ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ދިވެހި ރައްޔިތުންނަށް އަލްހާ އީދުގެ ތަހުނިޔާ ފޮނުއްވައިފި އެވެ.
ރައީސް ސޯލިހު އީދުގެ ތަހުނިޔާ ފޮނުއްވައި ނެރުއްވި ބަޔާނުގައި ވިދާޅުވީ ކޯވިޑްގެ ހިތި ތަޖުރިބާތަކުން ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް ގެނުވާފައިވާ ކަމަށެވެ. މި ދަނޑިވަޅުގައި އެންމެ މުހިންމު އިސްކަމެއް ދޭންޖެހިފައިވަނީ އާއިލީ ގުޅުންތައް ބަދަހިކުރުމަށާއި ރަހްމަތްތެރިކަމާއި އެކުވެރިކަމުގެ ގުޅުންތައް އާލާކޮށް ދެމެހެއްޓުމަށް ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސްގެ ބަޔާނުގައި ވިދާޅުވީ ހައްޖުގެ އަޅުކަމާއި އަލްހާ އީދުގެ އުފާ ފާޅުކުރުމާ ދެމެދުގައި އޮތް ގުޅުމާ މެދު ވިސްނުން ހިންގައި އެ ގުޅުން ދެމެހެއްޓުމަށް ހާއްސަ އިސްކަމެއް ދޭންޖެހޭ ކަމަށެވެ. އަދި އީދުގެ އުފާފާޅުކުރުންތައް ލައްވާފައިވަނީ ގުޅުންތަކަށް އަންނަ ހީނަރުކަން ނައްތާލައި އެ ގުޅުންތައް އަލުން ބަދަހިކުރުމަށް ކަމަށް ވިދާޅުވިއެވެ.
އެހެންކަމުން އީދުގެ އުފާ ފާޅުކުރުމުގައިވެސް އެންމެ ބޮޑު އިސްކަމެއް ދޭންޖެހިފައިވަނީ ގައުމީ އެއްބައިވަންތަކަށް އާލާކޮށް މުޖުތަމައުގެ ހަމަޖެހުމާއި ސުލްހަވެރިކަން ދެމެހެއްޓުމަށް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިއަދު ކުރިމަތިލާންޖެހިފައި މިވާ ކޯވިޑްގެ ދަތި އުނދަގޫތަކުން އަރައިގަތުމުގައިވެސް އެންމެ ވަރުގަދަ ބާރަކީ ދިވެހިންގެ މެދުގައި އޮންނަ އެކުވެރިކަމާއި އެއްބައިވަންތަކަން ކަމަށެވެ.
އީދުގެ އުފާ ފާޅުކުރާއިރު ގައުމީ ފެންވަރުގައި ވިސްނުން ހިންގަން ޖެހިފައިވަނީ ބައިބައިވުންތަކާއި ދެކޮޅުވެރިކަމުގެ އެންމެހައި ވިސްނުންތައް އަޅުގަނޑުމެންގެ ސިކުނޑިތަކުން އެއްފަރާތްކޮށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް