ރާއްޖޭގައި މޫދުކުޅިވަރުގެ ހަރަކާތްތައް ބޭއްވުމަށް ސަރުކާރުން ޚާއްސަ އިސްކަމެއްދޭ: ރައީސުލްޖުމްހޫރިއްޔާ

ރާއްޖޭގައި މޫދުކުޅިވަރުގެ ހަރަކާތްތައް ބޭއްވުމަށް ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އަަލަށްއެކު...

19 Jul 2022 | 08:54

ރާއްޖޭގައި މޫދުކުޅިވަރުގެ ހަރަކާތްތައް ބޭއްވުމަށް ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އަަލަށްއެކުލަވާލި ނެޝަނަލް ބޮޑީބޯޑިންގ ސީނިއަރ ޓީމާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރާއްޖޭގައި މޫދުކުޅިވަރުގެ ހަރަކާތްތައް ބޭއްވުމަށް ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވާކަން ފާހަގަކުރައްވައި، މިމުބާރާތުގައި ބައިވެރިވާ ރާއްޖޭގެ އެތުލީޓުންނަށް ކާމިޔާބީއަށް އެދިވަޑައިގެން، ހިއްވަރުދެއްވިއެވެ. އަދި ބޮޑީ ބޯޑިންގއަކީ ރާއްޖޭގައި ކުރިއަރުވައި ތަރައްޤީކުރުމަށް ފުރުޞަތު އޮތް ކުޅިވަރެއްކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން ރާއްޖެއަކީ ވަށައިގެން މޫދު އޮތް ޤައުމަކަށް ވާއިރު، ރާއްޖޭގައި މޫދުކުޅިވަރުތައް ކުރިއަރުވައި ތަރައްޤީކުރުމަކީ ފަސޭހައިން ކުރެވޭނެ ކަމެއްކަން ފާހަގަކުރައްވާ، ކޯވިޑްގެ ދަތިކަމާއި އެކުވެސް ފާއިތުވި ދެ އަހަރުގެ ތެރޭގައި މިހާތަނަށް ބޭއްވިފައި ނުވާހައި ގިނަ ބައިނަލްއަޤުވާމީ މުބާރާތްތައް ރާއްޖޭގައި ބޭއްވިފައިވާކަންވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

މިބައްދަލުކުރެއްވުމުގައި ޔޫތު މިނިސްޓަރ އަހުމަދު މަޚުލޫފު ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި މިއަހަރު ބޮޑީބޯޑިންގ ބައިނަލްއަޤުވާމީ މުބާރާތެއް ބޭއްވޭނެކަން ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ހާމަކުރައްވާފައިވާ ކަން ފާހަގަކުރައްވައި، މޫދުކުޅިވަރު ކުރިއެރުވުމަށް ރައީސުލްޖްހޫރިއްޔާ އާއި ސަރުކާރުގެ ފަރާތުން ދެއްްވާ އެއްބާރުލުމާއި އެހީތެރިކަމަށް ޝުކުރުއަދާކުރެއްވިއެވެ. އަދި މިމުބާރާތުގައި ބައިވެރިވާ އިންޓަރނޭޝަނަލް އެތުލީޓުންގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުވެގެންދާނެކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި ނެޝަނަލް ބޮޑީބޯޑިންގ ސީނިއަރ ޓީމުގެ އޮފިޝަލުން ވަނީ މުބާރާތާއި ބެހޭ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރައްވާފައެވެ. މިގޮތުން މިހާތަނަށް މިމުބާރާތުގައި ރާއްޖޭގެ އެތުލީޓުންގެ އިތުރުން 100 ވުރެ ގިނަ އިންޓަރނޭޝަނަލް އެތުލީޓުން ބައިވެރިވެފައިވާކަމާއި، އެ އެތުލީޓުންގެ ތެރޭގައި ބޮޑީބޯޑިންގ ގެ ވޯލްޑް ޗެމްޕިއަނުން ހިމެނޭކަންވެސް ފާހަގަކުރެއްވިއެވެ.

މިބައްދަލުކުރެެއްވުމުގައި ވަނީ، އައިބީސީ ބޮޑީބޯޑިންގ ވޯލްޑު ޓުއަރގައި، ރާއްޖޭގައި ބާއްވާ މުބާރާތްކަމުގައިވާ، ވިޒިޓް މޯލްޑިވްސް ޕްރޯ-2022ގައި ރާއްޖެ ތަމްސީލްކުރާ، ނެޝަނަލް ބޮޑީބޯޑިންގ ޓީމުގެ ޖާޒީ އާއި ރާއްޖޭގެ ޓީމް ޕްރޮމޯޓު ކުރުމަށް ބޭނުން ކުރާ ޓީޝާޓު ރައީސުލްޖުމްހޫރިއްޔާއަށް ވެދުމަށް އަރުވާފައެވެ.

މިމުބާރާތުގައި ބައިވެރިވުމުގެ ސުންގަޑި މިމަހުގެ 27 ގައި ހަމަވާއިރު، މިހާތަނަށް ދުނިޔޭގެ 13 ޤައުމެއްގެ އެތުލީޓުން ވަނީ މުބާރާތުގައި ބައިވެރިވެފައެވެ. މިމުބާރާތް ކުރިޔަށްދާނީ، ޖުލައި 29 އިން އޮގަސްޓް 7ށް މާލޭގައެވެ. މިއީ ދެކުނު އޭޝިއާ ސަރަހައްދުގައި ބާއްވާ ބައިނަލްއަޤުވާމީ މިފަދަ ފުރަތަމަ މުބާރާތެވެ.

މިބައްދަލުކުރެއްވުމުގައި މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހުމަދު މަޚުލޫފާއި އެމިނިސްޓްރީގެ އިސްވެރިންނާއި، މޯލްޑިވްސް ބޮޑީބޯޑިންގ އެސޯސިއޭޝަންގެ އިސްބޭފުޅުންނާއި، ނެޝަނަލް ބޮޑީ ބޯޑިންގ ސީނިއަރ ޓީމްގެ މެމްބަރުންނާއި އޮފިޝަލުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް