މުޅިން އަންހެން ކުދިން ހިމެނޭ އަފްޣާނިސްތާނުގެ ރޮބޮޓިކްސް ޓީމުން ކެނެޑާއަށް ދިރިއުޅުން ބަދަލު ކުރެވޭނެ ގޮތް މަގުފަހި ކޮށްދިނުމަށް އެދިއްޖެއެވެ.
މި ޓީމުން ކެނެޑާއަށް ދިރިއުޅުން ބަދަލު ކޮށްދިނުމަށް އެދެން ފަށާފައި ވަނީ އަފްޣާނިސްތާނު އަލުން ޠާލިބާނުގެ ބާރުގެ ދަށަށް ދިއުމާއި އެކު،މި ޓީމަށް ކުރިއަށް ދިއުމަށް ހުރަސްތަކެއް ކުރިމަތި ވެދާނެ ކަމުގެ ބިރާއި އެކުގައެވެ.
"އަފްޣާން ޑްރީމަރސް"ގެ ނަމުން ދުނިޔޭގައި މަޝްހޫރު މި ޒުވާން ޓީމަކީ 2017 ވަނަ އަހަރުވެސް ނޫސްތަކުން ޖާގަ ހޯދާފައިވާ ސައިންގެ ދާއިރާގައި މޮޅު ކުދިންތަކެއް ހިމެނޭ ޓީމެކެވެ. މި ޓީމުން ހާސިލް ކޮށްފައިވާ އެންމެ ފާހަގަ ކޮށްލެވޭ އެއް މަސައްކަތަކީ އަފްޣާނިސްތާނުގައި ކޮވިޑުގެ ސަބަބުން ވެންޓިލޭޓަރުގެ ބޭނުން އިތުރުވި ވަގުތު، އެ ޓީމުން އީޖާދު ކޮށްފައިވާ އަގު ހެޔޮ، އަތުން އޮޕަރޭޓް ކުރެވޭ އަދި އެއްތަނުން އަނެއް ތަނަށް ގެންދަން ފަސޭހަ ވެންޓިލޭޓަރެވެ.
މި އީޖާދުގެ ސަބަބުން އަފްޣާނިސްތާނުގެ ރައީސްވެސް ވަނީ މި ޓީމަށް އޭރު ތަޢުރީފު ކުރައްވާފައެވެ. އަދި މި އީޖާދުގެ ސަބަބުން އެ ޤައުމަށް ދިމާވެފައިވާ ވެންޓިލޭޓަރުގެ ދަތިކަމަށްވެސް ހައްލު ލިބޭނެ ކަމަށް ބެލެވިފައި ވެއެވެ.
އުމުރުން އެންމެ 12 އަހަރާއި 18 އަހަރާއި ދެމެދުގެ އަންހެން ކުދިންގެ މައްޗަށް އެކުލެވޭ މި ޓީމުން ސްޓެމްގެ ދާއިރާގައި އެ ކުދިންގެ ކެރިއަރުތައް ބިނާ ކުރުމަށް މަސައްކަތް ކުރި ނަމަވެސް ޠާލިބާނުން އަފްޣާނިސްތާނުގެ ވެރިރަށް ކާބުލް ހިފުމާއި ގުޅިގެން މި ކުދިންގެ މުސްތަޤްބަލާއި މެދު ވަނީ ސުވާލު އުފެދިފައެވެ. އިންސާނީ ޙައްޤުތަކުގެ ވަކީލެއް ކަމަށްވާ ކިމްބަރލީ މޮޓްލީ ކެނޭޑިއަން ބްރޮޑްކާސްޓިންގ ކޯއަށް ދެއްވާފައިވާ ބަސްދީގަތުމެއްގައި ވިދާޅުވެފައިވާ ގޮތުގައި ފާއިތުވި ހަފްތާގައި ޠާލިބާނުން ވަނީ ގޭގެއަށް ގޮސް އެތައް އަންހެން ކުދިންނެއް މީހުންނާއި ކައިވެނި ކުރުމަށް 'ޗައިލްޑް ބްރައިޑުން'ގެ ގޮތުގައި ނަގައި ގަނެފައި ކަމަށާއި، އަފްޣާނުގެ ރޮބޮޓިކްސް ޓީމަށް މިފަދަ ގޮތެއް މެދުވެރި ވެދާނެ ކަމަށް ބިރުގަންނަ ކަމަށެވެ.
މި ކުދިންނަކީ އިންޖިނަރުންނަށް ވުމުގެ ހުވަފެން ދެކޭ ކުދިން ކަމަށާއި، އަރޓިފިޝަލް އިންޓެލިޖެންސްގެ ކޮމިއުނިޓީގެ ހިއްސާއެއްގެ ގޮތުގައި މި ކުދިން ތިބެން ބޭނުންވާ ކަމަށްވެސް މޮޓްލީ ވިދާޅުވިއެވެ. އަދި ކެނެޑާގެ ސަރުކާރާއި ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯއަށް އެ ކުދިން ކެނެޑާއަށް ބަދަލުކޮށް ދިނުމަށް އެދި އެ ކުދިން އާދޭސް ކުރާ ކަމަށްވެސް މޮޓްލީ ވިދާޅުވެފައި ވެއެވެ.
މި ރޮބޮޓިކްސް ޓީމާއި ޖަސްޓިން ޓްރޫޑޯވެސް ވަނީ 2018 ވަނަ އަހަރު ބައްދަލު ކުރައްވާފައެވެ. އެއީ އެ އަހަރު ބޭއްވި ރޮބޮޓިކްސް މުބާރާތުން އެ ޓީމަށް ލިބުނު ކާމިޔާބީއާއި ގުޅިގެންނެވެ.
ޓީމުގެ ކެޕްޓަން ފާޠިމާ ޣަދެރްޔާން 2018 ވަނަ އަހަރު އޮސްލޯގެ ފްރީޑަމް ފޯރަމްގައި ވާހަކަ ދައްކަމުން ބުނެފައި ވަނީ ހުވަފެންތައް ޙަޤީޤަތަކަށް ހެދުމަށް ކޮންމެ ކުއްޖަކު ބޭނުންވި ނަމަވެސް ހަނގުރާމައިގެ ސަރަޙައްދުތަކުގައި (ކޮންފްލިކްޓް ޒޯން) ދިރިއުޅޭ ކުދިން ގާތު މިފަދަ ހުވަފެންތައް ޙަޤީޤަތަކަށް ނުވާނެ ކަމަށް މީހުން ބުނަމުން ދާ ކަމަށެވެ. އަދި ލީޑަރޝިޕް އޮންނަން ޖެހޭނީ ޓެކްނޮލޮޖީއަކީ ހަނގުރާމަ އާއި ދެކޮޅަށް ބޭނުން ކުރެވިދާނެ ހަތިޔާރެއްގެ ގޮތުގައި ދެކޭ ޒުވާން ޖީލުގެ އަތްމަތީގައި ކަމަށް ޤަބޫލު ކުރާ ކަމަށާއި، އެ ޓީމުން އެދެނީ ތަޢުލީމު ޙާސިލް ކުރުމަށް ފަހު އަފްޣާނިސްތާނަށް ފަހި މުސްތަޤްބަލެއް ބިނާ ކުރުމުގައި މަސައްކަތް ކޮށް ދިނުމަށް ކަމަށެވެ.
މޮޓްލީ ވިދާޅުވާ ގޮތުގައި އެ ޓީމުން އަފްޣާނިސްތާނުގެ މުސްތަޤްބަލު ބިނާ ކުރުމުގައި ޝާމިލުވާން ބޭނުންވި ނަމަވެސް، މިވަގުތު އެ ޤައުމުގެ މަސްރަޙު އޮތީ މިފަދަ ކުދިންނަށް ނުރައްކާތެރި ފައްތަރެއްގައެވެ. އެހެން ކަމުން، މިހާރު މި ޓީމުން ބޭނުން ވަނީ ރައްކާތެރިކަން ކަށަވަރުކޮށް ތަޢުލީމް ފުރިހަމަ ކުރުމަށްޓަކައި ކެނެޑާއަށް ދިރިއުޅުން ބަދަލު ކުރާށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް