ބިންވެރިޔާ ސްކީމުގެ ދަށުން ސަރުކާރުން މާލޭ މީހުންނަށް ދޫކުރާ ގޯތީގެ ގުރު ނެގުމުގައި ނުފޫޒެއް ނޯންނާނެ ކަމަށާއި ވަކި ބަޔަކަށް ފައިދާ ވާ ގޮތަށް ގުރުގަނާކަމަށް ބައެއް ފަރާތްތަކުން ކުރާ ތުހުމަތަކީ ހަގީގަތެއް ނޫން ކަމަށް ސަރުކާރުން ބުނެފިއެވެ.
ވަކި ބަޔަކަށް ފައިދާވާ ގޮތަށް ގޯތީގެ ގުރުނެގުން ކުރިއަށް ގެންދާކަމަށް ބައެއް ފަރާތްތަކުން ކުރާ ތުހުމަތުތައް ދޮގުކޮށް މީޑިޔާއަށް މައުލޫމާތު ދެއްވަމުން ހައުސިންގް މިނިސްޓްރީގެ ސީނިއަރ އެގްޒެކެޓިވް ޓިރެކްޓަރ މުހައްމަދު އާރިފް ވިދާޅުވީ، ގޯތި ދޫކުރުގެ މަސައްކަތް ފެށުނު ދުވަހުން ފެށިގެން މިއަދާ ހަމަޔަށްވެސް ހުރިހާ ކަމެއްވެސް ކުރިއަށް ގެންދަނީ ހަމަހަކަމާއި އިންސާފުން ކަމަށެވެ.
އާރިފް ވިދާޅުވީ ގުރު ނަގަން ފެށުމުގެ ކުރިން އެކަމަށްތަކައި އަށް ފޮށި ތައްޔާރު ކޮށްފައިވާނެ ކަމަށެވެ. އަދި ގޯތީގެ ޕްލޮޓް ނަންބަރު ޖަހާފައިވާ ކަރުދާސްކޮޅުތައް އެ ފޮށިތަކަށް އަޅާފައި ވާނެ ކަމަށެވެ.
ގޯތީގެ ގުރު ނަގަން ފެށީވެސް ގޯތި ލިބުނު މީހުންގެ ހާޒިރުގައި ކަން ފާހަގަ ކުރައްވައި އާރިފް ވިދާޅުވީ ގުރު ނެގުން ކުރިއަށް ދާއިރު ފޮށިތައް ހުޅުވާ ބަންދު ކުރަނީވެސް ގޯތި ލިބުނު މީހުންގެ ހާޒިރުގައި ކަމަށެވެ.
އޭގެ އިތުރުން، ފޮށި ބަންދު ކުރުމުން، އަނެއް ދުވަހު ފޮށި ހުޅުވުމާ ހަމަޔަށް ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރި ވާނެ ކަމަށް އާރިފް ވިދާޅުވިއެވެ.
އެހެންކަމުން ވަކި ބަޔަކަށް ވަކި ތަނެއް ލިބޭނެ ގޮތަށް ގުރު ނެގޭނެ ކަމަށް އާރިފް ގަބޫލެއް ނުކުރައްވައެވެ.
މިނިސްޓްރީން ކުރިން ކުރި އިއުލާނެއްގައި ބުނެފައި ވަނީ، ގުރުނަގާ ގަޑިއަށް މީހުން ނުގޮސްފިނަމަ ގުރު ނަގާނީ ފޮށި ކައިރީގައި ތިބޭ އޮފިޝަލުން ކަމަށެވެ. ނަމަވެސް ރޭ އާރިފް ވިދާޅުވީ، ގުރު ނަގަން މީހުން ނުގޮސްފިނަމަ އެ މީހުންގެ ގުރު ނަގާނީ އެހެން އެންމެންގެ ގުރު ނަގާ ނިމުމުން ކަމަށެވެ.
ބިންވެރިޔާ ސްކީމުގެ ދަށުން 18،955 ފަރާތަކަށް ޝަރުތު ހަމަވެފައިވާއިރު ގުރުއަތު ނެގުން ފަށާފައި ވަނީ އަންގާރަ ދުވަހުއެވެ.
ސަރުކާރުން ދޫކުރާ ގޯތިތަކުގެ ތެރެއިން 1000 ގޯތި ދޭނީ ހުޅުމާލެއިންނެވެ. އަދި ގުޅީފަޅުން 2000 ގޯތި ދިނުމަށް ހަމަޖެހިފައި ވާއިރު، ގިރާވަރުފަޅު ހިއްކައިގެން 2000 ގޯތި ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ޕްލޭނިންގް މިނިސްޓްރީން ބުނީ، މިވަގުތުގޯތި ނުދެވޭނީ ހަމައެކަނި 684 މީހަކަށް ކަމަށެވެ. އެއީ މިވަގުތު ލިބިފައިވާ ބިމުން އެންމެންނަށް ގޯތި ނުދެވޭނެތީ ކަމަށެވެ. އެހެންކަމުން އިތުރަށް ގޯތި ލިބުމުން އެ 684 މީހުންނަށް ގޯތި ދޭނީ ކަ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް