ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފާއި ދެކޮޅަށް އިތުރު ހެކި ނުހޯދާ ކަމަށް ފުލުހުން ބުނެފި އެވެ.
އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގަ މަހުލޫފާއި ދެކޮޅަށް ދައުވާކޮށްދޭން އެދި އޭސީސީން ޕީޖީ އޮފީހށް ފޮޮނުވާފައި އޮންނަތާ މިހާރު ދެ މަހަށްވުރެ ގިނަ ދުވަސް ވެއްޖެ އެވެ. އެ މައްސަލައިގަ ވަކި ގޮތެއް ނިމެންދެން މަހުލޫފު ހުންނެވީ މިނިސްޓަރުގެ މަގާމުން ސަސްޕެންޑު ކޮށްފަ އެވެ.
މަހުލޫފަށް ދައުވާކުރުން ލަސްވާ މައްސަލައިގަ އޭނާ ވަރަށް ބޮޑަށް ހިތްހަމ ނުޖެހުން ފާޅު ކުރަމުންދަނިކޮށް މިއަދު ޕީޖީ ހުސައިން ޝަމީމް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ މަހުލޫފްގެ މައްޗަށް ދައުވާ ކުރުމާއި މެދު ގޮތެއް ނިންމޭނެ ތާރީހެއް ބުނަން އަދިވެސް އޭނާއަށް ދަތި ކަމަށެވެ. އެމައްސަލައަކީ މުއްދަތު ނުހިނގާ މައްސަލައަކަށް ވުމުން ދައުވާ ކުރުމާއި މެދު ގޮތެއް ނިންމުމުގެ ކުރިން އަދިވެސް ދަނީ ފުލުހުންނާއި ގުޅިގެން އިތުރު ހެކި ހޯދުމުގެ މަސައްކަތް ކުރަމުން ކަމަށެވެ.
ޕީޖީގެ މި ވާހަކަފުޅާއި ގުޅިގެން މިރޭ ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މަހްލޫފަށް ތުހުމަތު ކުރެވޭ މައްސަލައިގެ އިތުރު ހެކި ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން ނުގެންދާ ކަމަށެވެ. އެކަމަކު ކުރިން ހޯދާފައިިވާ ހެކިތަކާ ބެހޭ ބައެއް ކަންތައްތައް ޕީޖީ އޮފީހަށް ސާފުކޮށްދިނުން ކުރިއަށް ގެންދާ ކަމަށް ވިދާޅުވި އެވެ.
އެ އެކަންތައްތައް ފުލުހުންނަށް އިތުރަށް ސާފުކޮށްދޭން މަސައްކަތް ކުރަނީ ޕީޖީ އޮފީހުން އެދިގެން ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާގެ ތެރެއިން މަހުލޫފަށް ލިބުނު ކަމަށް އޭސީސީން ތުހުމަތު ކުރަނީ 33،000 ޑޮލަރެވެ.
އެ ކޮމިޝަނުން ބުނެފައި ވަނީ އެ ފައިސާ އަކީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު ކަމުގައި މަހްލޫފު ހުންނެވިއިރު، ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ބަހުސްކޮށް، ވޯޓަށް އެހި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ބިލަށް ވޯޓު ދިނުމާއި ޕީޕީއެމްގައި ދެމިހުންނެވުމުގެ ބަދަލެއްގެ ގޮތުގައި އަދީބު ދެއްވި ފައިސާ ކަމަށެވެ. އެކަމަކު، އޭނާ ވިދާޅުވަނީ އެއީ ޑޮލަރު ގަތުމުގެ މުއާމަލާތެއް ކޮށްގެން ޖަމާ ކުރި ފައިސާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް