އަހަރެންގެ ޓްރާންސްފާއާއި ގުޅޭ ގޮތުން މީޑިއާގައި ދައުރުވަމުން ދަނީ ދޮގު މައުލޫމާތުތަކެއް: ރޮނާލްޑޯ

ޓްރާންސްފާއާއި ގުޅިގެން މީޑިއާތަކުގައި ދައުރުކުރުވާ ވާހަކަ ތަކަކީ އެއްވެސް ހަޤީޤަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށް ޔުވެންޓަސްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ. ރޮނާލްޑޯ މިހެން ބުނީ މީޑިއާތަކ...

19 Aug 2021 | 06:41

ޓްރާންސްފާއާއި ގުޅިގެން މީޑިއާތަކުގައި ދައުރުކުރުވާ ވާހަކަ ތަކަކީ އެއްވެސް ހަޤީޤަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށް ޔުވެންޓަސްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ.

ރޮނާލްޑޯ މިހެން ބުނީ މީޑިއާތަކުގައި އޭނާގެ ޓްރާންސްފާ އާއި ގުޅޭ ގޮތުން ދެކެވޭ ވާހަކަތަކާއި ގުޅިގެން އިޓަލީގެ ޓީވީ ޗެނަލްއަކަށް ދިން ބަސްދީގަތުމެއްގައެވެ. ޓިވީގައި ވާހަކަ ދައްކަމުން ރޮނާލްޑޯ ބުނީ އޭނާ ޔުވެންޓަސް ދޫކޮށް އެހެން ކުލަބަކަށް ބަދަލުވާން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގެއް ކަމަށާއި ސްޕެއިންގެ ރެއާލް މެޑްރިޑަށްވެސް އަދި ފްރާންސްގެ ޕީއެސްޖީއަށް ވެސް ބަދަލުވުމުގެ ވިސްނުން ނުގެންގުޅޭ ކަމަށެވެ.

ޔުވެންޓަސް ދޫކޮށް އިތުރު ކުލަބަކަށް ބަދަލުވުމުގެ ވިސްނުމެއް އަދި ނުގެން ގުޅޭކަމަށާއި ބޭނުންވަނީ މިހާރުގެ ކުލަބު ޔުވެންޓަސްއާއި އެކު ގިނަ ކާމިޔާބީތަކެއް  ހޯދުންކަމަށް ރޮނާލްޑޯ ބުނެފައިވެއެވެ.

ރޮނާލްޑޯ ބުނީ ގިނަ އޮންލައިން ނޫސްތަކާއި ޓީވީ ތަކުން ހަޤީޤަތެއް ނެތް ޚަބަރުތައް ފެތުރުމަށް އޭނާގެ ނަން ބޭނުން ކުރަމުންދާތީ އެކަމާއި ކަންބޮޑުވާކަމަށެވެ. އަދި އެފަދަ ކަންކަން ކުރުމަށް އޭނާގެ ނަން އެއްވެސް ފަރާތަކުން ބޭނުން ނުކުރުމަށް އެދޭކަމަށްވެސް ރޮނާލްޑޯ ބުންޏެވެ.

އިތުރަށް ރޮނާލްޑޯ ބުނީ އޭނާގެ ފުޓްބޯޅަ ކެރިއަރާއި ބެހޭ ގޮތުން ގާތް ރައްޓެއްސަކާވެސް އެއްވެސް މައުލޫމާތެއް ހިއްސާ ކޮށްފައި ނުވާނޭ ކަމަށާއި އެހެން ކަމުން މީޑިއާގައި އެފަދަ ދޮގު މައުލޫމާތު ފަތުރަނީ ނޫސްވެރިން އޭނާގެ ނަން ބޭނުން ކޮށްގެން ނާޖާއިޒް ފައިދާ ނަގަން ކަމަށެވެ.

" އަހަރެން މިހާރު ހުރި ކުލަބާއި އެކު އިތުރު ކާމިޔާބީތައް ހޯދަން ބޭނުން. ޔުވެންޓަސް ދޫކޮށް އިތުރު ކުލަބަކަށް ބަދަލުވުމުގެ ވިސްނުމެއް އަދި ނެތް. ރެއާލް މެޑްރިޑް ކީއްކުރަން ޕީއެސްޖީއަށް ވެސް ބަދަލުވާކަށް ވިސްނުމެއް ނެތް. ނޫސްވެރިންނަށް ގޮވާލަން އަހަރެންގެ ނަން ބޭނުން ކޮށްގެން އެފަދަ ދޮގު މައުލޫމާތު ނުފެތުރުމަށް." ރޮނާލްޑޯ ބުންޏެވެ.

ރޮނާލްޑޯ ޔުވެންޓަސްއަށް ބަދަލުވީ 2018 ވަނަ އަހަރު ސްޕެއިންގެ ރެއާލް މެޑްރިޑުން ސަތޭކަ މިލިއަން ޕައުންޑުގެ އަގަކަށެވެ. އެއީ ޔުވެންޓަސްއަށް އެ ކުލަބުގެ ތާރީޙުގައިވެސް ހެދި އެންމެ އަގުބޮޑު ޓްރާންސްފާއެވެ.

ރޮނާލްޑޯ މިހާތަނަށް ޔުވެންޓަސްގައި ތިން ސީޒަނެއް ހޭދަކޮށްފައިވާއިރު، އޭނާ ވަނީ އެކުލަބާއި އެކު އިޓާލިއަން ސެރިއޭ ދެފަހަރު އަދި އިޓާލިއަން ސުޕަކަޕް ދެފަހަރު އަދި އިޓާލިއަން ކަޕް އެއްފަހަރު ކާމިޔާބު ކޮށްފައެވެ.

މިހާރު އުމުރުން 36 އަހަރުގެ ރޮނާލްޑޯ ވަނީ މިހާތަނަށް ޔުވެންޓަސް އަށް ކުޅެދިން 97 މެޗުގައި 81 ގޯލު ޖަހައިދީފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް