ބ. ތުޅާދޫ ކައުންސިލްގެ އެމްޑީޕީގެ ދެ މެންބަރުން، ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އުފެއްދެވި ޑިމޮކްރެޓްސްއާ ގުޅުމުން އެމްޑީޕީއަށް އެ ރަށު ކައުންސިލްގެ މެޖޯރިޓީ ގެއްލިއްޖެއެވެ.
ތުޅާދޫ ކައުންސިލަކަށް ހުންނަވާ އިސްމާއީލް ދާވޫދާއި އަހުމަދު އާދިލު ޑިމޮކްރެޓްސް އަށް ސޮއިކުރެއްވީ އެ ޕާޓީގެ ރިޔާސީ މެނިފެސްޓޯ އިފްތިތާހު ކުރުމަށް ރޭ ތުޅާދޫގައި ބޭއްވި ބައްދަލުވުމައެވެ.
މި ބައްދަލުވުމުގައި ނަޝީދުވެސް ބައިވެރިވެވަޑައިގަތެވެ. ނަޝީދު ވަނީ އަލަށް ގުޅުނު ދެ ކައުންސިލަރުންނަށް މަރުހަބާ ދަންނަވާފައިއެވެ.
ތުޅާދޫއަކީ ޒަމާނުއްސުރެ އެމްޑީޕީގެ ބޮޑު މެޖޯރިޓީއެއް އޮތް ރަށެކެވެ. އެގޮތުން އެ ދާއިރާއަކީ މަޖިލިސް އިންތިހާބުގައި އެމްޑީޕީގެ މެންބަރުން ޔަގީންކުރާ ދާއިރާއެކެވެ. މިވަގުތު ތުޅާދޫ ދާއިރާގެ މެންބަރުގެ ގޮތުގައި ހުންނެވީ ނަޝީދުގެ އަރިހުގައި ހުންނެވުމަށްފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަޅިޔާ ގުޅިވަޑައިގެންނެވި، ހިސާން ހުސައިން އެވެ.
އެހެން ނަމަވެސް، އެމްޑީޕީގެ ތެރޭގައި އުފެދުނު ދެބަސްވުންތަކާއެކު ރައީސް ސޯލިހުގެ ފަޅިއަށް ތުޅާދޫގެ މެޖޯރިޓީ ގެއްލެން ފެށުނެވެ. އަދި އެމްޑީޕީގެ ޕްރައިމަރީގައިވެސް ނަޝީދު ވަނީ ރައީސް ސޯލިހު އެ ދާއިރާއިން ބަލިކުރައްވާފައެވެ. ޕްރައިމަރީގެ ކެމްޕޭނުގެ ތެރެއިން ހިސާން އެ ރަށަށް ވަޑައިގަތުމުން ވެސް ނަޝީދުގެ ސަޕޯޓަރުން ވަނީ ނުރުހުން ފާޅުކޮށް، ހިސާންއާ ދެކޮޅަށް މުޒާރަހާވެސް ކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް