އިދިކޮޅު ފަރާތްތަކަށް ގުޅިގެން އެކުގައި މަސައްކަތް ކުރެވޭނެ ތޯ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ސުވާލު އުފައްދަވައިފިއެވެ.
ޅެން ބައިތަކުން މައުސޫމް ކުރެއްވި ޓުވީޓެއްގައި ވަނީ، ތެލާއި ފެނާ އެކައްޗަކަށް އަޅައިގެން، ގިނަ ދުވަހަށް ހުންނާނެ ކުލައެއް ނެރެވިދާނެތޯ ސުވާލު އުފައްދަވާފައެވެ.
https://twitter.com/Mausoom_Maus/status/1681620822560223232
މައުސޫމް މިހެން ވިދާޅުވީ، ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެއް ކެނޑިޑޭޓަކު ނެރެން ޖޭޕީ، އެމްއެންޕީ އަދި ޑިމޮކްރެޓްސް އިން އެއްބަސްވުމާ ގުޅިގެންނެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި ޑިމޮކްރެޓްސްގެ ފަރާތުން ރައީސް ނަޝީދާއި އެމްއެންޕީގެ ރިޔާސީ ކެނޑިޑޭޓް މުހައްމަދު ނާޒިމް މަޝްވަރާގެ އެއް ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންފައިވާއިރު ތިން ޕާޓީ ގުޅިގެން އެއްބަސްވެވޭ އެއް ކެނޑިޑޭޓަކު ނެރެވޭނެ ފޯމިއުލާއެއް އޮތްކަމުގައި ހާމަކުރިއެވެ.
މީގެ އިތުރުން އެ މަޝްވަރާ އިތުރަށް ފުޅާކޮށް ޕީޕީއެމް އާއި އެމްއާރްއެމް އެ މަޝްވަރާގެ ތެރެއަށް ގެނެސް އެ ފޯމިއުލާގައި ކުރިއަށްދިއުމާއިމެދު މަޝްވަރާކުރާނެކަން މިއަދު ހާމަކޮށްފައިވެއެވެ.
ކޮމަން ކެނޑިޑޭޓެއް ނެރެން ތިން ޕާޓީން އެއްބަސްވިނަމަވެސް އަބަދުވެސް ޕީޕީއެމްއިން ބުނަމުން އަންނަނީ އެ ޕާޓީން އެހެން ޕާޓީއެއްގެ ފަހަތަށް ނާރާނެކަމަށާއި ރައީސް ޔާމީން ނޫން ކެނޑިޑޭޓެއް އެ ޕާޓީން ނުނެރޭނެ ކަމަށެވެ. އެހެން ނަމަވެސް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް ކުރިމަތިލެވިދާނެކަން އަދިވެސް އޮތީ ސުވާލު އުފެދޭ ކަމެއްގެ ގޮތުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް