ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖް ގެ ފައިނަލްގެ ގަދަ ހިފުމަށް މިރޭ ލެކްރޯސް އެސްސީއާއި ދެކޮޅަށް ކަންމަތި އެސްސީ ނިކުންނައިރު، އެ މެޗަކީ ވަރަށް ޓަފް މެޗަކަށް ވާނެ ކަމަށާއި ނަމަވެސް އެންމެ ތަންފުކެއްވެސް ދޫނުދޭނެ ކަމަށް ކަންމަތި އެސްސީގެ ހެޑް ކޯޗު އިބުރާހީމް ރަޝީދު (ފީގޯ) ބުނެފިއެވެ.
މިރޭގެ މެޗާއި ބެހޭގޮތުން ދުވަސްއާއި ވާހަކަ ދައްކަމުން ފީގޯ ބުނީ މިރޭ މި ނިކުންނަނީ ރާއްޖޭން ހޮވާލެވިފައިވާ އެންމެ މޮޅު ފުޓްސަލް ކުޅުންތެރިންގެ ޓީމަކާއި ދެކޮޅަށް ކަމަށާއި އެޓީމާއި އެކު ކުޅެން ފަސޭހަ ނުވާނޭ ކަމަށެވެ. އެހެން ނަމަވެސް މިރޭގެ މެޗާއި މެދު ކުރާ އުންމީދަށް ކުޑަވެސް ބަދަލެއް ނާންނާނެ ކަމަށް ފީގޯ ބުންޏެވެ. އަދި މިރޭގެ މެޗަށް ކަންމަތި އެސްސީވެސް ނިކުންނަނީ ސީދާ މޮޅުވެގެން ތަށި އުފުލާލުމުގެ އަޒުމުގައި ކަމަށް ވެސް ފީގޯ ބުންޏެވެ.
އިތުރަށް ވާހަކަ ދައްކަމުން ފީގޯ ބުނީ މިރޭ ލެކްރޯސް އާއި ދެކޮޅަށް ނިކުންނަ ފައިނަލް މެޗަކަކީ މި މުބާރާތުގައި ވެސް ކުރިމަތިވާނެ އެންމެ ޗެލެންޖިންގ މެޗަށް ވާނެ ކަމަށާއި ނަމަވެސް ލެކްރޯސް އާއި ކުރިމަތި ލުމުގެ ޤާބިލްކަން ކަންމަތި އެސްސީ ޓީމުުގެ ކިބާގައިވެސް އެބަ ހުރިކަމަށެވެ. އެހެން ކަމުން މިރޭގެ މެޗަށް ނިކުންނާނީ ރަނގަޅު ފައިޓެއް ދީ މެޗު ކާމިޔާބު ކުރުމުގެ އަޒުމުގައި ކަމަށްވެސް އޭނާ ބުންޏެވެ.
" އަހަރެމެންނަށް އެނގޭ މިރޭގެ މެޗު ވަރަށް ޓަފް ވާނެކަން. މިއީ މި މުބާރާތުގައި އަހަރެމެންނާއި ކުރިމަތިވާނެ އެންމެ އުނގަދޫ މެޗަށް ވާނެ. އެއީ ލެކްރޯސް އެސްސީ ޓީމުގައި ތިބީ ރާއްޖޭގެ ނަން މަޝްޙޫރު މޮޅު ކުޅުންތެރިންތެކެއް. އެމީހުންނާއި ދެކޮޅަށް ކުޅެން އުނދަގޫތަކެއް ހުންނާނެ. އެހެން ނަމަވެސް އަހަރެމެންގެ އަޒުމަށް ކުޑަވެސް ބަދަލެއް ނާންނާނެ. އިރާދަކުރެއްވިއްޔާ މިރޭ ދަނޑުން ފައިބާނީ ތައްޓާއި އެކު." ދުވަސްއާއި ވާހަކަ ދައްކަމުން ފީގޯ ބުންޏެވެ.
މީގެ އިތުރަށް ފީގޯ ބުނީ މިރޭގެ މެޗަށް ނިކުންނައިރު، ޓީމުގައި އެއްވެސް އަނިޔާގެ މައްސަލައެއް އަދި ސަސްޕެންސަނުގެ މައްސަލައެއް ވެސް ނެތްކަމަށެވެ. އަދި ޓީމުގެ ހުރިހާ ކުޅުންތެރިންވެސް ތިބީ މިރޭގެ މެޗަށް ވަރަށް ފިޓުކޮސް ކަމަށް ފީގޯ ބުންޏެވެ.
ނިންމާލަމުން ފީގޯ ބުނީ މިރޭ ކަންމަތި އެސްސީގެ ސަޕޯޓަރުންގެ ކިބައިން ވެސް އެދޭ ވަރަށް ބޮޑު އެދުމެއް އެބައޮތް ކަމަށާއި އެއީ މިރޭގެ މެޗުގައި ކުޅުވަރުގެ ރޫޙާއި އެއްގޮތްވާ ގޮތުގެ މަތިން ޓީމަށް ސަޕޯޓުކޮށްދިނުންކަމަށެވެ. އަދި އެއްވެސް ސަޕޯޓަރަކު ކުޅިވަރުގެ ރޫހާއި ޚިލާފު އެއްވެސް އަމަލެއް ހިންގުމަކީ ބަލައިގަނެވޭނޭ ކަމެއް ނޫން ކަމަށް ވެސް ފީގޯ ވަނީ ބުނެފައެވެ.
ލެކްރޯސް އެސްސީ އަދި ކަންމަތި އެސްސީ ބައްދަލުކުރާ ފައިނަލް މެޗު ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 8:30 ގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް