ޖޭޕީގެ މަގްސަދަކީ ފޮޓޯ ނަގާފަ ބޯ ގިނަކުރުމެއް ނޫން: ނަހުލާ

ޖުމްހޫރީ ޕާޓީގެ މަގްސަދަކީ ފޮޓޯ ނަގާފައި ބޯ ގިނަކުރުން ނޫންކަމުގައި އެ ޕާޓީގެ ކައުންސިލް މެންބަރު އަދި ދައުލަތުގެ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ. ޕާޓީގެ ލީޑަރު، ގާސިމް އިބްރާ...

19 Aug 2022 | 04:29

ޖުމްހޫރީ ޕާޓީގެ މަގްސަދަކީ ފޮޓޯ ނަގާފައި ބޯ ގިނަކުރުން ނޫންކަމުގައި އެ ޕާޓީގެ ކައުންސިލް މެންބަރު އަދި ދައުލަތުގެ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

ޕާޓީގެ ލީޑަރު، ގާސިމް އިބްރާހިމްގެ އަނބިކަނބަލުން ނަހުލާ މިހެން ވިދާޅުވީ ރޭ އެ ޕާޓީއަށް ގިނަ އަދަދެއްގެ މެންބަރުން ސޮއިކުރި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނަހުލާގެ ވާހަކަފުޅު އަލިއަޅުވާލީ ސިޔާސީ ޕާޓީއަކަށް ސޮއި ކުރުމަކުން ހަމައެކަނި ނުފުދޭ ކަމުގެ މައުލޫގެ މައްޗަށެވެ. އެގޮތުން ނަހުލާ ވިދާޅުވީ ޕާޓީއަށް އަލަށް ގުޅިވަޑައިގަންނަވާ ކޮންމެ މެންބަރެއްގެ ފަރާތުން އިތުރު މެންބަރުން ލިބުން އެދޭ ކަމަށެވެ.

" އަޅުގަނޑުމެން ނޭދެން ހަމައެކަނި ފޯމެއް ހަވާލުކޮށްލާފަ ސޮއިކޮށްލާފަ މި ޕާޓީއަށް މީހުން އިތުރުކުރާކަށް އަޅުގަނޑުމެން އެދެނީ ކޮންމެ ޕާޓީއަށް ޖޮއިންކުރާ މެންބަރެއްގެ ފަރާތުން މެންބަރުން އިތުރުކޮށްދީ މި ޕާޓީގެ މަގްސަދަކީ ކޮބައިކަން ކިޔާދިނުން" ނަހުލާ ވިދާޅުވިއެވެ.

ގާސިމް އިބްރާހިމްގެ ފިކުރަކީ ޖުމްހޫރީ ޕާޓީގެ ފިކުރަކީ ކޮބައިކަން ރާއްޖޭގެ އެކި ކަންކޮޅުތަކަށް އަލަށް ޕާޓީއާ ގުޅުނު ފަރާތްތަކުން ފޯރުކޮށްދިނުން އެދިލައްވާކަމުގައި ނަހުލާ ވިދާޅުވިއެވެ. އެގޮތުން ގާސިމް އިބްރާހިމް ކޮށްދެއްވާފައިވާ ކަންތައްތަކާއި ގާސިމް އިބްރާހިމްގެ ހިތުގައި ދީނާއި ވަތަނަށްޓަކާ އޮތް ލޯތްބާއި ޕާޓީގެ ކައުންސިލް މެންބަރުންގެ ވިސްނުމާއި ފިކުރު ހުރިހާ ދިމާއަކަށްވެސް ފުޅާ ކުރުމަކީ މެންބަރުން އިތުރު ކުރުމުގެ އެއް މަގްސަދު ކަމުގައި ނަހުލާ ވިދާޅުވިއެވެ.

" ފޮޓޯއެއް ނަގާފަ ބޯ އިތުރުކުރުމެއް ނޫން އަޅުގަނޑުމެންގެ މަގްސަދަކީ" ނަހުލާ ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީއަށް އިތުރު މެންބަރުންތަކެއް ސޮއިކޮށްފައިވާއިރު މި އަހަރުގެ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީން ވާދަކުރާނެކަން ވަނީ ހާމަކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް