީ މަންފާއަކަށްޓަކައި ނުވަތަ އެހެން ބޭނުމަކަށްޓަކައި ހައްޖުގެ އަޅުކަން ކުރިއަށްދާއިރު ބަޔަކު ހިންގަފާނެ ޖަރީމާއަކަށް ސަލާމަތީ ފައުޖުތައް އޮތީ ފުރިހަމައަށް ތައްޔާރަށް ކަމަށެވެ. އަދި މި އަހަރުގެ ހައްޖަކީ ރައްކާތެރި ކާމިޔާބު ހައްޖެއްގެ ގޮތުގައި ހެދުމަށް ސައުދީ ރަސްގެފާނު ސަލްމާން ވަރަށް ހާއްސަ އަހައްމިއްޔަތެއް ދެއްވާ ކަމަށެވެ.
ވަލީ އަހުދު އިތުރަށް ވިދާޅުވީ ހައްޖުގެ އަޅުކަން ނިމުމާއެކު ހަރަމްފުޅު ބޮޑު ކުރުމުގެ މަސައްކަތް އަލުން ފަށާނެ ކަމަށާއި އަމާޒަކީ މިހާރު ހައްޖު ކުރެވޭ އަދަދުގެ ތިންގުނަ އިތުރު މީހުންނަށް އެއް ފަހަރާ ހައްޖު ކުރުމުގެ ފުރުސަތު ހުޅުވާލުން ކަމަށެވެ.
ހައްޖުވެރިން ހައްޖުގެ މާތް އަޅުކަން އަދާކުރުމަށް އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނައިރު މިމަހު 11 ވަނަ ދުވަހު ހަރަމްފުޅުގެ ތެރެއަށް ކެރޭނެއް ވެއްޓި ހިނގި ހިތާމަވެރި ހާދިސާއެއްގައި 111 މީހަކު ވަނީ ޝަހީދުވެފަ އެވެ. އެ ހާދިސާގައި 300 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާއިރު 21 މީހަކަށް އަދިވެސް އަންނަނީ ފަރުވާ ދެމުންނެވެ.
ފަރުވާ ދެމުން އަންނަ ފަރާތްތަކަށް ބަލި އެނދުގައި ތިބެ ހައްޖުގެ އަޅުކަން އަދާކުރެވޭނެ އިންތިޒާމް ސައުދީ ސަރުކާރުން ވަނީ ހަމަޖައްސާފައެވެ. އެކަމަށްޓަކައި ހާއްސަކޮށް ފަރުމާކުރެވިފައިވާ ހަތަރު ވެހިކަލެއް ބޭނުން ކުރުމަށް ސައުދީ ރަސްގެފާނު ވަނީ އަމުރު ކުރައްވާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް