މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ހުރިހާ މެންބަރުން އެކުގައި ބައިތިއްބައިގެން ވަޑައިގެން ނޫނީ ކާމިޔާބު ހޯދޭނެ ގޮތެއް ނޯންނާނެކަމުގައި އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު ރައީސް ސޯލިހަށް އިޝާރާތް ކުރައްވާ މިހެން ވިދާޅުވީ މިހާރު ކުރިއަށްދާ އެމްޑީޕީގެ ކޮންގްރެސްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ނަޝީދު ކެމްޕޭނު ކުރައްވަމުންގެންދަވާ ބަރުލަމާނީ ނިޒާމު އިތުރަށް ޕްރޮމޯޓްކުރައްވަމުން ދެއްކެވި އެ ވާހަކަފުޅުގައި ރައީސް ނަޝީދު ވިދާޅުވީ ތަފާސް ހިސާބުތައް އެމަނިކުފާނު ހާމަކުރައްވާފައިވާނެ ކަމަށާއި އެކުގައި އެކީގައި ތިބެ ކުރިމަތި ނުލެވިއްޖެނަމަ ލިބެން އޮތް މިންވަރު ވަރަށް ކުޑަވެގެންދާނެ ކަމަށެވެ.
ޕާޓީ މިވަގުތު އޮތީ ވަރަށް ހައްސާސް ފައްތަރެއްގައިކަން ފާހަގަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ ޕާޓީގެ އެއް ބަޔަކު ދެކެނީ ވެރިކަމުގެ ނިޒާމަށް ގެންނަންޖެހޭ ބަދަލެއް ނެތްކަމުގައި ކަމަށެވެ. ނަމަވެސް އަނެއް ބަޔަކު ދެކެނީ ބަދަލު އަދިވެސް ވާންޖެހޭ ކަމަށް ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.
"އެމްޑީޕީއަކީ އަބަދުވެސް ބަދަލުގެ ޕާޓީއެއް، ރާއްޖެ ބަދަލު ކުރީ ގަދަފަދަ މެންބަރުން ނިކުމެ އަނިޔާއާއި ބިރުވެރިކަމާއި އެތައް ޒަމާނެއްވެ ކިތަންމެ ފަހަރަކު ގިސްލެވި އެތައް ފަހަރަކު ހޭނެތިގޮސް ގިނަ ޕާޓީ ނިޒާމާއެކު މި ޕާޓީ ލިބިފަ މިވަނީ" ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.
ރައީސް ނަޝީދު ފާހަގަކުރެއްވިގޮތުގައި ބަރުލަމާނީ ނިޒާމުގެ ވާހަކަ މި ކޮންގްރެސްގައި ދެކެވިގެންދާނެއެވެ. އަދި ކަންކަން ހައްލު ކުރެވި އެދެވޭ ބަދަލު މިސްރާބު މި ކޮންގްރެސްގައި ހިފިގެންދާނެ ކަމުގައިވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް