ފޮނަދޫ ޔޫތް ފުޓްސަލް ޗެލެޖް މުބާރާތުގެ ފައިނަލް މެޗަށް މިރޭ ނުކުންނާނީ ސީދާ މޮޅެއް ހޯދާ ތަށި މިލްކު ކުރަން ކަމަށް ލެކްރޯސް އެސްސީގެ ކޯޗު ނައުފަލް (ނައުބެ) ބުނެފިއެވެ.
މިރޭގެ ފައިނަލް މެޗާއި ގުޅޭ ގޮތުން ދުވަސްއާއި ވާހަކަ ދައްކަމުން ނައުފަލް ބުނީ މިރޭގެ މެޗަކީ ފަސޭހަ މެޗަކަށް ނުވާނެ ކަމަށާއި ނަމަވެސް މެޗަށް ނިކުންނާނީ ސީދާ މޮޅެއް ހޯދައިގެން ތަށި ދިފާއުކުރުމުގެ އަޒުމުގައި ކަމަށެވެ.
އިތުރަށް ނައުފަލް ބުނީ މިރޭގެ މެޗަށް ނިކުންނައިރު، އެންމެ ކަންބޮޑުވާ އެއް މަސައްލަ އަކީ ލެކްރޯސްގެ އެންމެ އިތުބާރު އަދި އެންމެ އުންމީދީ އެއް ކުޅުންތެރިޔާ އަޔާޒު އަޙުމަދަށް މިރޭގެ މެޗުގައި ނުކުޅެވުން ކަމަށެވެ. އަޔާޒު އަޙުމަދަށް މިރޭގެ މެޗުގައި ނުކުޅެވެނީ އޭނާ ފެމިލީ ކަމެއްގައި ކުއްލިއަކަށް ފުރައިގެން ދާން ޖެހުމުން ކަމަށް ނައުފަލް ބުންޏެވެ. އަދި މިރޭގެ މެޗުގައި އަބުދުﷲ ޝާފިއު (ޝާއްޕެ) ކުޅޭނެ ކަމަށާއި މިރޭގެ މެޗަށް އޭނާ މިއަދު އައިސް ޓީމާއި ގުޅިފައިވާ ކަމަށް ވެސް ނައުފަލް ވަނީ ބުނެފައެވެ.
މީގެ އިތުރުން ނައުފަލް ބުނީ ކަންމަތި އެސްސީ އަކީ ވެސް ވަރަށް ތަފާތު މޮޅު ކުޅުންތެރިންތަކެއް ތިބި ވަރުގަދަ ޓީމެއް ކަމަށާއި އެޓީމާއި ދެކޮޅަށް މިރޭ ނިކުންނައިރު، ވަރަށް ގިނަ ގޮތްގޮތުން ވިސްނަން ޖެހޭ ކަމަށެވެ. އެގޮތުން ރަނގަޅު ޕްލޭނަކާއި އެކު މިރޭގެ މެޗު ކުރިޔަށް ގެންދެވިއްޖެ ނަމަ މޮޅުވުމަކީ ނުވާނެ ކަމެއް ނޫންކަމަށެވެ. އަދި މިރޭގެ މެޗަށް ނިކުންނައިރު، ޓީމުގެ ހުރިހާ ކުޅުންތެރިންވެސް ތިބީ ވަރަށް ފިޓުކޮށް ކަމަށާއި އަނިޔާގެ އެއްވެސް މައްސަލައެއް ޓީމުގައި މިވަގުތު ނެތް ކަމަށް އޭނާ ބުންޏެވެ.
" މިރޭގެ މެޗަކީ މޮޅުވުން އުނގަދޫ މެޗަކަށް ވާނެ. އެހެން ނަމަވެސް މިރޭގެ މެޗަށް ނިކުންނާނީ ސީދާ މޮޅެއް ހޯދާ ތަށި މިލްކި ކުރަން. އެންމެ ބޮޑު ކަންބޮޑު ވުމަކީ އަޔާޒަށް މިރޭގެ މެޗުގައި ނުކުޅެވުން. އެއީ މުހިންމު ކުޅުންތެރިއެއް." ދުވަސްއާއި ވާހަކަ ދައްކަމުން ނައުފަލް ބުންޏެވެ.
ނައުފަލް އިތުރަށް ބުނީ މިރޭ މެޗު ކުޅޭ އިރު، ސަޕޯޓަރުންގެ މުހިންމުކަން ވަރަށް ބޮޑު ކަމަށާއި ޓީމުގެ ހުރިހާ ސަޕޯޓަރުންވެސް ޓީމަށް ސަޕޯޓުކޮށްދިނުމަށް ދަނޑަށް އައުމަކީ ވަރަށް ބޮޑަށް އެދޭ ކަމެއްކަމަށެވެ. އަދި ކޮންމެ ސަޕޯޓަރަކުވެސް ސަޕޯޓުކުރަމުން ގެންދަން ވާނީ ކުޅިވަރުގެ ރޫޙާއި އެއްގޮތް ވާ ގޮތުގެ މަތިން ކަމަށް ވެސް އޭނާ ބުންޏެވެ.
ލެކްރޯސް އެސްސީ އަކީ މީގެ ކުރިން ބޭއްވުނު ދެ މުބާރާތުގެވެެސް ޗެމްޕިއަނުންނެވެ. މިރޭގެ މެޗުން މޮޅުވެގެން ތަށި ނަގައިފި ނަމަ އެޓީމަށް މި މުބާރާތުގެ ތަށިން މިލްކުވީއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް