މަސްތުވާތަކެއްޗާއި ދެކޮޅަށް ކަސްޓަމްސް އޮފިސަރުން ކުރަމުންދާ މަސައްކަތުގައި ރަނގަޅު ނަތީޖާ ފެންނަމުންދޭ: ރައީސް

މަސްތުވާތަކެއްޗާއި ދެކޮޅަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ އޮފިސަރުން ކުރަމުންދާ މަސައްކަތުގައި ރަނގަޅު ނަތީޖާއެއް ފެންނަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވ...

19 Jul 2022 | 04:27

މަސްތުވާތަކެއްޗާއި ދެކޮޅަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ އޮފިސަރުން ކުރަމުންދާ މަސައްކަތުގައި ރަނގަޅު ނަތީޖާއެއް ފެންނަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ 132 ވަނަ އަހަރީ ޙަފްލާ ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވަނީ މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ މަސައްކަތްތަކުގެ ތެރެއިން ނޮވެންބަރު 2018 އިން ފެށިގެން މިހާތަނަށް، 182 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ކަސްޓަމުން އަތުލައިގަނެފައިވާކަން ފާހަގަކުރައްވާފައެވެ.

އެއީ އޭގެ ކުރީގެ 5 އަހަރާ އަޅައިބަލާއިރު، 32 އިންސައްތައިގެ އިތުރުވުމެއް ކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ކަސްޓަމްސްގެ ޚިދުމަތްތައް ތަރައްޤީކުރުމަށް ކުރެވެމުންދާ މަސައްކަތްތައް ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސަރުކާރުގެ އަމާޒަކީ، ކަސްޓަމްގެ ޚިދުމަތްތައް ހަރުދަނާކޮށް، ރާއްޖެއަށް ކުރިމަތިވެފައިވާ، މަސްތުވާތަކެތީގެ މައްސަލަތަކާއި ޓެރަރިޒަމާއި މަނީ ލޯންޑަރިންގެ މައްސަލަތަކަށް އެދެވޭ ޙައްލެއް ހޯދުން ކަމުގައި ވެސް ވިދާޅުވެފައެވެ.

ކަސްޓަމްސްގެ ޚިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ކުރަންޖެހޭ ހުރިހާ ކަމެއް ސަރުކާރުން ކުރަމުންދާނެ ކަމުގެ ޔަޤީންކަން ދެއްވާ ރައީސް ވިދާޅުވީ ކަސްޓަމްސް މުވައްޒަފުންގެ ޒިންމާތަކަށް ބަލާއިރު، ކަސްޓަމްސް އޮފިސަރުންނަކީ އެކި ބާވަތުގެ ނުރައްކާތަކަށް އަބަދުމެ ހުށަހެޅެމުންދާ ބައެއް ކަމަށެވެ.

ރާއްޖެއަށް އެތެރެކުރަން މަސައްކަތް ކުރާ ނުރައްކާތެރި ހަތިޔާރާއި އެކި ބާވަތްތަކުގެ ނުރައްކާތެރި ޑްރަގްސް ފަދަ ތަކެތި ރާއްޖެއަށް އެތެރެވިޔަނުދީ ހުއްޓުވުމަކީ ވެސް ކަސްޓަމްސް އޮފިސަރުންގެ ޒިންމާއެއް ކަމަށް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

"ކަސްޓަމްސްގެ މުވައްޒަފުންނަކީ އެފަދަ ނުރައްކާތަކާ ކުރިމަތިލާން ތައްޔާރަށް ތިބޭ ބަޔަކަށް ހެދޭނީ، އެމުވައްޒަފުންގެ އަސާސީ ބޭނުންތައްވެސް ފުރިހަމަ ކޮށްދެވިގެން." ރައީސް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް