ޕީޕީއެމްގެ ރިޔާސީ ޓިކެޓު ރަސްމީކޮށް ޔާމީނާއި ހަވާލުކޮށްފި

އިދިކޮޅު ޕީޕީއެމް ރިޔާސީ ޓިކެޓު ރަސްމީކޮށް ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ހަވާލުކޮށްފި އެވެ. އެމަނިކުފާނާއި ޓިކެޓު ހަވާލު ކުރީ "ހަވާލޭ ވަތަން"ގެ ނަމުގައި ކާނިވާ ސަރަހައްދުގައި ކުރިޔަށްދާ ޖަލްސާގައި އެ...

19 Aug 2022 | 16:38

އިދިކޮޅު ޕީޕީއެމް ރިޔާސީ ޓިކެޓު ރަސްމީކޮށް ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ހަވާލުކޮށްފި އެވެ.

އެމަނިކުފާނާއި ޓިކެޓު ހަވާލު ކުރީ "ހަވާލޭ ވަތަން"ގެ ނަމުގައި ކާނިވާ ސަރަހައްދުގައި ކުރިޔަށްދާ ޖަލްސާގައި އެވެ. ޔާމިން އާއި ޓިކެޓު ރަސްމީކޮށް ހަވާލުކޮށްދެއްވީ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.

ރިޔާސީ ޓިކެޓް ރައީސް ޔާމީނަށް ހަވާލުކޮށްދިނުމަށް ރާއްޖޭގެ ކޮންމެ ރަށަކުން ވަނީ މަންދޫބެއް އެ ޖަލްސާއަށް ހާޒިރުވެފަ އެވެ. ޔާމީނަށް ޓިކެޓު އެރުވީ އެ ހުރިހާ މަންދޫބުންނާއި ޕީޕީއެމްގެ ލީޑާޝިޕްގެ ބޭފުޅުންގެ އަތުގައި ޓިކެޓު ޖެއްސުމަށް ފަހު އެވެ.

ރިޔާސީ އިންތިޚާބުގައި ޕީޕީއެމް އިން ވާދަކުރާނެ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމަށް ކަނޑައެޅީ މިދިޔަ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ރޭ ބޭއްވި ބައްދަލުވުމެއްގައެވެ.

މިރޭގެ ޖަލްސާގައި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ބައިވެރިވެވަޑައިގެންނެވި އެވެ.

ރާއްޖޭގެ ހުރިހާ ރަށަކުން މަންދޫބުން ބައިވެރިވާ ޕީޕީއެމްގެ ޖަލްސާގައި ގިނަ އަދަދެއްގެ މީހުން ދަނީ ބައިވެރިވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް