ރައީސް ޔާމީން ބަންދުގައި ހުންނެވި އިރު ޕީޕީއެމް އަދި ޕީއެންސީން ވީ އެއްވެސް ގުރުބާނީއެއް މިހާރު ރައީސް ޔާމީން ގެ ހަދާނުގައި ނެތް ކަމަށް ޑެޕިއުޓީ މިނިސްޓަރ މަރިޔަމް ޝިއުނާ ވިދާޅުވެއްޖެއެވެ.
ޝިއުނާ މިހެން ވިދާޅުވެފައިވަނީ، ރޭ ބޭއްވި ޖަލްސާއެއްގައި ރައީސް ޔާމީން ގެއަށް ބަދަލުކުރަން ރައީސުލްޖުމްހޫރިއްޔާ މުޢިއްޒު ރައީސް ސޯލިހްގެ އަރިހުން އެދިފައި ނުވާ ކަމަށް ބުނުމުން އެޔަށް ރައްދު ދެއްވަމުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
" މިހާރު ގަބޫލު ކުރަނީ އިބޫ ހިތްތިރި ކަމުން ފަސް އަހަރު ވަންދެން ޖަލުގައި ބާއްވާފަ ހިތްތިރިކަމުން ގެއަށް ގެނެސް އިބޫ ހިތްތިރި ކަމުން މިނިވަން ކުރީ ކަމަށް. މިހާރު ޕީޕީއެމް، ޕީއެންސީގެ މީހުން ރައީސް ޔާމީނަށް ޓަކައި ވީ އެއްވެސް ގުރުބާނީއެއް ހަނދާނެއް ނުހުންނާނެ" ޝިއުނާ ވިދާޅުވެފައި ވެއެވެ.
ރައީސް ޔާމީން އުފެއްދެވި ޕީޕަލްސް ނޭޝަނަލް ފޮރޮންޓް (ޕީއެންއެފް) އިން ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުއިއްޒު އޭރުގެ ރައީސް ސޯލިހް އާއި ބައްދަލުކުރައްވައި ރައީސް ޔާމީން މިނިވަން ކުރެއްވުމަށް އެދިވަޑައިގެންފައި ނުވާކަމަށެވެ.
ރައީސް ޔާމީން މިނިވަން ކުރުމަށް ސޯލިހުގެ އަރިހުން އެދިވަޑައިގެންފައިވާކަމަށް ރިޔާސީ އިންތިހާބުގައިި ރައީސް ޑރ މުއިއްޒު ވަރަށް ގިނަ ޕޯޑިއަމްތަކުގައި ވަނީ ވިދާޅުވެފައެވެ. އެހެން ނަމަވެސް ރޭ ޖަލްސާގައި އެކަން ދޮގުކޮށް ރައީސް ޔާމިން ވިދާޅުވީ އެ ވާހަކަތަކަކީ ރައްޔިތުންނަށް އެނގެން ޖެހޭ ހަގީގަތް ކަމަށެވެ.
މިކަމާއި ގުޅިގެން ރައީސް ޔާމީން އިތުރަށް ވިދާޅުވީ، ރައީސް ޑރ މުއިއްޒު ވެރިކަމަށް ހޮވިވަޑައިގަތުމަށް ފަހު ރައީސް ޔާމީން ގެ ގޭ ދޮށުގައި މުޒާހަރާ ކުރުންވެސް ހުއްޓުވާފައި ވަނީ އެ ސަބަބަށް ޓަކައި ކަމަށެވެ. އަދި ގެއަށް ބަދަލުކުރަން ވެސް އެއްވެސް ކަހަލަ އިހުލާސްތެރި ނިޔަތެއް ނެތް ކަމަށާއި ހޮވުނީމަ އެ ލިބުނު ފުރުސަތުގައިވެސް ގެއަށް ބަދަލުކުރުމަށް ރިކުއެސްޓުވެސް ކޮށްފައި ނުވާ ކަމަށެވެ.
ޕީޕީއެމް ޕީއެންސީ ވެރިކަމުގައި ރައީސް ޔާމީންގެ ބައިވެރިވުން އޮންނާނެ ކަމަށް ގިނަ ރައްޔިތުންނަށް ބެލެވުނު ނަމަވެސް އިންތިހާބު ކާމިޔާބުވެ ސަރުކާރު އެކުލަވާލިތާ މާ ގިނަ ދުވަހެއް ނުވަނީސް ވަނީ އެ ޕާޓީ ތެރޭގައި ބައިބައިވުން ތަކެއް ހިނގާފައެވެ. އަދި ރައީސް ޔާމީން ވަނީ އެ ޕާޓީން ވަކިވެ އަމިއްލަ ސިޔާސީ ޕާޓީއެއް އުފައްދަވާފައެވެ. އެއާ އެކު އޭރު ޕީޕީއެމް ޕީއެންސީއަށް ނިސްބަތްވާ ބައެއް ބޭފުޅުންވެސް ވަނީ ޔާމީންގެ ނިންމެވުމަށް ތާއީދުކުރައްވާ އެ ސިޔާސީ ޕާޓީއާއި ގުޅި ވަޑައިގެންފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް