ޖެނިފާގެ ދުޅެ ހެޔޮ ކަމާއި ޒުވާން ކަމުގެ ސިއްރުތައް: ކޮފީ ބުއިންވެސް 'ސެލްފް ކެއާ ރޫޓީން'ގެ ތެރެއަށް

މަޝްހޫރު ސިލްސިލާ 'ފްރެއިންޑްސް'އިން މީހުންގެ މަޤްބޫލުކަން ހޯދާފައިވާ ހޮލީވުޑްގެ ފަންނާނު ޖެނިފަރ އެނިސްޓަންއަކީ ގިނަ ބަޔަކު އޭނާގެ ދިރިއުޅުމުގެ ކަންކަން ހުންނަ ނުހުންނަ ގޮތް ހޯދަން ބޭނުންވާ ފަންނާނެކ...

19 Aug 2021 | 09:01

މަޝްހޫރު ސިލްސިލާ 'ފްރެއިންޑްސް'އިން މީހުންގެ މަޤްބޫލުކަން ހޯދާފައިވާ ހޮލީވުޑްގެ ފަންނާނު ޖެނިފަރ އެނިސްޓަންއަކީ ގިނަ ބަޔަކު އޭނާގެ ދިރިއުޅުމުގެ ކަންކަން ހުންނަ ނުހުންނަ ގޮތް ހޯދަން ބޭނުންވާ ފަންނާނެކެވެ.

އުމުރުން 52 އަހަރުގެ ޖެނިފަރ އެނިސްޓަން އަދިވެސް ފެންނަނީ ޒުވާންކަން މަތީ ހުއްޓައެވެ. އެހެން ކަމުން، އޭނާ މިފަދަ ޒުވާން ކަމާއި ރީތިކަމުގައި ދެމި ހުރުމަށް ކުރާ މަސައްކަތް ބެލުމަށް ގިނަ ބަޔަކު ޝައުޤުވެރި ވެއެވެ. ޖެނިފަރގެ ދިރިއުޅުމުގެ ކަންކަން އޭނާ ބިނާ ކުރަނީ އޭނާގެ ސިއްޙަތަށް ވަރަށް ބޮޑު އަހަންމިއްޔަތު ކަމެއް ދީގެންނެވެ.

މިއާއިއެކު، ނަން މަޝްހޫރު ގިނަ ފަންނާނުން އަގު ބޮެޑެތި ބްރޭންޑުތައް އެންޑޯޒު ކުރަމުން ދާއިރު، ޖެނިފަރ ވަނީ އޭނާގެ ކޮންމެ ދުވަހެއްގައި ބޭނުން ނުހިފާ ޕްރޮޑަކްޓެއް އެންޑޯޒު ކުރަން އޭނާ ބޭނުން ނުވާ ކަމަށް ބުނެފައެވެ. ޖެނިފަރގެ ސެލްފްކެއަރ ނުވަތަ އަމިއްލަ ނަފްސަށް އަޅާލުމުގެ ފަލްސަފާއަކީ ކުޑައިރުއްސުރެ މަންމަގެ ފަރާތުން ވާރުތަ ވެފައިވާ އާދަކާދަތަކެއް ކަމުން، މި އާދަތަކަށް އޭނާ މިހާރުވެސް ފަރުވާތެރި ވެއެވެ.

ކުޑަކުޑަ ދެތިން ކަމެއްގެ މައްޗަށް އެކުލެވޭ މި އާދަތަކަކީ އޭނާގެ ރީތިކަމާއި ޒުވާން ކަމުގެ ސިއްރުތައްކަމަށްވުންވެސް ކައިރިއެވެ.

ހޭލާ ގޮތަށް ފޯނު ބޭނުން ނުކުރުން

ޖެނިފަރގެ 'ސެލްފް ކެއަރ' ނުވަތަ އަމިއްލަ ނަފްސަށް އަޅާލުމުގެ ފަލްސަފާގައި އޭނާ އެންމެ މުހިންމު ކަމެއް ދޭ އެއް ކަމަކީ ހެނދުނުގެ ވަގުތުގައި އެއްގޮތަކަށްވެސް ފޯނު ބޭނުން ނުކުރުމެވެ. ހެނދުނު ހޭލައިގެން އެންމެ އަވަހަށްވެސް ޖެނިފަރ ފޯނުގައި އަތްލަނީ އެއް ގަޑިއިރު ނުވަތަ އެއްގަޑިއިރާއި ބައި ވަރު ފާއިތުވާ ފަހުން ކަމަށް ޖެނިފަރ ބުނެއެވެ.

އަދި މި އާދައިގެ ސަބަބުން މުޅި ދުވަހަށް ހެޔޮ އަސަރުތަކެއް ކުރާ ކަމަށްވެސް ޖެނިފަރ ބުނެއެވެ. ފޯނު ނުބަލައި ހުރުމަކީ ދަތި ކަމެއް ކަމުން، މި ކަން ކުރުމަށްޓަކައި ޖެނިފަރ އަންނަނީ މޮޅު އުކުޅެއްވެސް ބޭނުން ކުރަމުންނެވެ. އެގޮތުން، ފޯނު ޗާޖު ކުރަން ބާއްވަނީ އެނދާއި 6 ފޫޓު ދުރުގައި ހުންނަ ވަތްގަނޑެއްގައެވެ. އަދި ހޭލުމަށްޓަކައި ބޭނުން ކުރާ އެލަރމް ކުރަނީ ފޯނުގެ ބަދަލުގައި ކުޑަ އައިޕޮޑެއް މެދުވެރި ކޮށްގެންނެވެ.

ކޮފީއާއި އެކު ކޮލަޖެން ބޭނުން ކުރުން

ޖެނިފަރ އަކީ ކޮފީ ދެކެ ލޯބިވާ ފަންނާނެއް ކަމުން އޭނާއަށް ދުވަސް ފެށެނީ ކޮފީ ދެކެ ލޯބިވާ އެހެން މީހުންނެކޭވެސް އެއް ފަދައިން ކޮފީ ތައްޓަކުންނެވެ. ނަމަވެސް ތަފާތަކީ އޭނާގެ ހެނދުނުގެ ކޮފީގެ ތެރެއަށް ކޮލެޖަން އެޅުން ކަމަށް ޖެނިފަރ ބުނެއެވެ.އެގޮތުން ޖެނިފަރ ބޭނުން ކުރަނީ އޭނާއަށް އެންމެ ކަމިުދާ ވައިޓަލް ޕްރޮޓީންސް ބްރޭންޑްގެ ކޮލެޖަންއެވެ.ކޮފީ ބުއިމަށް ލޯބި ނުކުރާ މީހުންވެސް މި ކޮލެޖަން ފެނާއިއެކު ނަމަވެސް ބޭނުން ކުރުމަށް ޖެނިފަރ ބާރު އަޅައެވެ.

'ނިއުޓްރިޝަނަލް އެޕްރޯޗުގެ' ބަދަލުގައި 'ހޮލިސްޓިކް' އެޕްރޯޗެއް ބޭނުން ކުރުން

ޖެނިފަރ ވަކާލާތު ކުރާ ގޮތުގައި ދުޅެހެޔޮ އާދައެއް އަށަގެންނެވުމަށްޓަކައި ހަަމަ އެކަނި ކެއިންބުއިމަށް ބަލައިގެން އުޅުމަކުން ނުފުދެއެވެ. އޭގެ ބަދަލުގައި، ފައިދާ ހުރި ތަކެތި ކެއިން ބުއިމުގައި ބޭނުން ކުރުން ނުވަތަ 'ނިއުޓްރިޝަނަލް އެޕްރޯޗާއި'އެކު ރޫހާނީ ދުޅަހެޔޮ ކަމަށާއި ނަފްސާނީ ދުޅަހެޔޮ ކަމަށްވެސް ސަމާލު ވާން ޖެހެއެވެ.

އެގޮތުން، އެމީހަކު ކިޔާ ކިޔުންތަކާއި ބަލާ ބެލުންތަކުންވެސް އެމީހަކަށް އަސަރު ކުރާ ކަމަށް ޖެނިފަރ ވަކާލާތު ކުރެއެވެ. އެހެން ކަމުން، ފައިދާ ހުރި ތަކެތި ކިޔުމާއި ބެލުން މުހިންމު ކަމަށާއި، ބޭކާރު ކަންކަމުން ދުރުވުން މުހިންމު ކަމަށް ޖެނިފަރ ބުނެއެވެ.

ޚާއްސަކޮށް މީސްމީޑިއާއަކީ ފައިދާ ހުރި އެއްޗެއްގެ ގޮތުގައި ބޭނުން ކޮށް، މީސްމީޑިއާގެ ނައްސި ކަންކަމުން ދުރުވުމަށްވެސް ޖެނިފަރ ނަސޭހަތްތެރި ވެއެވެ.

ހެނދުނުގެ ވަގުތު ހެޔޮ ގޮތުގައި ބޭނުން ކުރުން

ހެނދުނަކީ ދުވަހުގެ ފެށުން ކަމުގައި ވާއިރު، ހެނދުނުގެ ވަގުތުތައް ފައިދާ ހުރި ހެޔޮ ގޮތުގައި ބިނާ ކުރުމަކީ މުހިންމު ކަމެއް ކަމަށް ޖެނިފަރ ބުނެއެވެ. ފޯނު ދުރުގައި ބާއްވާ، ޖެނިފަރގެ ހެނދުނުގެ ވަގުތުތައް ހޭދަ ކުރަނީ މުޅިންެވެސް ދުޅަ ހެޔޮ އާދަތަކާއި  އެކުގައެވެ.

އެގޮތުން ކަސްރަތު ކުރުމާއި މެޑިޓޭޝަންގެ އިތުރުން، ލިޔުމާއި ކޮފީ ބުއިމަކީ ކޮންމެ ދުވަހަކުވެސް ޖެނިފަރ އެންމެ ފުރަތަމައަށް ކުރާ ކަންކަމެވެ. މި އާދަތަކުގެ ސަބަބުން ސިކުނޑި ހަމަޖެހިލާ، ދެން ކުރަން ހުރި އެހެން ކަންކަން ކުރުމަށް ފަސޭހަ ވެގެންދާ ކަމަށް ޖެނިފަރ ބުނެއެވެ.އަދި އެހެން މީހުންނާއި މުއާމަލާތް ކުރުމާއި މަސައްކަތުގެ މާހައުލުގައިވެސް މިފަދަ އާދަތަކުގެ ސަބަބުން ފައްސި އަސަރުތަކެއް ކުރާ ކަމަށް ޖެނިފަރ ބުނެއެވެ.

އަލަށް ސެލްފްކެއަރ ރޫޓީންއެއް ފަށަން ބޭނުންވާ މީހަކަށް ޖެނިފަރގެ ނަސޭޙަތް

ދުޅަހެޔޮ އާދަތައް ނުވަތަ ވެލްނަސް ސެލްފްކެއަރ ރޫޓީންެެއެއް އަލަށް ފެށުމަށް ބޭނުންވާ ބަޔަކަށްވެސް ޖެނިފަރ ވަނީ އެކަން ކުރާނެ ފަސޭހަ ގޮތެއް ކިޔައިދީ ފައެވެ. އެގޮތުން ކޮންމެ ކަމެއްެވެސް 10 މިނެޓަށް ބަހާލައިގެން ކުރަން ފެށުމަށް ޖެނިފަރ ނަސޭހަތްތެރި ވެއެވެ.

ހިނގަން ފަށާއިރުވެސް އެންމެ ފުރަތަމަ ކޮންމެ ދުވަހަކުވެސް 10 މިނެޓަށް ހިނގުމަށާއި، މެޑިޓޭޓް ކުރުމަށް 10 މިނެޓު ހޭދަކޮށް،ޖަރނަލް ލިޔުމުގައި ޓައިމަރެއް ޖައްސައިގެން 3 ވަރަކަށް މިނެޓު ހޭދަ ކުރަން ޖެނިފަރ ނަސޭހަތްތެރި ވެެއެވެ. މިގޮތަށް ކުޑަ ވަގުތު ކޮޅެއް ހޭދަ ކޮށްގެން މިފަދަ އާދަތައް ފަށަން ފަސޭހެ ވެގެން ދެއެވެ.

އަދި އާދައަކަށް ވުމުން، ވަގުތު އިތުރު ކުރަން އަމިއްލައަށްވެސް ބޭނުންވާނެ ކަމަށް އަމިއްލަ ތަޖުރިބާގެ އަލީގައި ޖެނިފަރ އެނިސްޓަން ބުނެއެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް