ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމދު ނަޝީދު އެނބުރި ރާއްޖެ ވަޑައިގެންނެވުމުން ރައްކާތެިކަން ކަށަވަރުކޮށްދޭނެ ކަމުގެ ޔަގީންކަން އަދިވެސް ސަރުކާރުން ނުދޭ ކަމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ވިދާޅުވެއްޖެ އެވެ.
މެއި ހައެއްގައި އެމަނިކުފާނަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއަށް ފަހު އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގެންނެވި ގޮތަށް ނަޝީދު އަދުވެސް އެނބުރި ވަޑައެއް ނުގެންނަވަ އެވެ. މިވަގުތު ފަރުވާ ހޯއްދަވަން ވަޑައިގެން ހުންނެވީ އިނގިރޭސިވިލާތުގައި އެވެ.
ނަޝީދު ވަނީ މިދިޔަ ހޯމަ ދުވަހު ރައްޔިތުންޖެ މަޖިލީހަށް ސިޓީއެއް ފޮނުއްވައި ޗުއްޓީ އިތުރުކޮށްދެއްވުމަށް އެދިވަޑައިގެންފަ އެވެ. އެމަނިކުފާނުގެ ސިޓީގައި ވިދާޅުވެފައިވަނީ ހަމަލާ ރޭވި މީހުން ހޯދައި ހައްޔަރު ނުކުރެވެނީސް އެނބުރި ވަޑައިގަތުމަށް އެ މަނިކުފާނުގެ އިތުރުން އާއިލާގެ ބޭފުޅުންނާއި ހެޔޮއެދޭ އެތައް ބަޔަކު ވެސް ޖެހިލުންވާ ކަމަށެވެ.
މިކަމާއި ގުޅޭގޮތުން ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގައި ވާހަކަދައްކަވަމުން އިންތި ވިދާޅުވީ ނަޝީދުގެ އެ ކަންބޮޑުވުމާއި ގުޅިގެން ސަރުކާރުން ކޮންމެވެސް އެއްޗެއް ބުނަންޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އަދި މިހާތަނަށްވެސް ނަޝީދު ފޮނުއްވި ސިޓީފުޅާ ގުޅިގެން، އެ މަނިކުފާނު ރާއްޖެ ވަޑައިގަތުމުން ރައްކާތެރިކަން ކަށަވަރުކޮށްދޭނެ ކަމުގެ ޔަގީންކަން ސަރުކާރުން ދީފައި ނުވާ ކަމަށް އިންތި ވިދާޅުވި އެވެ.
އިންތި ތުހުމަތު ކުރެއްވި ގޮތުގައި ސަރުކާރުގެ ބޮޑު ޕަސެންޓެއް އޮތީ "އެމްޑީޕީ ނޫން ފަރާތްތަކުގެ އަތްމަތީ" ގަ އެވެ. އޭނާ ވިދާޅުވީ އެ ބޮޑު ޕަސެންޓުގެ ތެރޭގައި އެމްޑީޕީއާ އިދިކޮޅު ފަރާތްތަކާއި ނަޝީދާ ވަރަށް ދެކޮޅު އަދި އެ މަނިކުފާނުގެ ވެރިކަން ވައްޓައިލުމަށް އޭރު މަސައްކަތް ކުރެއްވި ބޭފުޅުންނާއި ނަޝީދަކީ ލާދީނީ ބޭފުޅެއްގެ ގޮތުގައި ލޭބަލްކުރި މީހުން ވެސް ހިމެނޭ ކަމަށެވެ.
ސަރުކާރުން ނަޝީދުގެ ރައްކތެރިކަމާއި ގުޅޭގޮތުން އެއްޗެއް ބުނެފައި ނުވާކަމަށް އިންތި ވިދާޅުވި ނަމަވެސް މިދިޔަ ހަފްތާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ނަޝީދު އެނބުރި ރާއްޖެ ވަޑައިގެންނެވުމަށް އިލްތިމާސްކުރައްވާފަ އެވެ. އަދި ރައްކާތެރިކަން ކަށަވަރުކޮށްދޭނެ ކަމުގެ ޔަގީންކަން އަރުވާކަމށް ރައީސް ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް