ޖަޕާނުގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ ވަނީ ޖަޕާނުގެ ކުރިއެރުމާ ތަރައްޤީއަށްޓަކައި ގިނަގުނަ އަގުހުރި މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ޝިންޒޯ އަބޭ އަވަހާރަވުމާއި ގުޅިގެން އެމަނިކުފާނުގެ ހަނދާނުގައި ހުޅުވާފައިވާ ތަޢުޒިޔާގެ ދަފްތަރުގައި މިއަދު ސޮއިކުރައްވާ، ލިޔުއްވި ބަޔާނުގައެވެ.
ރައީސް ސޯލިހު، ޖަޕާންގެ ކުރީގެ ބޮޑު ވަޒީރު ޝިންޒޯ އަބޭ ސިގަކުރައްވާފައިވަނީ ދުރުވިސްނިވަޑައިގަންނަވާ ލީޑަރެއްގެ ގޮތުގައެވެ. އަދި، އެމަނިކުފާނަކީ ރާއްޖެއާ ގާތް ގުޅުމެއް ބޭއްވެވި ބޭފުޅެއް ކަމަށް ވެސް ފާހަގަކުރައްވާފައިވެއެވެ.
މީގެ އިތުރުން ޝިންޒޯ އަބޭގެ ހަނދާންތައް ރާއްޖޭގެ ރައްޔިތުން އަބަދުވެސް އާކުރާނެކަމުގައި ދިވެހިރާއްޖޭގައި ހުންނަ ޖަޕާނުގެ އެމްބަސީގައި ހުޅުވާފައިވާ މި ތަޢުޒިޔާގެ ދަފްތަރުގައި ރައީސުލްޖުމްހޫރިއްޔާ ލިޔުއްވާފައިވެއެވެ.
ޝިންޒޯ އަބޭ އަވަހާރަކޮށްލާފައިވަނީ މި ޖުލައި މަހުގެ 8 ވަނަ ދުވަހު ހިނގި ހާދިސާއެއްގައި ލިބިވަޑައިގެންނެވި ޒަޚަމްތަކަށް ފަރުވާދެމުން ދަނިކޮށްނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް