ރާއްޖެއިން ހައްޖަށްދިޔަ ހައްޖުވެރިން މާދަމާ ރާއްޖެ އަންނަން ފަށާނެ

މި އަހަރު ރާއްޖެއިން ޙައްޖަށް ދިޔަ ދިވެހި ޙައްޖުވެރިން މާދަމާ ރާއްޖެއަންނަން ފަށާނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ. އެ މިނިސްޓްރީން ބުނީ ދިވެހި ހައްޖުވެރިން ރާއްޖެގަޑިން ހެނދުނު 10:10ގައި ރާ...

19 Jul 2022 | 11:20

މި އަހަރު ރާއްޖެއިން ޙައްޖަށް ދިޔަ ދިވެހި ޙައްޖުވެރިން މާދަމާ ރާއްޖެއަންނަން ފަށާނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ބުނީ ދިވެހި ހައްޖުވެރިން ރާއްޖެގަޑިން ހެނދުނު 10:10ގައި ރާއްޖެ އަންނަން ފަށާނެ ކަމަށެވެ.

ރާއްޖެއިން މިއަހަރު ޖުމްލަ 453 ޙައްޖުވެރިން ޙައްޖުގެ އަޅުކަން އަދާކުރުމަށް ދިޔައެވެ.

މި ޙައްޖުވެރިން ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ ތިން ފްލައިޓެއްގައެވެ. އެއީ މާދަމާ އޮންނަ ފްލައިޓާއި، މި އަންނަ ހޮނިހިރުދުވަހާއި އަންނަ ހަފްތާގެ ބުދަދުވަހުއެވެ.

މާދަމާގެ ފްލައިޓުން 157 ޙައްޖުވެރިން އަންނަން ހަމަޖެހިފައިވާއިރު، 23 ޖުލައިގެ ފްލައިޓުން އަންނާނީ 175 ޙައްޖުވެރިން ކަމަށް އެ މިނިސްޓްރީން ބުނެއެވެ. އަދި 27 ޖުލައިގެ ފްލައިޓްއިން އަންނާނީ 117 ޙައްޖުވެރިން ކަމަށް ވެސް ބުންޏެވެ.

މި ހައްޖުވެރިންނަށް ޚާއްސަކޮށް ޚިދުމަތްދިނުމަށްޓަކައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ޙައްޖުވެރިންނަށް ޚާއްސަ ސަރަޙައްދެއް ހަމަޖައްސާފައިވާއިރު، އެކަމަށްޓަކައި އެ ކުންފުނީގެ އިތުރު މުވައްޒަފުންވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވާނެއެވެ.

މިފަހަރު ޙައްޖާޖީން ބަލާ އެއަރޕޯޓަށް ދުރުވާ ބޭފުޅުންނަށް ޚާއްސަކޮށް ވެހިކަލްތަކެއް ވަނީ ހިލޭ ދަތުރުކުރެވޭ ގޮތަށް ހަމަޖައްސާފައެވެ. އެގޮތުން ކޮންމެ 15 މިނެޓަކުން ބަސްދަތުރުތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އެހެންނަމަވެސް ބަސްތަކުގައި ގިނަ އަދަދެއްގެ ލަގެޖް އުފުލާނެ ޖާގަ ނެތުމާއި ގުޅިގެން ޙައްޖުވެރިންގެ ލަގެޖް ގެންދިޔުމުގެ އިންތިޒާމު ހަމަޖައްސަންޖެހޭނީ އެ ބޭފުޅަކު އަމިއްލައަށެވެ.

މާލެއިން ހުޅުމާލެއަށް ވަޑައިގަންނަވާ ބޭފުޅުންނަށް  ވެސްޓްޕާކާއި، ކާނިވާ ސަރަހައްދާއި، ހުޅުމާލެ ފޭސް 1 އިން، އަދި ހުޅުމާލެ ފޭސް 2 އިން އެއަރޕޯޓަށް ވަޑައިގެންނެވުމަށް ވެހިކަލްތައް ހަމަޖެހިފައިވާނެއެވެ.

އެގޮތުން މި ހަތަރު ސަރަހައްދުންވެސް ހެނދުނު 9:45، 10:00، 10:15، އަދި 10:30ގައި ބަސްތައް އޮންނާނެއެވެ.

އެއަރޕޯޓުން ވަޑައިގަންނަވާ ބޭފުޅުންނަށް ޚާއްސަ ބަސްތައް އޮންނާނީވެސް މި ހަތަރު ސަރަހައްދުގައި، މެންދުރުކުރި 11:00، 11:15، 11:30، 11:45، އަދި 12:00 އަށެވެ.

މިދަތުރުތައް ހަމަޖެހިފައިވާއިރު މޯލްޑިވްސް ޕޮލިސް ސާރވިސްއިން ޚާއްސަގޮތެއްގައި މި ސަރަހައްދުތަކުގައި ޓްރެފިކް ބަލަހައްޓަވާނެއެވެ. އަދި ޙައްޖުވެރިން ޓެކްސީތަކާއި ހަމައަށް ގެންގޮސްދިނުމުގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން އެހީތެރިކަން ފޯރުކޮށްދެއްވާނެއެވެ.

މީގެ އިތުރުން އްލި ޙާލަތެއް ދިމާވެއްޖެނަމަ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ރެޑްކްރެސެންޓްގެ އެމްބިއުލާންސް ވެސް އެއަރޕޯޓުގައި އޮންނާނެއެވެ.

ރާއްޖެއިން ޙައްޖަށްދިޔަ ހުރިހާ ޙައްޖުވެރިންވެސް ވަނީ ޙައްޖުގެ މަތިވެރިއަޅުކަން އަދާކޮށް ނިމި ފުރުމަށް ތައްޔާރުވެފައެވެ. އަދި ހުރިހާ ޙައްޖުވެރިންގެ ޙާލުވެސް ރަނގަޅުކަމަށް ރާއްޖޭގެ ޙައްޖުމިޝަން އިން މަޢުލޫމާތުދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް