ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެއް ކެނޑިޑޭޓަކު ނެރެން ޖޭޕީ، އެމްއެންޕީ އަދި ޑިމޮކްރެޓްސް އިން އެއްބަސްވެއްޖެއެވެ.
މި ތިން ޕާޓީން މިކަމަށް އެއްބަސްވެފައިވަނީ މިއަދު ކުނޫޒުގައި ކުރިއަށްދިޔަ ބައްދަލުވުމުގައެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި ޑިމޮކްރެޓްސްގެ ފަރާތުން ރައީސް ނަޝީދާއި އެމްއެންޕީގެ ރިޔާސީ ކެނޑިޑޭޓް މުހައްމަދު ނާޒިމް މަޝްވަރާގެ އެއް ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންފައިވާއިރު ތިން ޕާޓީ ގުޅިގެން އެއްބަސްވެވޭ އެއް ކެނޑިޑޭޓަކު ނެރެވޭނެ ފޯމިއުލާއެއް އޮތްކަމުގައި ހާމަކުރިއެވެ.
މީގެ އިތުރުން އެ މަޝްވަރާ އިތުރަށް ފުޅާކޮށް ޕީޕީއެމް އާއި އެމްއާރްއެމް އެ މަޝްވަރާގެ ތެރެއަށް ގެނެސް އެ ފޯމިއުލާގައި ކުރިއަށްދިއުމާއިމެދު މަޝްވަރާކުރާނެކަން މިއަދު ހާމަކޮށްފައިވެއެވެ.
ކޮމަން ކެނޑިޑޭޓެއް ނެރެން ތިން ޕާޓީން އެއްބަސްވިނަމަވެސް އަބަދުވެސް ޕީޕީއެމްއިން ބުނަމުން އަންނަނީ އެ ޕާޓީން އެހެން ޕާޓީއެއްގެ ފަހަތަށް ނާރާނެކަމަށާއި ރައީސް ޔާމީން ނޫން ކެނޑިޑޭޓެއް އެ ޕާޓީން ނުނެރޭނެ ކަމަށެވެ. އެހެން ނަމަވެސް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް ކުރިމަތިލެވިދާނެކަން އަދިވެސް އޮތީ ސުވާލު އުފެދޭ ކަމެއްގެ ގޮތުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް