ދުވަހުގެ މޫސުމަށް ބަލައިލާއިރު ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކޮށް، ބައެއް ރަށްރަށަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާކަމުގައި މޫސުމާއިބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މިހެން ބުނެފައިވަނީ މިއަދު އިރުއޮއްސުމާއި ހަމައަށް ލަފާކޮށް ނެރެފައިވާ މޫސުމީ ބުލެޓިންގައެވެ.
މޫސުމީ އެ ބުލެޓިންގައި ބުނެފައިވާގޮތުގައި ހުޅަނގާއި ހުޅަނގު އުތުރުން އުތުރާއި މެދުރާއްޖޭގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާއި ދެމެދުގެ ބާރުމިނުގައި، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު ފަސް މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. ވިލާގަނޑުގައި ގަޑިއަކު 45 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާކަމަށްވެސް ބުނެފައިވެއެވެ.
މެޓުން ބުނެފައިވާގޮތުގައި އުތުރާއި މެދުރާއްޖޭގައި އާދައިގެވަރަކަށް ކަނޑުތައް ގަދަވެފައި، ދެކުނުގައި އާދައިގެވަރަކަށް ކަނޑުތައް މަޑުވާނެއެވެ. ވިލާގަނޑުގައި ހުރިހާ ހިސާބެއްގައިވެސް ކަނޑުތައް ގަދަވާނެކަމަަށްވެސް ބުނެފައިވެއެވެ.
ރާޅުގެ އުސްމިން މިއަދު ހުންނާނެކަމަށް ލަފާކޮށްފައިވަނީ ތިން ފޫޓާއި ހަ ފޫޓާއި ދެމެދުގެ އުސްމިނެއްގައެވެ. ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް މެޓުން އިލްތިމާސްކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް