ވީޑިއޯއިން ފެންނަނީ އޮންނަ އުސޫލުން ސައިކަލު ނައްތާލުމުގެ ކުރިން ކުރަންޖެހޭ މަސައްކަތްކުރާ މަންޒަރު: ޕޮލިސް

ޕޮލިސް ޓޯޔާޑުގައި ސައިކަލެއްގައި ފުލުހަކު ހޮޅިދަނޑިއަކުން ތަޅާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި މިއަދު ދައުރުވެފައިވާއިރު އެކަން ހިނގާދިޔަގޮތް ފުލުހުން ސާފުކޮށްދީފިއެވެ. އެގޮތުން ފުލުހުން ...

19 Aug 2022 | 10:53

ޕޮލިސް ޓޯޔާޑުގައި ސައިކަލެއްގައި ފުލުހަކު ހޮޅިދަނޑިއަކުން ތަޅާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި މިއަދު ދައުރުވެފައިވާއިރު އެކަން ހިނގާދިޔަގޮތް ފުލުހުން ސާފުކޮށްދީފިއެވެ.

އެގޮތުން ފުލުހުން ބުނެފައިވަނީ އެ ވީޑިއޯއަކީ އުޅަނދުތައް ނައްތާލުމަށް ކުރަންޖެހޭ ކަންކަން ކުރުމުގެ މަސައްކަތް ހިނގަމުންދަނިކޮށް ނަގާފައިވާ ވީޑިއޯއެއްކަމަށެވެ.

"އުޅަނދު ނައްތާލަން ގެނދިއުމުގެ ކުރިން ފުލުހުން އެ އުޅަނދު ޗެކު ކުރޭ، އަދި މި ގޮތަށް ނައްތާލާ އުޅަނދުތައް ނައްތާލަނީ އެކަމަށް ހެދިފައިވާ އުސޫލާ އެއްގޮތަށް ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކޮށް އަދި ބަލަންޖެހޭ ކަންކަން ބެލުމަށްފަހު" ފުލުހުން ބުނެފައިވެއެވެ.

ގަވާއިދާ ހިލާފަށް ޕާކުކޮށްގެން ފުލުހުން ޓޯކުރާ އުޅަނދާ ހަވާލުވުމަށް 60 ދުވަހުގެ މުއްދަތު އުޅަނދުގެ ވެރިފަރާތަށް ދެއެވެ. 60 ދުވަހުގެ ތެރޭގައި ހަވާލުނުވާ އުޅަނދުތައް ނައްތާލުމުގެ ބާރު 2009/05 (އެއްގަމު ދަތުރުފަތުރުގެ ގާނޫނު) އިން ފުލުހުންނަށް ލިބިދީފައިވެއެވެ.

ސޯޝަލް މީޑިއާގައި މީގެ ހައެއްކަ ގަޑިއިރު ކުރިން މީހަކު ޕޯސްޓްކޮށްފައިވާ ވީޑިއޯއަކުން ފެންނަނީ ޓޯޔާޑުގައި ސައިކަލެއްގެ ކައިރީގައި ދެ ފުލުހަކު ހަރަކާތްތެރިވާއިރު އެއް ފުލުހަކު ދަގަނޑު ބުރިއެއްކަހަލަ އެއްޗަކުން ސައިކަލުގެ މަޑީގައި ދެތިންފަހަރު ޖަހާ މަންޒަރެވެ.

އެ ވީޑިއޯ މިހާތަނަށް 35 ހާހަށްވުރެ ގިނަ  މީހުން ބަލާފައިވާއިރު މި ވީޑިއޯއިން ފެންނަ މަންޒަރަށް ބިނާކޮށް ގިނަބަޔަކު އަންނަނީ ފުލުހުންނަށް ފާޑުކިޔަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް