އަންނަ ރިޔާސީ އިންތިހާބުގައި އެމްއެންޕީގެ ފަރާތުން ވާދަކުރައްވާ އެޕާޓީގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް، ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑާރ އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްއާ ބައްދަލު ކުރެއްވުމަށްފަހު، ދެން އަންނަ މަޖިިލިސް އިންތިހާބެއްގައިވެސް އެކުގައި މަސައްކަތް ކުރާނެ ކަމަށް ވިދާޅުވެއްޖެއެވެ.
ގާސިމްއާ ބައްދަލުކުރެއްވުމަށް ނާޒިމްގެ ޓީމުން ސަން އައިލެންޑް ރިސޯޓަށް ވަޑައިގެންނެވީ އިއްޔެ ހެނދުނުގެ ވަގުތެއްގަ އެވެ.
އެ ބައްދަލުވުމާ ގުޅޭގޮތުން ގާސިމް ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބާއި އަދި 2024 ގެ ރައްޔިތުންގެ މަޖލީހުގެ އިންތިޚާބަށް އެކުގައި މަސައްކަތްކޮށް، މިއަދު ޤައުމަށް ދިމާވެފައިމިވާ އެކި ގޮންޖެހުންތަކުން ޤައުމު ސަލާމަތް ކުރުމަށްޓަކައި މަޝްވަރާކުރާނެ ކަމަށެވެ.
އަދި ގާސިމް ދެއްވި ދައުވަތަށް އެމްއެންޕީގެ އިސް ވެރިން ވަޑައިގެންނެވުމުން ގާސިމް ވަނީ އެ ބޭފުޅުންނަށް ޝުކުރު ދަންނަވާފައެވެ.
"އެކުވެރިކަމަކީ ގަދަފަދަ ބާރެކެވެ. ވަކިވެގަތުމަކީ ނިކަމެތިކަމެކެވެ." ގާސިމް ވިދާޅުވިއެވެ.
ނާޒިމާއެކު އެމްއެންޕީގެ ނައިބު ރައީސުން ކަމަށްވާ ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް އެ ބައްދަލުވުމަށް ވަޑައިގެންނެވިއެވެ.
މިދިޔަ މޭ މަހު ވީޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ގާސިމް ވަނީ އެމްއެންޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
އޭނާ ވިދާޅުވީ، ނާޒިމްގެ އަރިހުގައި ހުންނެވި ރިޔާޒް ހިމެނޭ ގޮތަށް ބައެއް ބޭފުޅުން ޖޭޕީ ދޫކުރައްވައި އެމްއެންޕީ އުފެއްދީ ވަކި ވިސްނުމެއްގައި ކަމަށާއި ގާސިމް “ދުއްވާލައިގެން ނޫން ގޮތަކަށް” ވެރިކަން ނުކުރެވޭނެ ކަމަށް އެ ބޭފުޅުން ވިދާޅުވެފައިވާ ކަމަށެވެ.
އެކަމާ ގުޅިގެން ނާޒިމް އޭރު ވިދާޅުވީ އޭނާއަށް ހެޔޮއެދޭ މީހަކު ގާސިމަށް ގެއްލުމެއް ނުދޭނެ ކަމަށާ އަދި އޭނާ އެފަދަ ވާހަކައެއް ވެސް ނުދައްކަވާނެ ކަމަށެވެ. އަދި ގާސިމާ މެދު އޭނާގެ ހިތުގައި އޮތީ އިހުތިރާމް ކަމަށަވެސް ނާޒިމް ވިދާޅުވެފައިވެއެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ގާސިމް ވަނީ މިދިޔަ ހަފްތާގައި އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީގެ އިސް ވެރިންނާ ވެސް ބައްދަލުކުރައްވާފަ އެވެ. އެ ބައްދަލުވުމަށް ފަހު ގާސިމް ވަނީ، ޖަލަށް ލާފައިވާ ކުރީގެ ރައީސް އަދި އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީނަށް އިންސާފުވެރި ޝަރީއަތެއް ލިބެން ޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް