ދިގު އިންތިޒާރަކަށް ނިމުން އަންނަނީއެވެ. ފޮނަދޫ ޔޫތް ފުޓްސަލް ޗެލެންޖް 2022 ގެ ފައިނަލް މެޗަށް ވަގުތު ކުޑަތަން ވެއްޖެއެވެ. 54 މެޗު ކުޅެ، ފައިނަލް މެޗާއި ހަމައަށް އަތުވެއްޖެއެވެ. 16 ޓީމުން ގަދަ ދެޓީމު ޔަގީން ވެއްޖެއެވެ. އެ ދެޓީމަކީ ކަންމަތި އެސްސީއާއި އެންމެ ފަހުގެ ޗެމްޕިއަން ލެކްރޯސް އެސްސީއެވެ. މިރޭގެ ފައިނަލް މެޗުން ޔަގީންވާނީ ފޮނަދޫ ޔޫތް ފުޓްސަލް ޗެލެންޖް މުބާރާތުގެ ޗެމްޕިއަނުންނެވެ. މިރޭގެ މެޗަށް ނިކުންނައިރުު، ދެޓީމަށް އޮތް ހަމަހަމަ ފުރުސަތުތަކަށް ބަލައިލުން މުހިއްމެވެ.
ލެކްރޯސް އެސްސީ
މުބާރާތުގައި މިހާތަނަށް ބަލިނުވެ ލެކްރޯސް އެސްސީ އައީ ގިނަ ގޯލްތަކެއް ޖަހަމުންނެވެ. ވަރުގަދަ ޓީމުތަކާ ދެކޮޅަށްވެސް މޮޅަށް ކުޅެ ތަފާތު ދައްކަމުންނެވެ. އެޓީމުގެ އޮތް އެންމެ ވަރުގަދަ އަޒުމަކީ ތަށީގެ ހެޓްރިކެއް ހެދުމެވެ. 2019 ވަނަ އަހަރާއި 2020 ވަނަ އަހަރުވެސް ފޮނަދޫ ޔޫތް ފުޓްސަލް ޗެލެންޖްގެ ތަށި ހޯދި ލެކްރޯސް އެސްސީ އަކީ މި މުބާރާތުގެ އެންމެފަހުގެ ޗެމްޕިއަނުންވެސް މެއެވެ. މިހާތަނަށް މުބާރާތް ދެފަހަރު ހޯދި ހަމައެކަނި ޓީމަކީވެސް ލެކްރޯސް އެސްސީއެވެ. މިރޭ އެޓީމަށް އޮތީ މުބާރާތުގެ ޝަރަފުވެރި ތަށި ދިފާއުކުރާނެ ހަމައެކަނި ޓީމަށް ވުމުގެ ފުރުސަތެވެ. ޓީމުން މިހާތަނަށް ދެއްކި ކުޅުމާއި، ޓީމުގެ ތަރިން ތިބި ފޯމަށް ބަލައި، އެކަން ކުރުމަށް ޓީމަށް އިތުބާރު ބޮޑެވެ.
މިހާތަނަށް މި މުބާރާތުގައި ލެކްރޯސް އެސްސީ ޓީމުގެ ހަމަ ކޮންމެ ކުޅުންތެރިއެއްވެސް އަންނަނީ ފަތާތު ދައްކަމުންނެވެ. ލިބޭ ކޮންމެ ވަގުތެއްގައި ތަފާތު ދައްކަމުންދާ ލެކްރޯސް ޓީމުގައި ވަކި ކުޅުންތެރިޔަކު ނަގަންވެސް އުނދަގުލެވެ. ހުސެއިން ޝަރީފް (އޮންލީ) އާއި އަޙުމަދު ހަލީމް (އަންމަޑޭ) އަދި އަޔާޒު އަހުމަދު، އަބުދުﷲ ޖުނައިދު ފަދަ ކޮންމެ ކުޅުންތެރިޔަކުވެސް ދައްކަމުން އަންނަނީ ތަފާތެވެ. ސަޕޯޓަރުންނާއެކު ޓީމު ފައްކާވެފައި އޮތީ ތިންވަނަ ތަށްޓަކަށެވެ.
އެންމެ ފަހުން ބޭއްވި މުބާރާތުގެ ތަށިވެސް ލެކްރޯސް އިން ނެގީ ފަސޭހަކަމާ އެކުގައެވެ. ގުރޫޕް ސްޓޭޖުގެ މެޗުތައް ފަސޭހަކަމާއި އެކު ކާމިޔާބު ކޮށް ކުއާޓާ ފައިނަލުގައި ވެސް ލެކްރޯސް ފެނުނީ ވަރުގަދަ ކޮށެވެ. ކުއާޓާ ފައިނަލުގައި ނެވަގިވަޕް އެސްސީ ބަލިކުރީ ފަސޭހަ ކަމާއި އެކު 1-3 ގެ ނަތީޖާއަކުންނެވެ. ސެމީ ފައިނަލަށް ނުކުމެ ކަންމަތި އެފްސީ ބަލިކުރީ 6-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. ނަތީޖާތަކަށް ބަލާއިރުވެސް ލެކްރޯސް އެސްސީއަށް އޮތީ އިތުބާރެވެ.
ލެކްރޯސް އެސްސީ މުބާރާތުގެ ފައިނަލަށް ދަތުރުކުރި ގޮތް:
ގުރޫޕް ސްޓޭޖު
ލެކްރޯސް އެސްސީ-8 ޔުނައިޓެޑް ކުރިގަމް-1
ލެކްރޯސް އެސްސީ-5 މުންޑީ ޒުވާނުންގެ ޖަމްޢިއްޔާ-3
ލެކްރޯސް އެސްސީ-6 އައުޓްރީފް އެސްސީ-1
މުއާޓާ ފައިނަލް
ލެކްރޯސް އެސްސީ-3 ނެވްގިވަޕް އެސްސީ-1
ސެމީ ފައިނަލް
ލެކްރޯސް އެސްސީ-6 ކަންމަތި އެފްސީ-1
ކަންމަތި އެސްސީ
މިރޭގެ ފައިނަލުގައި ވަރުގަދަ ލެކްރޯސް އެސްސީއާއި ދެކޮޅަށް ނިކުންނަނީ ރާއްޖޭގެ ފުޓްސަލް ގައި ނަން މަޝްޙޫރު އަދި ފުޓްސަލް ކިންގް ގެ ގޮތުގައި މަޝްޙޫރު ވެފައިވާ އަލީ ހާފިޒް (ހާއްޕެ) އާއި ރާއްޖޭގެ ފަސްޓް ޑިވިޝަނުގައި ކުޅެމުން އަންނަ އަދި ރާއްޖޭގެ ގައުމީ ޓީމަށް ވެސް ކުޅެފައިވާ އަލީ ޝާމިޒް (ތޮއްޕެ) ގެ އިތުރުން އެތައް މަޝްޙޫރު ފުޓްސަލް ތަރިންތަކެއް ހިމެނޭ ކަންމަތި އެސްސީއެވެ. ކަންމަތި އެސްސީން ވެސް މިފަހަރުގެ މުބާރާތުގެ ފައިނަލާއި ހަމައަށް އައީ ތަފާތު ދައްކަމުންނެވެ. ގުރޫޕް ސްޓޭޖު މެޗުތަކުން ފެށިގެން ކުއާޓާ ފައިނަލާއި ސެމީ ފައިނަލުގައި ވެސް ނެރެފައިވަނީ ބޮޑެތި ނަތީޖާތަކެވެ. އިދިކޮޅު ޓީމުތައް ސިހޭ ފަދަ ގިނަ ގޯލުތަކެއް ޖަހައިގެންނެވެ.
މިހާތަނަށް މުބާރާތުގައި ކަންމަތީ އެސްސީގެ އަލީ ހާފިޒް (ހާއްޕެ) އެޓީމަށް 20 ގޯލު ޖަހައިދީފައިވާ އިރު، އެއީ މިވަގުތަށް މުބާރާތުގެ ޓޮޕް ސްކޯރާއެވެ. މިރޭގެ މެޗަށް ނިކުންނައިރު، ލެކްރޯސް އެސްސީއަށް އޮތް އެންމެ ބޮޑު އެއް ޗެލެންޖަކީ އަލީ ހާފިޒު ހިފެހެއްޓުމެވެ. އަލީ ހާފިޒަކީ ދަނޑުމަތީގެ ކޮންމެ ދިމާއަކުން ކޮންމެ ގޮތަކަށްވެސް އިދިކޮޅު ޓީމުގެ ގޯލު ފޫއަޅުވާލާނެ ފަދަ ނުރައްކާތެރި ކުޅުންތެރިއެކެވެ. ހަމަ ޔަގީނުންވެސް މި ކުޅުންތެރިއާ ހިފެހެއްޓުމަށް ލެކްރޯސް އެސްސީން ގިނަ ޕްލޭންތަކެއް ކުރާނެއެވެ.
މިރޭގެ މެޗަށް ކަންމަތި އެސްސީން ނިކުންނާނީ ބެލެންސް ޓީމެއްގެ ގޮތުގައެވެ. ރަނގަޅަށް ޑިފެންސްކޮށް، ޓެކްޓިކަލީ އެންމެ ރަނގަޅު ގޭމެއް ކުޅޭ ޓީމެއްގެ ގޮތުގައެވެ. އެ ވަރުގަދަ އޯގަނައިޒިންއާއެކު ކަންމަތި އެސްސީ ފެންނަނީ މުހިއްމު ވަގުތުތަކުގައި ގޯލްވެސް ޖަހާ ޓީމެއްގެ ގޮތުގައެވެ. ހާއްސަކޮށް އަލީ ހާފިޒުގެ ނުރައްކާ ބޮޑެވެ. އަނެއްކޮޅުން ގޯލްކީޕަރުު އަޙުމަދު ހުޝާމް (ގުންޒާލޯ) އަކީ ޓީމުގެ ތަނބެވެ. ގުންޒާލޯ ފޫއަޅުވާލާ ގޯލަށް ބޯޅައެއް ވައްދާލުމަކީ އިދިކޮޅު ޓީމަށް އުނަދަގޫ ކަމަކަށް ވާނެކަން ޔަގީނެވެ.
ގުރޫޕް ސްޓޭޖު މެޗުތަކުން ފެށިގެން ކުއާޓާ ފައިނަލާއި ސެމީ ފައިނަލުގައި އެޓީމުން ނެރެމުން އައީ އާދަޔާ ޚިލާފު ނަތީޖާތަކެކެވެ. އެގޮތުން މުބާރާތުގެ މުއާޓާ ފައިނަލުން ކަންމަތި އެސްސީ މޮޅުވީ ޑީކޭއެންޒެޑާއި ވާދަކޮށް 1-8 ގެނަތީޖާއިންނެވެ. ސެމީ ފައިނަލުގައި ކަންމަތި ވާދަކުރަން ޖެހުނީ މި މުބާރާތުގައި އެންމެ ވަރުގަދަ ކޮށް ފެނުނު އެއް ޓީމު ކަމަށްވާ ސިކްސް ސެންސް ލާމު ޓީމާއެވެ. ނަމަވެސް މި މެޗު ކާމިޔާބު ކުރަން އެޓީމަށް މާ ބޮޑެތި ދަތިތަކަކާއި ކުރިމަތިލާކަށް ނުޖެހުނެވެ. ސިކްސް ސެންސް ލާމާއި ވާދަކޮށް ކަންމަތި އެސްސީން މެޗު ކާމިޔާބު ކުރީ 3-5 ގެ ނަތީޖާއިންނެވެ.
ކަންމަތި އެސްސީ މުބާރާތުގެ ފައިނަލަށް ދަތުރުކުރި ގޮތް:
ގުރޫޕް ސްޓޭޖު
ކަންމަތި އެސްސީ- 21 ހަފެލެ އެފްސީ- 1
ކަންމަތި އެސްސީ-4 އިސްދޫ ކައުންސިލް-2
ކަންމަތި އެސްސީ-2 އެލްވައިޑީ-0
މުއާޓާ ފައިނަލް
ކަންމަތި އެސްސީ-8 ޑީކޭއެންޒެޑް ސްޕޯޓްސް ކުލަބް-1
ސެމީ ފައިނަލް
ކަންމަތި އެސްސީ-5 ސިކްސް ސެންސް ލާމު-3
މިރޭ 21:30 ގައި ފޮނަދޫ ޓާފް ދަނޑުގައި ފައިނަލް އޮންނަ އިރު، މި މެޗު ފޮނަދޫ ޔޫތް ފުޓްސަލް ޗެލެންޖް ފޭސްބުކް ޕޭޖުން ލައިވް ކުރާނެއެވެ.
މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 50،000 ރުފިޔާ ކަނޑައަޅާފައިވާއިރު ރަނަރަޕް ޓީމަށް 15000 ރުފިޔާ ދޭގޮތަށް ވަނީ ނިންމައިފަ އެވެ.
މި މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ ޕާސްކަލް މޯލްޑިވްސްއެވެ. އަދި ޕްލެޓިނަމް ސްޕޮންސަރުންގެ ގޮތުގައި، ޝަބުނަމީ ހޯލްޑިންގް، ސިބްކޯ މޯލްޑްިވްސް، ކޮކާ ކޯލާ މޯލްޑިވްސްގެ އިތުރުން ލާމު ފޮނަދޫ ކައުންސިލް ހިމެނެއެވެ. މުބާރާތުގެ ލައިވް ޕާޓްނަރ އަކީ “ލީޕް ކާސްޓް” އެވެ. އަދި މުބާރާތުގެ އޮފިޝިއަލް މީޑިއާ ޕާޓްނަރ އަކީ “ދުވަސް” އެވެ. މުބާރާތުގެ ފޮޓޯ ޕާޓްނަރ އަކީ ސާލިހާ ސްޓޫޑިއޯއެވެ. ޑިޖިޓަލް ޕާޓްނަރ އަކީ ދިރާގެވެ. އަދި ބެވަރެޖް ޕާޓްނަރ އަކީ ފޮނަދޫ “ބީޗް ސްޕޮޓް” އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް