ރިޔާސީ ކެމްޕޭނުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގެ ތެރެއިން، އިދިކޮޅު ސަޕޯޓަރުން އިތުރަށް ހިޔާލު ފާޅުކުރުމަށް ޕީޕީއެމް-ޕީއެންސީ ކޯލިޝަން ހިންގުމުގައި މިވަގުތު އެންމެ އިސްކޮށް ހުންނެވި އަބްދުލްރަހީމް އަބްދުﷲ ގޮވާލައްވައިފި އެވެ.
ރައީސް ސޯލިހު މީމު އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އިދިކޮޅު ސަޕޯޓަރުން ނުކުމެ ނުރުހުން ފާޅުކޮށް އެމަނިކުފާނު 'ފަހާލި' ކަމަށް ޕީޕީއެމްގެ ޖަގަހައިގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަބްދުލްރަހީމް ވިދާޅުވިއެވެ. އަދި އެ ރަށްތަކުން ނުކުތް އިދިކޮޅު ސަޕޯޓަރުންނަށް ޝުކުރު ދަންނަވަމުން އޭނާ ވަނީ ކުރިއަށް އޮތް ތަނުގައި ރައީސް ސޯލިހު ރަށްރަށަށް ވަޑައިގަތުމުން އެއަށްވުރެ ވަރުގަދައަށް ނުކުތުމަށް ގޮވާލައްވާފައެވެ.
"މާ ވަރުގަދައަށް ނުކުންނަން އެބަޖެހޭ [ރައީސް ސޯލިހު] ރަށްރަށް ދިޔައިމަ. އެއީ ކީއްވެގެންތޯ. ނުކުންނަން ޖެހެނީ މީނަ [ރައީސް ސޯލިހު] އަނިޔާވެރިވީ ހަމައެކަނި ރައީސް ޔާމީނަކަށް ނޫން. މުޅި ދިވެހި ރައްޔިތުންނަށް އަނިޔާވެރިވީ" އަބްދުލްރަހީމް ވިދާޅުވި އެވެ.
މީގެ އިތުރަށް، ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބަކީ ސައްހަ އިންތިހާބެއްކަން ކަށަވަރު ކުރުމަށް ދިވެހި އަސްކަރީ ބާރުތަކުން މަސައްކަތް ކުރެއްވުމަށްވެސް އަދުރޭ ގޮވާލެއްވި އެވެ.
ރައީސް ސޯލިހު މ. އަތޮޅުގެ ރަށްތަކަށް ކުރެއްވި ކެމްޕެއިން ދަތުރުގައި މި މަހު 16 ގައި އެ އަތޮޅު ދިއްގަރަށް ވަޑައިގެންނެވި ވަގުތު 14 ވަރަކަށް މީހުން ރައީސާ ދެކޮޅަށް އަޑުއުފުލިއެވެ. އެ މީހުންގެ ތެރެއިން ދެ މީހަކު ހައްޔަރުކުރުމަށްފަހު ދޫކޮށްލިއެވެ. ގިނަ ރަށްރަށުން އިދިކޮޅަށް މަދު ބަޔަކު ހިޔާލުފާޅުކޮށް ނުރުހުމުގެ ބަސް އިއްވައި އުޅުނު ނަމަވެސް، ހަމަނުޖެހުމުގެ މިސްރާބަށް ގޮސް ބަޔަކު ހައްޔަރުކޮށްފައިވަނީ ދިއްގަރުން އެކަންޏެވެ.
"ޑިމޮކްރެޓްސް ބޭފުޅުން ކަމަށް ވިޔަސް، ޕީޕީއެމް ބޭފުޅުން ކަމަށް ވިޔަސް އެނޫން ޕާޓީއެއްގެ ބޭފުޅުން ކަމަށް ވިޔަސް އަޅުގަނޑުމެން ރަށްރަށަށް އަރާއިރުގައި ތި ސަކަރާތް ޖަހަން ދެން ނުހަދާ. ހުރިހާ ރަށަކުން. ތި ސަކަރާތް ޖަހަން ހައްދަވައިފިއްޔާ އަޅުގަނޑުމެން މާ ވަރުގަދަވާނެ،" މުޒާހަރާ އަށް ފުރުސަތު ނުދެންވާނެ ފަދަ ރާގަކަށް އެ ރޭ ދިއްގަރުގައި ހުންނަވާ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަނީ މިފަދައިން ވިދާޅުވެފައެވެ.
އެގޮތުން ރައީސް ސޯލިހުވެސް އެ ރޭގެ ޖަލްސާގައި އިދިކޮޅުން ރަށްރަށުގައި ބޭނުންކުރަނީ ދެހާހުގެ އަހަރުތަކުގެ ކުރީކޮޅުގައި އެމްޑީޕީން ބޭނުންކުރި ސިޔާސީ އުކުޅުތައް ކަމަށް ވިދާޅުވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް