އިދިކޮޅުން ސުލްހަވެރި ހިނގާލުމެއް ބާއްވަނީ

އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ކޯލިޝަނުން އަންނަ ހުކުރު ދުވަހު ސުލްހަވެރި ހިނގާލުމެއް ބާއްވަން ނިންމައިފިއެވެ. "ދިވެހީންގެ ސުލްހަވެރި ހިނގާލުން" ނަމުގައި ބާއްވާ މި ހިނގާލުން ކުރިއަށް ގެންދަން ނިންމާފައި...

19 Jul 2023 | 12:57

އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ކޯލިޝަނުން އަންނަ ހުކުރު ދުވަހު ސުލްހަވެރި ހިނގާލުމެއް ބާއްވަން ނިންމައިފިއެވެ.

"ދިވެހީންގެ ސުލްހަވެރި ހިނގާލުން" ނަމުގައި ބާއްވާ މި ހިނގާލުން ކުރިއަށް ގެންދަން ނިންމާފައިވަނީ އަންނަ ހުކުރު ދުވަހުގެ ހަވީރު ހަތަރެއް ޖަހާއިރު ޕީޕީއެމް އޮފީސް ކުރިމަތިން ކަމަށް އިދިކޮޅުން ހާމަކޮށްފައިވެއެވެ.

އިދިކޮޅުން ބުނީ މި ހިނގާލުމަކީ ރައިސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ އިދިކޮޅުން ބާއްވާ ހިނގާލުމެއް ކަމެވެ. މިއީ ރައީސް ޔާމީން މިނިވަން ކުރުމަށް އިދިކޮޅުން ކުރާ މަސައްކަތުގެ ތެރެއިން އެއް ހަރަކާތެއް ކަމަށް އިދިކޮޅުން ބުނެފައިވެއެވެ.

ރައީސް ޔާމިންގެ އިންތިހާބީ ހައްގުތަކެއް ނިގުޅައިގަންނަމުންދާ ކަމަށާއި އަދި އިންތިހާބަށް ކުޑަތަންވެފައިވާ އިރު ކެމްޕޭންގައި ބައިވެރިވުމުގެ ފުރުސަތު ވެސް ލިބިވަޑައިނުގަންނަވާ ކަމަށް ޕީއެންސީގެ ރައީސް އަބްދުއް ރަހީމް އަބްދުﷲ (އަދުރޭ) ވަނީ ވިދާޅުވެފައެވެ.

އިދިކޮޅު ކޯލިޝަނުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ރައީސް ޔާމީން ޖަލުގައި ހުންނެވިއިރު، އެމަނިކުފާނާ ބައްދަލުވެ ވާހަކަ ދައްކާލާނެ ފުރުސަތެއް ނުލިބުމާއި އެކަމާ މަޝްވަރާކުރެވޭނެ ގޮތެއްވެސް ނެތުމެވެ. އަދި ސަރުކާރުގެ ގިނަ މުއައްސަސާތަކަށް ކޮންމެ ދުވަހަކު ދިޔަނަމަވެސް އެއްވެސް މުއައްސަސާއަކުން އެދެވޭ ޖަވާބެއް ނުލިބެއެވެ. މިކަމާ އިދިކޮޅުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އަންނަ ރިޔާސީ އިންތިހާބަށް ރައީސް ޔާމީންއަށް ކުރިމަތިލެވޭނީ އެމަނިކުފާނު މިހާރު ފުރުއްވަމުން ގެންދަވާ 11 އަހަރުގެ ޖަލު ހުކުމް ބާތިލުކޮށްގެން ނެވެ. އަދި އެ ހުކުމް ބާތިލު ކުރި ނަމަވެސް ކްރިމިނަލް ކޯޓުގައި މިހާރު ކުރިއަށްދާ މައްސަލަތައް ސާބިތުވެ ދިގު މުއްދަތަކަށް ޖަލަށް ލައިފިނަމަ ވެސް ކެނޑިޑެސީ ރައީސް ޔާމީނަށް ގެއްލޭނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް