އެމްޕޮކްސް އަށް މިދަނީ ތައްޔާރުވަމުން: އެޗްޕީއޭ

ދިވެހިރާއްޖެއަށް ބަލި އައުމުގެ ފުރުޞަތު އޮތް މިންވަރު ދެނެގަތުމާއި، ބަލިފެތުރުން ކޮންޓްރޯލުކުރުމަށާއި، ބައްޔަށް ޓެސްޓްކުރުމާއި ފަރުވާދިނުމަށް ވާންޖެހޭ ތައްޔާރީތައް ދަނީ ވަމުން ކަމުގައި ހެލްތު ޕްރޮޓެކް...

19 Aug 2024 | 06:38

ދިވެހިރާއްޖެއަށް ބަލި އައުމުގެ ފުރުޞަތު އޮތް މިންވަރު ދެނެގަތުމާއި، ބަލިފެތުރުން ކޮންޓްރޯލުކުރުމަށާއި، ބައްޔަށް ޓެސްޓްކުރުމާއި ފަރުވާދިނުމަށް ވާންޖެހޭ ތައްޔާރީތައް ދަނީ ވަމުން ކަމުގައި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން މިހެން ބުނެފައިވަނީ މިކަމާއި ގުޅޭގޮތުން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައެވެ.

އެޗްޕީއޭގެ އެ ނޫސްބަޔާނުގައި ބުނެފައިވަނީ އެމްޕޮކްސްއަކީ ބައިނަލްއަޤްވާމީ ފެންވަރުގައި ކަންބޮޑުވާންޖެހޭ އާންމު ޞިއްޙަތަށް އޮތް ނުރައްކަލެއް (ޕަބްލިކް ހެލްތު އިމަރޖެންސީ އޮފް އިންޓަރނޭޝަނަލް ކޮންސަރް، PHEIC) ކަމުގައި 14 އޮގަސްޓް 2024 ގައި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ވަނީ ކަނޑައަޅާފައި ކަމަށެވެ.

"މި ހާލަތު އިއުލާން ކޮށްފައި މިވަނީ، މި ބައްޔަކީ ކުރިން އެފްރިކާގެ ޤައުމު ތަކުގައި އޮތްބައްޔަކަށް ވީނަމަވެސް މިހާރު މި ބަލީގެ އާ ސްޓްރެއިން އެއް ފެނި އަދި އެހެން ޤައުމުތަކަށް ބަލި ފެތުރެމުންދާތީއެވެ. PHEIC އަކީ ބަލިމަޑުކަމެއް އާދަޔާ ޚިލާފަށް ފެތުރިދާނެކަމުގެ ބިރު އޮތުމުގެ ސަބަބުން ދުނިޔޭގެ ހުރިހާ ޤައުމަކުން ސަމާލުކަންދީގެން ބަލި ކޮންޓްރޯލްކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން އާންމު ކުރާ ޙާލަތެއް" އެޗްޕީއޭއިން ބުނެފައިވެއެވެ.

އެޗްޕީއޭއިން ބުނެފައިވަނީ މިވަގުތު މި ބަލި ހަލުވިކަމާއެކު ފެތުރެމުންދަނީ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ އާއި އެފްރިކާގެ ބައެއް ޤައުމުތަކުގައެވެ. 2022 ވަނަ އަހަރުން ފެށިގެން މި އަހަރުގެ މިހާތަނަށް 116 ޤައުމަކުން މި ބަލީގައި 9900 އަށްވުރެ ގިނަ ކޭސްވަނީ ފެނިފައިވާއިރު އެމްޕޮކްސް މިހާރު ފެތުރެމުންދާ ސްޓްރެއިން އާއްމުގޮތެއްގައި ފެތުރެނީ ޖިންސީ ގުޅުމުން ކަމުގައި ވީނަމަވެސް، އެހެނިހެން ގޮތްގޮތުންވެސް ބަލި ފެތުރުމުގެ ފުރުސަތު އޮވެއެވެ. އެގޮތުން ބަލި ޖެހިފައިވާ މީހާގެ ހަމުގައި ހުންނަ ބިހިތަކުގައި ނުވަތަ އެއިން ނިކުންނަ ދިޔައިގައި ޖެހުމުން، ބަލި މީހާ ބޭނުންކުރާ ހެދުން، ތުވާލި އަދި ބެޑްޝީޓް ފަދަ ތަކެތީގައި ޖެހުމުން، ނޭވާލާ ނިޒާމުގެ ޒަރިއްޔާއިން (ގިނަ ވަގުތު ބަލިމީހާ ގާތުގައި ހޭދަވުމުން) އަދި ބަލި ޖެހިފައިވާ ޖަނަވާރަކާ ކޮންޓެކްޓް ވުމުން (ޝިކާރަކުރާ އިރު، ކަތިލާ އިރު، ހަންދަމާ ސާފުކުރާ އިރު ނުވަތަ ކެއްކުމުގެ ތެރޭގައި) ބަލި ފެތުރުމުގެ ފުރުސަތު އޮންނަ ކަމަށެވެ.

އެމްޕޮކްސްގައި އާއްމުކޮށް ފެންނަ އަލާމާތްތަކުގެ ތެރޭގައި ހުންއައުން، ގައިގައި ރިއްސުން، ވަރުބަލިވުން، ގޮށްލުން އަދި ހަމުގައި ބިހި ނެގުން ފަދަ އަލާމާތްތައް ހިމެނޭއިރު ގިނަ ފަހަރަށް މި ބަލި އަމިއްލަ ޒާތުގައި ރަނގަޅުވީނަމަވެސް ބަލީގެ ހާލަތަށް ބަލާ ހޮސްޕިޓަލްގައި ފަރުވާ ދޭންޖެހޭ ހާލަތު މެދުވެރިވާކަމަށާއި މި ބައްޔަށް ވަކި ޙާއްސަ ފަރުވާއެއް ހޯދިފައި ނެތް ނަމަވެސް ބަލި ޖެހިފައިވާ މީހާގެ ފަރާތުން ފެންނަ އަލާމާތްތަކަށް ބަލާ، ފޯރުކޮށްދެވެނީ ސަޕޯޓިޗް ފަރުވާއެއްކަން އެޗްޕީއޭއިން ފާހަގަކޮށްފައިވެއެވެ.

އެޗްޕީއޭއިން އިތުރަށް ބުނެފައިވަނީ ދުނިޔޭގައި މިބަލި ފެތުރެން ފެށުމާއެކު އެޗްޕީއޭއިން ދަނީ ބަލީގެ ހާލަތު މޮނިޓަރކޮށް މި ބައްޔާ ގުޅިގެން ރާއްޖެއިން ވާންޖެހޭ ތައްޔާރީތައްވަމުން ކަމަށާއި އެގޮތުން ދިވެހިރާއްޖެއަށް ބަލި އައުމުގެ ފުރުޞަތު އޮތް މިންވަރު ދެނެގަތުމާއި، ބަލިފެތުރުން ކޮންޓްރޯލުކުރުމަށާއި، ބައްޔަށް ޓެސްޓްކުރުމާއި ފަރުވާދިނުމަށް ވާންޖެހޭ ތައްޔާރީތައް ދަނީ ވަމުން ކަމަށެވެ. އަދި މި ބައްޔަށް ޞިއްޙީ ޚިދުމަޔތްތެރިން އަހުލުވެރިކުރުމާއި ސާރވެލެންސް ހަރުދނާ ކުރުމުގެ މަސައްކަތްތައްވެސް ދަނީ ކުރެވެމުން ކަމުގައިވެސް އެޗްޕީއޭއިން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް