މުއިއްޒުއާއި އިބޫދިން ފްލެޓްތަކުގެ ތަފާތު މާރިޔާ ދެއްކެވީ ނަންބަރުތަކުން

ކުރީގެ ރައީސް ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގައި ހައުސިންގް މިނިސްޓަރުގެ މަގާމުގައި ހުންނެވި، ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ދޫކުރި ފްލެޓްތަކަށްވުތެ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް...

19 Aug 2023 | 08:54

ކުރީގެ ރައީސް ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގައި ހައުސިންގް މިނިސްޓަރުގެ މަގާމުގައި ހުންނެވި، ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ދޫކުރި ފްލެޓްތަކަށްވުތެ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދޫކުރި ފްލެޓްތައް ރަނގަޅު ކަމަށް 'އިބޫއަސްލަމް' ކެމްޕޭން ސްޕޯކްސްޕަރސަން މާރިޔާ ދީދީ ވިދާޅުވެއްޖެއެވެ.

މިއަދު އެމްޑީޕީއިން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މާރިޔާ ވިދާޅުވީ، ބޮޑު މިނާއި އަގާ އަޅާ ބަލާއިރު މި ސަރުކާރުން ދޫކުރި ފްލެޓްތައް މާ ރަނގަޅު ކަމަށެވެ.

"ކުރިން 2013 އިން 2018އަށް މުއިއްޒުގެ މިނިސްޓަރުކަމުގަ އަޅާފަ ހުރި ފްލެޓްތަކާ، އަޅުގަނޑުމެންގެ ފްލެޓްތައް އަގުކޮށްފަ ހުރި ގޮތުގެ ވާހަކަވެސް ހަމަ ތިބޭފުޅުންނަށް ދަންނަވާލަން ބޭނުންވޭ" މާރިޔާ ވިދާޅުވިއެވެ.

އެގޮތުން މާރިޔާ ވިދާޅުވީ، މުއިއްޒުގެ މިނިސްޓަރުކަމުގައި ދެ ބެޑްރޫމް ނުވަތަ ފްލެޓެއް ނަމަ އޭގެ ޔުނިޓް ޑީޓެއިލް އަކަށް އިންނަނީ 570 އަކަފޫޓް ކަމަށެވެ. އަދި ދެ ބެޑްރޫމްގެ އަގުކަމަށް ކަނޑައެޅީ 62 ހާސް ޑޮލަރުކަމަށެވެ.

މި ސަރުކާރުން ހަވާލު ކޮށްގެން އެންބީސީސީއިން ހަދާ ފްލެޓާއި ޖޭއެމްސީއިން ހަދާ ފްލެޓުގެ ބޮޑުމިނަކީ 650އާ 900 އަކަފޫޓު ކަމަށް މާރިޔާ ވިދާޅުވިއެވެ. އަދި އެންބީސީސީއިން ހެދި ދެ ބެޑްރޫމްގެ ފްލެޓްގެ އަގަކީ 48785.45 ޑޮލަރު ކަމަށާއި ޖޭއެމްސީއިން ހެދި ފްލެޓްގެ އަގަކީ 50194 ޑޮލަރު ކަމަށް މާރިޔާ ވިދާޅުވިއެވެ.

އޭގެ އިތުރުން މާރިޔާ ވިދާޅުވީ، ހިޔާ ފްލެޓްތަކުގައި ތިން ކޮޓަރީގެ އެޕާޓްމަންޓް ނެތް ކަމަށާއި، މި ސަރުކާރުން ހެދި ތިން ކޮޓަރީގެ އެޕާޓްމަންޓްގެ އަގަކީ 67 ހާސް ޔޫއެސް ޑޮލަރު ކަމަށެެވެ. އަދި ޖޭއެމްސީގެ އެ ފްލެޓްތަކުގެ އަގަކީ 69 ހާސް ޔޫއެސް ޑޮލަރު ކަމަށެވެ.

އެހެންކަމުން ހިޔާ މަޝްރޫއުގެ ފްލެޓްތަކާ، މި ސަރުކާރުގެ ތިން ކޮޓަރީގެ ފްލެޓްތަކާ ގަތްގަނޑަކަށް އެއްވަރު ކަމަށް މާރިޔާ ވިދާޅުވިއެވެ.

ހިޔާ މަޝްރޫެއުގެ ފްލެޓްތައް ހަވާލުކުރި އިރު ހުރީ ކަމައެކަނި ހަތަރު ފާރު ކަމަށް މަރިޔާ ވިދާޅުވިއެވެ. ނަމަވެސް މި ސަރުކާރުން ހެދި ފްލެޓްތަކުގައި، ސިންކް ފިޔަވައި އެހެން ހުރިހާ އެއްޗެއް ނިންމާފައި އެންބީސީ ފްލެޓްތައް ހަވާލު ކުރުމަށް ކަނޑައަޅާފައި ވާނެ ކަމަށް މާރިޔާ ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް