އިންޑިއާއިން 24 ގަޑިއިރުތެރޭ 8.8 މިލިއަން މީހަކަށް ކޮވިޑު ދިފާއު ވެކްސިން ޑޯޒު ދީފިއެވެ.
މި ޑޯޒުތައް ދީފައި ވަނީ އަންނަ ޑިސެމްބަރު މަހުގެ ނިޔަލަށް ޝަރުތު ހަމަވާ ހުރިހާ ބޮޑެތި މީހުން ވެކްސިން ފުރިހަމަ ކުރުމަށް އިންޑިއާއިން ހިންގާ ކެމްޕޭންގެ ތެރެއިންނެވެ.
އިންޑިއާގައި މިހާރު އަންނަނީ ކޮވިޑުގެ އައު ވޭދަނަތައްވެސް މަދު ވަމުންނެވެ. އިންޑިއާގެ މިނިސްޓްރީ އޮފް ހެލްތުން ހާމަ ކޮށްފައިވާ ގޮތުގައި މިއަހަރު މާރިޗު މަހާއި އަޅާ ބަލާއިރު އައު ވޭދަނަތައް މިހާރު ވަނީ އެތަށް ގުނައެއް މަދުވެފައެވެ.
މިހާރު ދުވާލެއްގެ މައްޗަށް ފައްސި ވަނީ ގާތް ގަނޑަކަށް 25،166 މީހުންނެވެ.
އިންޑިއާއަކީ ދުނިޔޭގައިވެސް ކޮވިޑު ދިފާއު ވެކްސިން ފުރިހަމަ ކުރުމުގެ އެންމެ ބޮޑު އެއް ކެމްޕޭން ކުރިއަށް ގެންދާ ޤައުމެވެ. މިހާތަނަށް އިންޑިއާއިން 554 މިލިއަން ޑޯޒުގެ ވެކްސިން ދީފައިވާ އިރު، ވެކްސިން ފުރިހަމަ ކުރަން ޖެހޭ 994 މިލިއަނެއްހާ މީހުންގެ އާބާދީގެ 46 އިންސައްތަ މީހުންނަށް މިހާރު ވަނީ ފުރަތަމަ ޑޯޒު ދެވިފައެވެ.
މީގެ ތެރެއިން ވެކްސިންގެ ދެ ޑޯޒު މިހާތަނަށް ފުރިހަމަ ކޮށްފައި ވަނީ އެންމެ 13 އިންސައްތަ މީހުންނަށެވެ.ޖޫން މަހުގެ 21 ވަނަ ދުވަހުވެސް އިންޑިއާއިން ވަނީ 9.2 މިލިއަން ޑޯޒު ޖަހާ ރިކޯޑެއް ޤާއިމް ކޮށްފައެވެ. ނަމަވެސް އޭގެ ފަހުން ވެކްސިން ޖަހާ މިންވަރު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ.
އިންޑިއާ ސަރުކާރުގެ ކޮވިން ވެބްސައިޓުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ޖުލައި މަހު އާންމުކޮށް ދުވާލެއްގެ މައްޗަށް ވެކްސިން ޖަހާފައި ވަނީ 4.2 މިލިއަނެއްހާ މީހުންނެވެ. އަދި އޯގަސްޓު މަހުގެ ފުރަތަމަ 2 ހަފްތާގައި އިންޑިއާއިން ދެވިފައި ވަނީ ދުވާލެއްގެ މައްޗަށް 5 މިލިއަނެއްހާ ޑޯޒެވެ.
ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ޑިސެމްބަރު މަހާއި ހަމައަށް އަމާޒަށް ވާސިލް ވުމަށްޓަކައި އިންޑިއާއިން ދުވާލެއްގެ މައްޗަށް 10 މިލިއަން ޑޯޒުގެ ކޮވިޑު ދިފާއު ވެކްސިން ދޭން ޖެހޭނެއެވެ. މި އަދަދަށް ވުރެ މަދުން ވެކްސިން ޖެހޭ ކޮންމެ ދުވަހަކީ، އަމާޒަށް ވާސިލް ވުމަށް އިތުރު ދުވަސްތަކެއް ނަގާނެ ކަމެއް ކަމަށް ރާޖިގިރީ ކޮލެޖު އޮފް ސައިންސަސްގެ ޕްރޮފެސަރ އަދި ހެލްތު އިކޮނޮމިސްޓް ރިޖޯ ޖޯން ވަނީ ވިދާޅުވެފައެވެ.
އަދި މިއަހަރުގެ ނިޔަލަށް ޝަރުތު ހަމަވާ ހުރިހާ މީހުންނަށް ވެކްސިން ދެވޭނެ ކަމަށް ޤަބޫލު ނުކުރެވޭ ކަމަށްވެސް ޖޯން ވަނީ ވިދާޅުވެފައެވެ.
މިހަފްތާގެ އަންގާރަ ދުވަހާއި ހަމައަށް އިންޑިއާގެ ކޮވިޑު ވޭދަނަތަކުގެ ޖުމްލަ އަދަދު ވަނީ 32.25 މިލިއަނަށް އަރާފައެވެ. މިއީ ދުނިޔޭގައިވެސް 2 ވަނައަށް އެންމެ ގިނަ ވޭދަނަތައް ރިކޯޑު ކުރެވިފައިވާ ޤައުމެވެ. އެންމެ ގިނަ ވޭދަތަކެއް ރިކޯޑު ކުރެވިފައި ވަނީ އެމެރިކާގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް