ކެނެޑާއިން ޠާލިބާނުންގެ ސަރުކާރު ބަލައި ނުގަންނާނެ ކަމަށް ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ވިދާޅުވެއްޖެ

އަފްޣާނިސްތާނުގެ އައު ސަރުކާރުގެ ގޮތުގައި ޠާލިބާނު ބަލައި ނުގަންނާނެ ކަމަށް ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ވިދާޅުވެއްޖެއެވެ. ޓްރޫޑޯއާއި ހަވާލާ ދީ ކެނެޑާގެ ސީޓީވީ ނެޓްވޯކުން ބުނެފައި ވަނީ ޠާލިބާނު...

19 Aug 2021 | 07:09

އަފްޣާނިސްތާނުގެ އައު ސަރުކާރުގެ ގޮތުގައި ޠާލިބާނު ބަލައި ނުގަންނާނެ ކަމަށް ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ވިދާޅުވެއްޖެއެވެ.

ޓްރޫޑޯއާއި ހަވާލާ ދީ ކެނެޑާގެ ސީޓީވީ ނެޓްވޯކުން ބުނެފައި ވަނީ ޠާލިބާނުން ވަނީ ބަޣާވާތުގެ ތެރެއިން ރައްޔިތުންގެ ވޯޓުން ހޮވާފައި އޮތް ދިމިގްރާތީ ވެރިކަމެއް ވައްޓާލާފައި ކަމަށާއި، އެހެން ކަމުން ޠާލިބާނަކީ އަފްޣާނިސްތާނުގެ އައު ސަރުކާރުގެ ގޮތުގައި ބަަލައިގަނެވެން ނެތް ކަމަށެވެ. ޠާލިބާނަކީ ކެނެޑާގެ ޤާނޫނުގެ ތެރެއިން ނިރުބަވެރި ޖަމާޢަތެއްގެ ގޮތުގައި ކަނޑައަޅާފައިވާ ޖަމާޢަތެެއްކަންވެސް ޓްރޫޑޯ ވަނީ ފާހަގަ ކުރައްވާފައެވެ.

އަދި މީގެ 20 އަހަރު ކުރިން އަފްޣާނިސްތާނު ޠާލިބާނުގެ ބާރުގެ ދަށަށް ދިއުމުންވެސް ކެނެޑާއިން ޠާލިބާނު ބަލައިގަނެފައި ނުވާ ކަންވެސް ޓްރޫޑޯ ފާހަގަ ކުރެއްވިއެވެ. ޓްރޯޑޯ ވިދާޅުވީ، ކެނެޑާއިން މިވަގުތު އެންމެ މުހިންމުކަމެއް ދެނީ އަފްޣާނިސްތާނުން ރައްކާތެރި ކަމާއި އެކު މީހުން ބޭލުމުގެ މަސައްކަތަށް ކަމަށެވެ.

އަފްޣާނިސްތާނުގެ ރައީސް އަޝްރަފް ޣަނީ ޤައުމު ދޫކޮށް ފިއްލެވުމާއި އެކު، ޠާލިބާނުން ވަނީ މި ހަފްތާގެ އާދިއްތަ ދުވަހު ވެރި ރަށް ކާބުލް ހިފައި އެމީހުންގެ ކާމިޔާބީ އިއުލާން ކޮށްފައެވެ. މިހާރު ޠާލިބާނުގެ އިސްވެރިން އަންނަނީ ކުރިއަށް އޮތް ސަރުކާރު ހިންގާނެ ގޮތާއި ގުޅޭ ގޮތުން ދޯހާގައި މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށް ގެންދަމުންނެވެ.

އެގޮތުން، ބައިނަލްއަޤްވާމީ އެކި އެކި ޖަމާޢަތްތަކާއި އަފްޣާނިސްތާނުގެ އެހެނިހެން ސިޔާސީ ޕާޓީތަކާއި އެކުވެސް ޠާލިބާނުން އަންނަނީ މަޝްވަރާތައް ކުރިއަށް ގެންދަމުންނެވެ.

އދ ގެ ސަލާމަތާއި ބެހޭ މަޖިލީހުންވެސް މިހާރު ވަނީ ހުރިހާ ދެކޮޅުވެރި ކަމެއް ދޫކޮށްލައި، ގުޅިފައިވާ ޝާމިލް ސަރުކާރެއް އެކުލަވައި ލުމަށް ގޮވާލާފައެވެ. މިކަމާއި ގުޅިގެން އދ ގެ ސަލާމަތާއި ބެހޭ މަޖިލީހުގެ ރައީސް ޓީއެސް ތިރުމުރްތީ ނެރުއްވި ބަޔާނެއްގައި ވަނީ އަފްޣާނިސްތާނުގައި އޮތް އަނިޔާވެރިކަން ވަގުތުން ވަގުތަށް ހުއްޓާލުމަށް ގޮވާލައްވާ ފައެވެ.

އަދި އެ ޤައުމުގައި ސަލާމަތްތެރި ކަމާއި ރައްކާތެރިކަން އިޔާދަކޮށް އަމާންކަމާއި ދާޚިލީ އަދި ދުސްތޫރީ ހަމަޖެހުން ޤާއިމް ކުރުމަށްވެސް ތިރުމުރްތީ ވަނީ ގޮވާ ލައްފާއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް