މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް އޮތް ހަމައެކަނި ގޮތަކީ ހިޔާލު ތަފާތުވުންތަކާއެކުގައިވެސް އެކުގައި ކުރިއަށްދިއުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހް މިހެން ވިދާޅުވީ މިހާރު ކުރިއަށްދާ އެމްޑީޕީގެ ކޮންގްރެސްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
"އެމްޑީޕީގައި ހިޔާލު ތަފާތުވުންތަކަށް ތަފާތު ހިޔާލުތަކަށް ޖާގަ އޮންނާނެ، ބައެއް ކަންތައްތައް އެންމެނަށް އެއްބަސް ނުވެވިދާނެ، އޮތް ހަމައެކަނި ގޮތަކީ ހިޔާލު ތަފާތުވުންތަކާ ތަފާތު ހިޔާލުތަކާއެކީގައި ކުރިއަށް ދިއުން" މި މޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވިއެވެ.
ކޮންގްރެސްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ މީގެ 17 އަހަރު ކުރިން ގައުމުގައި އޮތީ ވަރަށް ތަފާތު ހާލަތެއް ކަމަށެވެ. ކުރެވޭ އިޝާރާތަކުން، ބުނެވޭ ބަހަކުން، ހީވާ ހީވުމަކުން އަޖަލު އައިސް ދޮރުގައި އޭރު ޓަކި ޖަހާފާނެ ކަމަށެވެ.
"މެންދުރެއް މެންދަމެއް ނޯންނާނެ، ދައްކާކަށް ކޯޓު އަމުރެއް ފުރިހަމަކުރާކަށް ގާނޫނީ އިޖުރާއަތެއް އޭރަކު ނޯވޭ" ރައީސް ސޯލިހް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ ނައްތާލަން ބޭނުންވީ އެ ބިރުވެރިކަމާ ބޭއިންސާފާ ލާއިންސާނިއްޔަތާއި އަނިޔާ ކަމަށެވެ.
ރައީސް ސޯލިހްގެ ވާހަކަފުޅު ނިންމަވާލަމުން ވިދާޅުވީ އުފާވެރި މާދަމާއެއް ގެނައުމަށް ދިއްލި މި ދަންމަރު (އެމްޑީޕީ) ގެ އުޖާލާކަން އެންމެ ހިނދުކޮޅަކަށްވެސް ފަނޑުވެ ނިވިދިޔަ ދީގެން ނުވާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް