އެމްއާރްސީގެ ކޯޕަރޭޓް މެމްބަރޝިޕް އައުކޮށް ދިރާގުން މިއަހަރުވެސް އެހީވާން ނިންމައިފި

ދިވެހި ރެޑްކްރެސެންޓު (އެމްއާރްސީ) ގެ ކޯޕަރޭޓް މެމްބަރޝިޕް އައުކޮށް ދިރާގުން މިއަހަރުވެސް އެހީވާން ނިންމައިފި އެވެ. ދިވެހި ރެޑް ކްރެސެންޓްއިން އިންސާނިއްޔަތަށްޓަކައި ކުރާ މަސައްކަތުގައި ބައިވެރިވުމުގެ...

19 Aug 2021 | 16:47

ދިވެހި ރެޑްކްރެސެންޓު (އެމްއާރްސީ) ގެ ކޯޕަރޭޓް މެމްބަރޝިޕް އައުކޮށް ދިރާގުން މިއަހަރުވެސް އެހީވާން ނިންމައިފި އެވެ.

ދިވެހި ރެޑް ކްރެސެންޓްއިން އިންސާނިއްޔަތަށްޓަކައި ކުރާ މަސައްކަތުގައި ބައިވެރިވުމުގެ ގޮތުން ދިވެހި ރެޑް ކްރެސެންޓުގެ ފުރަތަމަ ކޯޕަރޭޓް މެމްބަރަކީ ވެސް ދިރާގެވެ.

މިކަމަކީ ދިވެހި ރެޑް ކްރެސެންޓާއި ދިރާގާއި އޮންނަ ގުޅުން ވަރުގަދަވެ، ކުރިއަށް އޮތް ތަނުގައި ދިވެހި ރެޑް ކްރެސެންޓުގެ މަސައްކަތް އިތުރަށް ފުޅާ ކުރުމަށް ލިބިގެންދާނެ ފުރުސަތެކެވެ.

ދިވެހި ރެޑް ކްރެސެންޓަށް 12 އަހަރު ފުރުން ފާހަގަކޮށް މިއެއްބަސްވުމުގެ ރަސްމިއްޔާތު ކުރިއަށް ގެންދިޔައީ ދިރާގުގެ މައި އޮފީހުގަ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ދިވެހި ރެޑް ކްރެސެންޓްގެ އަމީން އާންމު ފާތިމަތު ހިމްޔާ ވިދާޅުވީ ވިޔަފާރި ކުންފުނިތަކަށް ޚާއްސަކޮށް ހުޅުވާލެވިފައިވާ ކޯޕަރޭޓް މެމްބަރޝިޕް ފުރުޞަތުގައި ދިރާގުން ބައިވެރިވެ، މިކަމުގައި ކުރިއަށް ދިއުމަށް ނިންމެވުމަކީ ދިވެހި ރެޑްކްރެސެންޓަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

" ދިރާގުގެ މި އިސްނެންގެވުމާއިއެކު އައު ކުރެވުނު މެމްބަރޝިޕް ގެ ސަބަބުން ކާރިސާތަކުގެ ވަގުތުގައްޔާއި އާއްމު ހާލަތްތަކުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ނާޒުކު ފަރާތްތަކަށް ދިވެހި ރެޑް ކްރެސެންޓްގެ ދަރުމަވެރިން ފޯރުކޮށްދޭ ޚިދުމަތްތަކަށް އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށް ދެވޭނެ. މި މަސައްކަތްތަކުގެ ތެރޭގައި ފުރަތަމަ އެހީ ދިނުމާއި، ނަފްސާނީ އިޖްތިމާޢީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ކާރިސާތަކުން އަރައިގަތުމަށް ކުރަންޖެހޭ އެހެނިހެން މަސައްކަތްތައް ހިމެނޭ." ހިމްނާ ވިދާޅުވި އެވެ.

މީގެ އިތުރުން ހިމްނާ ވިދާޅުވީ މިފަދަ މަސައްކަތްތަކުގައި ހަރަކާތްތެރިވެ، އުޅޭ ދަރުމަވެރިން ތަމްރީންކުރުވާ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުފެދިފައިވާ ދިވެހި ރެޑް ކްރެސެންޓްގެ ޔުނިޓްތައް މި ރޮނގުތަކުން ތަރައްޤީކުރުމަށް ވެސް ލިބޭ ވަރަށް ބޮޑު އެހީއަކަށް މި އެހީ ވާނެ ކަމަށެވެ.

މި ރަސްމިއްޔާތުގައި ދިރާގުގެ ޑިރެކްޓަރ ކޯޕަރޭޓް ސަރވިސް އާތިފާ އަލީ ވިދާޅުވީ ދިވެހި ރެޑް ކްރެސެންޓުން ކުރައްވާ އަގުހުރި މަސައްކަތަށް އެއްބާރުލުން ދިނުމަކީ ދިރާގަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި  އެކި ކާރިސާތަކުގެ ވަގުތުގައްޔާއި އާއްމު ހާލަތްތަކުގައި ދިވެހި ރައްޔިތުންނަށް ވަރުބަލިކަމެއްނެތި އޯގާތެރިކަމާއިއެކު ވަމުންދާ އެހީ ފާހަގަކޮށް މި ފުރުސަތުގައި އަގުވަޒަންކުރާ ކަމަށެވެ.

ނިމިދިޔަ 2020 ވަނަ އަހަރާއި މިއަހަރު ވެގެންދިޔައީ ކޮވިޑް 19ގެ ޙާލަތުން އަރައިގަތުމަށް ސަރުކާރަށް ވާގިވެރިވުމުގެ ގޮތުން ދިވެހި ރެޑް ކްރެސެންޓުން ކުރިއަށް ގެންދިޔަ ވަރަށް ގިނަ މަސައްކަތްތަކުގައި ދިރާގުގެ އެހީތެރިކަން ލިބުނު އަހަރުތަކަކަށެވެ.

މިގޮތުން ދިވެހި ރެޑް ކްރެސެންޓުން ނަފްސާނީ އިޖުތިމާޢީ ދުޅަހެޔޮކަން ފޯރުކޮށް ދިނުމަށާއި ބިދޭސީންނަށް އެހީ ފޯރުކޮށްދިނުމުގެ ގޮތުން އެކުލަވާލި ޓޯލް ފްރީ ހެލްޕްލައިން ދިރާގުން ވަނީ ޤާއިމް ކޮށްދެއްވާފަ އެވެ. އަދި ކޮވިޑް19 ގެ ކަންކަމާއި ގުޅޭ ޓެލެކޮމިއުނިކޭޝަން ޚިދުމަތްތަކާއި އެހެނިހެން ޚިދުމަތްތަކަށް ވެސް ވަނީ އެހީތެރިކަން ފޯރުކޮށްދެއްވާފަ އެވެ.

ދިރާގުން ފޯރުކޮށްދޭ މިފަދަ އެހީތެރިކަމުގެ ސަބަބުން ކުއްލި ހާލަތްތަކުގައްޔާއި ކާރިސާގެ ވަގުތުތަކުގައި އެންމެ ނާޒުކު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް މަގުފަހި ވެގެންދާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް