"2028އާ ހަމަޔަށް ތިން މިލިއަނަށްވުރެ ގިނަ ފަތުރުވެރިން އަންނާނެ"

2028އާ ހަމަޔަށް ތިން މިލިއަނަށްވުރެ ގިނަ ފަތުރުވެރިން އަންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ. ރިޔާސީ ކެމްޕޭނުގައި ހއ. ހޯރަފުށީގައި ހުންނަވައި ރައީސް ވިދާޅުވ...

19 Jul 2023 | 13:12

2028އާ ހަމަޔަށް ތިން މިލިއަނަށްވުރެ ގިނަ ފަތުރުވެރިން އަންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރިޔާސީ ކެމްޕޭނުގައި ހއ. ހޯރަފުށީގައި ހުންނަވައި ރައީސް ވިދާޅުވީ ކޮވިޑްގެ ދުވަސްވަރު، ރިސޯޓުތަކުގެ ބަދިގޭގައި މަސް ކައްކައި، ރިސޯޓު ތަކުގައި ދެން ކުރެވޭނީ ދަނޑުވެރިކަމޭ ބައެއް ސިޔާސީ ލީޑަރުން ވިދާޅުވި ކަމަށެވެ.

އޭގެ އިތުރުން، ދެން ޓޫރިސްޓުން ނާންނާނޭ ކިޔައި ސަރުކާރާ ދޭތެރޭގައި ނަފްރަތު އުފެއްދުމަށް މަސައްކަތް ކުރި ކަމަށް ރައީސް ވިދާޅުވިއެވެ.

ނަމަވެސް ކޮވިޑުން އަރައިގަނެވި، މި އަހަރު1.9 މިލިއަން ފަތުރުވެރިން އަންނާނެ ކަމަށާއި، އޭރު އެޅި ފިޔަވަޅުތަކުގެ ސަބަބުން ރާއްޖެއަށް ރަނގަޅު މުސްތަގުބަލެއް ފެންނާނެ ކަމަށް އޭރުވެސް އެނގެވަޑައިގެންނެވި ކަމަށް ރައީސް ވިދާޅުވިއެވެ.

"2028އާ ހިސާބަށް އަޅުގަނޑުމެން އަމާޒު މި ޖަހަނީ. އިރާދަކުރެއްވިއްޔާ ރާއްޖެއަށް ތިން މިލިއަނަށްވުރެ ގިނަ ޓޫރިސްޓުން ދައްޗެއް ނެތި އަންނާނެ" ރައީސް ވިދާޅުވިއެވެ.

މިއަހަރެ މިލިއަން ވަނަ ފަތުރުވެރިޔާ ރާއްޖެއައުމާއެކު 1.9 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ،

އެއް މިލިއަން ޓޫރިސްޓުން ރާއްޖެ އައުމުގެމައްޗަށް އަލިއަޅުވާލައި، މ. މުލަކުގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ2020 ވަނަ އަހަރު ތިން މަސް ދުވަހަށް ރާއްޖޭގެ ބޯޑަރު ބަންދު ކުރުމުން މުޅި އިގްތިސާދު ހުއްޓުނު ކަމަށާއި ދައުލަތަށް ލިބެން އޮތް14 ބިލިއަން ރުފިޔާ ނުލިބި ދިޔަ ކަމަށެވެ.

ކުރިން އަމާޒުކުރީ މި އަހަރު 1.8 މިލިއަން ޓޫރިސްޓުން ރާާއްޖެެ ގެނައުމަށް ކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް މިއަދުގެ ތަސައްވަރަކީ 1.9 މިލިއަން ޓޫރިސްޓުން ރާއްޖެ ގެނައުން ކަމަށް ރައީސް އެދުވަހު ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް